ޑޮލަރުގެ ތާށިކަން ބޮޑުވަމުންދާތީ ރައީސް އޮފީހަށް މަޓީގެ ބޯޑު މެންބަރުން ހާޒިރުކޮށް "ބިރު ދައްކައިފި"

Aug 24, 2026, 9:37 AM
މަޓީގެ 34 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޓީ

މަޓީގެ 34 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޓީ

ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތްތައްކޮށް ޑޮލަރުގެ އަގު މަތީގައި ހިފެހެއްޓުމަށް ބައެއް ރިސޯޓުތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، އެ ވިޔަފާރި ކުރާ މީހުންނަށް ސަރުކާރުން "ބިރުދައްކައިފި" އެވެ. 

މި މައްސަލައިގައި ވާހަކަ ދެއްކުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ކުއްލި ގޮތަކަށް ރައީސް އޮފީހަށް ހާޒިރު ކުރީ އިއްޔެ އެވެ. 

އިތުބާރުކުރެވޭ މަސްދަރުތަކުން ކިޔައިދިން ގޮތުގައި އިއްޔެ މެންދަރު 1:30 ގައި ބޭއްވި އެ ބައްދަލުވުމަށް މަޓީއަށް ދައުވަތު ފޮނުވީ ހެނދުނު 10:30 ހާއިރު އެވެ. މި ކުއްލި ބައްދަލުވުމުގައި މަޓީގެ ފަރާތުން އެންމެ އިސްކޮށް ވަޑައިގެންނެވީ ސޮލާހު ޝިހާބެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މީގެ އިތުރުން ބީއެމްއެލްގެ ޗެއާމަން އަދި ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. 

މި ބައްދަލުވުމަށްފަހު މަޓީގެ ސެކްރެޓޭރިއޭޓުން އެ ޖަމއްޔާގެ މެންބަރުންނަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހިންގަމުންދާ ތަހުގީގުތަކުން ބައެއް ރިސޯޓު އޮޕަރޭޓަރުން ޣައިރުގާނޫނީ މުއާމަލާތްތައް މެދުވެރިކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ނަމަވެސް، މަޓީން ވަނީ އެފަދަ ގާނޫނާ ހިލާފު އެއްވެސް އަމަލެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި، ހުރިހާ މެންބަރުން ވެސް ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އަބަދުވެސް އިލްތިމާސްކުރަމުންދާ ކަމަށް ސަރުކާރަށް ދެންނެވި ކަމަށް އީމައިލްގައި ބުނެފައިވެ އެވެ. 

މި ބައްދަލުވުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަން ނުޖެހުމަށް އެދި މައުލޫމާތު ދިން ރިސޯޓު އޯނަރަކު ބުނި ގޮތުގައި، ސަރުކާރުން ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރިސޯޓުތަކުގެ ހެކި ހުރި ކަމަށް އެ ބައްދަލުވުމުގައި ބުނެފަ އެވެ. 

"މިއީ ބިރު ދެއްކުން. އެމީހުން [ސަރުކާރުން] ގަބޫލުކުރަނީ މިއީ ރިސޯޓުތަކުގެ ސަބަބުން އުފެދިގެން އުޅޭ މައްސަލައެއް ކަމަށް. އެއީ ހަގީގަތެއް ނޫން. ސަރުކާރުން ބޮޑުކުރާ ހުރިހާ ޓެކްސްއެއް، އަދި ހުރިހާ އުސޫލުތަކަކަށް ރިސޯޓުތަކުން ތަބާވޭ،" އަދަދު ނޫހާ ވާހަކަ ދެއްކި ރިސޯޓުވެރިޔަކު ވިދާޅުވި އެވެ. 

" ގޯސްކޮށް ކަމެއް ކުރާނެ ބަޔަކު ނޫޅޭނެއެކޭ ނޫން. ހެކި ހުރި ނަމަ ފިޔަވަޅު އަޅަންވީ ނޫންތޯ."

މައްސަލަ ހައްލުނުވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު 30ރ. އަށް އަރާނެ: ޒުހޫރު

ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަނުކޮށްފިނަމަ، ކުރިއަށް އޮތް ތަނުގައި ޑޮލަރެއްގެ އަގު 30ރ. އަށް އުފުލިދާނެ ކަމުގެ ޔަގީންކަން ޒުހޫރު ދެއްވި. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓު 40 އިންސައްތަ ކުޑަކުރަންޖެހޭ ކަމަށާއި، މިހާރު ކުރަމުންދާ ހަރަދުތަކުގެ ސަބަބުން ޑޮލަރަށް އޮތް ޕްރެޝަރު ބޮޑުވަމުންދާކަން އޭނާ ފާހަގަކުރެއްވި.

