މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، ގެ ބަންދުގެ މުއްދަތު ގާނޫނާ ހިލާފަށް ޖެހި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުން އޭނާ ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސްފަހުން މިދިޔަ މަހުގެ 24، ގަ އެވެ. އޭނާގެ ބަންދަށް ފުރަތަމަ ފަސް ދުވަސް ޖެހުމަށް ފަހު ބަންދަށް 10 ދުވަސް ފަހުން އިތުރު ކުރި އެވެ. އޭގެފަހުން މިމަހުގެ 10، ގައި އަނެއްކާވެސް ފަސް ދުވަސް އޭނާގެ ބަންދަށް އިތުރު ކުރި އެވެ.
އެ ދުވަހު މުއްދަތުގެ މަޖިލީހަށް ރައުދު ހާޒިރު ކުރުމުން ފުލުހުން އެންމެ ފުރަތަމަ ކޯޓުގައި އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ.
ނަމަވެސް އެ މާއްދާގެ ދަށުން އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށް ދިފާއީ ވަކީލުންގެ ފަރާތުން ވަކާލާތު ކުރުމުން ދެން ފުލުހުން އެދުނީ އެ މާއްދާގެ ޅ. ގެ ދަށުން ބަންދުކޮށްދިނުމަށެވެ. ދިފާއުން ވަކާލާތު ކުރީ އެ މާއްދާގެ ދަށުން ވެސް އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ.

އެއަށްފަހު ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ފަހު ގާޒީ އަމިއްލައަށް ނިންމެވީ ރައުދު ދޫކޮށްލާފައި ހުރުމަކީ މުޖުތަމައުގެ ކަންކަން ހުރި ގޮތުން އެންމެ ރަނގަޅު ކަމަށް ނުވެދާނެތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. ގެ ދަށުން އޭނާގެ ބަންދު ފަސް ދުވަހަށް އިތުރު ކުރުމަށެވެ. އެގޮތަށް ނިންމީ ގާޒީ އަމިއްލަ އަށެވެ. އެއީ ދެ ހަސްމުން ވެސް ހުށަހެޅި މާއްދާއެއް ނޫނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ހަ ވަނަ ބާބުގެ ދަށުން 60 ވަނަ މާއްދާގެ ށ. ގައި އޮންނަނީ ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް އެ މާއްދާއާ ހަވާލާދީ ރައުދު ބަންދު ކުރަން މިމަހުގެ 10، ގައި ކްރިމިނަލް ކޯޓުން އަމުރު ކުރީ ފަސް ދުވަހަށެވެ.
titledesc
ގާނޫނުގެ އެ މާއްދާއާ ހަވާލާދީ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރިފަހުން މިމަހު 15، ގައި އަނެއްކާވެސް އިތުރު 20 ދުވަހު ރައުދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާކަމަށް އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް ކަށަވަރު ކޮށްދީފައިވެ އެވެ.
ގާނޫނާ ހިލާފަށް ރައުދު ބަންދުކުރި މައްސަލަ ހައިކޯޓުން މިހާރު ވަނީ ބަލައިގަނެފަ އެވެ. ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ރައުދުގެ ފަރާތުން އިސްތިއުނާފީ ފަސް ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އެއީ:
- ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ހެކި ހުށަހެޅިކަން
- އޮޅުމެއް ކަމަށް ބުނެ ދެވަނަ ފަހަރަށް ވެސް ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ބަންދުގެ މުއްދަތު އިތުރު ކޮށްދޭން އެދުނުކަން
- ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ ފަނޑިޔާރު އަމިއްލައަށް މުއްދަތު ޖެހިކަން
- ފަނޑިޔާރު ހަވާލާދިން މާއްދާއާ ހިލާފަށް ބަންދުގެ މުއްދަތު ޖެހިކަން
- އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް، ދަރަޖަ މަތިކުރިކަން
އަދަދު އަށް އެނގިފައި ވާގޮތުގައި ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެ އެވެ.
ނަމަވެސް ފަހުން ފުލުހުން ވަނީ އޭނާގެ މައްޗަށް ކުރި ފަރުވާލެއް ނެތި މީހަކު ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ދެއްކުމުގެ ކުށާއި ޖިންސީ ބޭނުން ހިފުމުގެ ކުށުގެ ތުހުމަތު އުނިކޮށްފަ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.












