Advertisement

ޑޮލަރު މާރުކުރަން ޖެހޭތީ ދަތިތައް ދިމާވެ ޓީއެމްއޭގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމައިފި

18 ޖޫން 2025 - 11:47 6

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓީއެމްއޭގެ ސީޕްލޭނެއް: ޑޮލަރުގެ ތާށިކަން ބޮޑުވެ ޓީއެމްއޭގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން މިހާރު ވަނީ ނިންމާފަ --- ފޮޓޯ: އަދަދު


ޑޮލަރު މާރުކުރަން ޖެހޭތީ ދަތިތައް ދިމާވެ ޓީއެމްއޭގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމައިފި

18 ޖޫން 2025 - 11:47 6

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ސަރުކާރުން މަޖުބޫރުކުރުމާ ގުޅިގެން ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ބޮޑުވެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއިން ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާ ގޮތުން މި ހިނގާ ޖޫން މަހުން ފެށިގެން މުސާރަ ޖަމާކުރާނީ ބޭންކް ރޭޓުގައި ކުރިން ޑޮލަރުން ދެމުން އައި މުސާރައަށް ޖެހޭ ވަރުގެ ރުފިޔާ އެވެ. އެކަން އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

މިކަމާ ގުޅޭގޮތުން ޓީއެމްއޭ އިން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

މިއާއެކު ޓީއެމްއޭގެ މުވައްޒަފުންނަށް އާމްދަނީ ދަށްވާނެ އެވެ. ރާއްޖޭގައި ޑޮލަރުން މުސާރަ ލިބޭ ގިނަ މީހުން އެ ޑޮލަރު މާރުކުރަނީ ކަޅު ބާޒާރަށެވެ. ކަޅު ބާޒާރުގައި މިހާރު ހުރި ރޭޓުތަކަށް ބަލާއިރު ރުފިޔާއިން މުސާރަ ދޭން ފެށުމުން ކޮންމެ 100 ޑޮލަރަކުން ޓީއެމްއޭގެ މުވައްޒަފުންނަށް 400 އެއްހާ ރުފިޔާ ގެއްލޭނެ އެވެ.

ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް، ޓީއެމްއޭގައި މިވަގުތު 1،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. އޭގެތެރޭގައި ޕައިލެޓުންނާއި ކެބިން ކްރޫއިން އަދި ގްރައުންޑް އަދި ޓެކްނިކަލް ސްޓާފުންނާއި އިދާރީ މުވައްޒަފުން ހިމެނެ އެވެ. މި ކުންފުނީގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން ވެސް އެބަ ތިއްބެވެ.

ޑޮލަރު މާރުކުރަން މަޖުބޫރުކުރުވުމާއެކު ބައެއް ރިސޯޓުތަކުން ވަނީ ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއަށް ބަދަލުކޮށްފަ އެވެ. މުސާރައިގެ އިތުރުން ބައެއް ރިސޯޓުތަކުން ދަނީ ސާވިސް ޗާޖު ވެސް ޑޮލަރުން ދިނުމާމެދު މަޝްވަރާ ކުރަމުންނެވެ.

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ތާށިކަން އިތުރުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 19.50ރ. ގަ އެވެ. މި އަގަށް ވެސް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ ޕަސެންޓު ދައްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.