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވިދާޅުވަނީ ޑޮލަރުގެ ތާށިކަމަކީ ރިސޯޓުތަކުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ސަރުކާރުތަކުގެ ސިޔާސަތައް ގޯސްވުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އަސްލު މައްސަލައަށް ފަރުވާ ނުހޯދައި ވިޔަފާރިވެރިންނަށް ބިރުދެއްކުމަކުން ހާލަތު ރަނގަޅެއް ނުވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. 

"މިހާރު ރާއްޖެއަށް އޭ-ގްރޭޑުގެ ކަންނެލި ވެސް އެބަ އެތެރެކުރޭ. މިއީ އެންމެ މިސާލެއް. ސަރުކާރުން ޑޮލަރު ބޭރުވާ ކަންކަން ހައްލު ނުކޮށް ކިހިނެއްތޯ މުޅި މައްސަލަ ހައްލުވާނީ،" އެހެން މީހަކު ބުންޏެވެ. 

ޑޮލަރުގެ ތާށިކަން އިތުރަށް ބޮޑުވާން ފެށުމާއެކު، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ވަނީ ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ. އެއީ ރަހާ ރިސޯޓު އަދި ސައުތު ޕާމް މޯލްޑިވްސް އެވެ.

ބޮލަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލައި، ރިސޯޓުތަކުގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކުރަނީ

ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް އެމްއެމްއޭއިން ފަށައިފި. މި ބަދަލު ގެންނަނީ ރިސޯޓުތަކުން މާރުކުރާ އަދަދުތަކުގެ ފަރަގު ކުޑަކޮށް، އިގުތިސޯދުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށް.

އެމްއެމްއޭއިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނެފައިވަނީ 78 ޕަސެންޓު ތަންތަނުން ގަވާއިދުން ޑޮލަރު މާރުކުރެ އެވެ. އަދި 20 ޕަސެންޓު ތަނުން އެކަށީގެންވާ ގޮތެއްގައި މާރުނުކުރާއިރު، އޭގެ ތެރެއިން ގިނަ ތަންތަނުން ވަނީ ކޮންސެޝަން ދިނުމަށް އެދިފަ އެވެ.

ކެޓަގަރީ ބީ (ގެސްޓްހައުސް، ހޮޓާ، ސަފާރީ) ގައި ހިމެނޭ ތަންތަނުގެ 48 ޕަސެންޓު ތަނުން ރަނގަޅަށް މާރުކުރާއިރު، 15 ޕަސެންޓު ތަނުން އެކަށީގެންވާ ގޮތެއްގައި މާރުނުކުރެ އެވެ. އަދި 37 ޕަސެންޓު ތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ.

ކެޓަގަރީ ސީ (އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރި) ގައި ހިމެނޭ 38 ޕަސެންޓު ތަނުން ރަނގަޅަށް މާރުކުރާއިރު، 33 ޕަސެންޓު ތަނުން އެކަށީގެންވާ ގޮތެއްގައި މާރުނުކުރެއެވެ. އަދި 29 ޕަސެންޓު ތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ.

އެމްއެމްއޭއިން މިހާރު ދަނީ ރިސޯޓުތަކަށް އަންނަ މީހެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކެޓަގަރީ ސީ ގައި ހިމެނޭ ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ އާމްދަނީގެ މިންގަނޑު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ އަހަރު ޓޫރިޒަމް ދާއިރާއިން 1.7 ބިލިއަން ޑޮލަރު (26.2 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވެ އެވެ. މީގެ ސަބަބުން ކުރިން 15-9 ޕަސެންޓުގައި ހުރި ޑޮލަރު މާރުކުރުމުގެ ނިސްބަތް ވަނީ 21 ޕަސެންޓަށް އުފުލިފަ އެވެ.

ނަމަވެސް ޑޮލަރުގެ އަގު ދަށް ނުވެ، މިހާރު ޑޮލަރެއް ވަނީ 22.90 އަށް އަރައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox