މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް މީގެ ކުރިން ފުލުހުން ކުރި ޖިންސީ ބޭނުން ހިފުމުގެ ކުށް މިހާރު އޭނާގެ މައްޗަށް ނުކުރާކަން އެނގިއްޖެ އެވެ.
ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އިތުރު 10 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެދިގެން އެ އަމުރު ކްރިމިނަލް ކޯޓުން ވަނީ ސިއްރު ކޮށްފަ އެވެ.
އަދަދު އަށް އެނގިފައި ވާގޮތުގައި މިއަދު އޮތް މުއްދަތުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ އިތުރު 15 ދުވަހު ރައުދު ބަންދުގައި ބަހައްޓައި ދިނުމަށެވެ. އެގޮތަށް އެދުމަށް ހަވާލާދީފައިވާ ގާނޫނުގެ މާއްދާތަކާއި ކުށްތަކުގެ ތެރެއިން ފުލުހުން ވަނީ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާ އާއި 133 ވަނަ މާއްދާ އުނިކޮށްފަ އެވެ.
ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާއަކީ ފަރުވާލެއް ނެތި މީހަކު ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ދެއްކުމުގެ ކުށް ބަޔާން ކޮށްފައި އޮންނަ މާއްދާ އެވެ.

ގާނޫނުލްއުގޫބާރުގެ 133 ވަނަ މާއްދާއަކީ ޖިންސީ ބޭނުން ހިފުމުގެ ކުށް ބަޔާން ކޮށްފައި އޮންނަ މާއްދާ އެވެ.
titledesc
ޔުމްނު ވެއްޓުނު ހާދިސާއަށް ހަ ދުވަސްވީ ފަހުން، މިމަހުގެ 24 ވަނަ ދުވަހު ފުލުހުން ރައުދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުގައި އެދުނުއިރު، އެ ދެ ތުހުމަތު ވެސް އޭނާގެ މައްޗަށް ފުލުހުން ކުރި އެވެ.
ރައުދު ހައްޔަރު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި، ރައުދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ހަވާލާ ދޭ ގާނޫނުގެ މާއްދާތަކާއި ކުށްތަކުގެ ތެރޭގައި ފަރުވާލެއް ނެތި މީހަކު ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ތުހުމަތާއި ޖިންސީ ބޭނުން ހިފުމުގެ ކުށުގެ ތުހުމަތު ފުލުހުން ހިމަނާފައި އޮތެވެ.
ނަމަވެސް ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ހާޒިރު ކުރިއިރު ހަވާލާ ދޭ ގާނޫނުގެ މާއްދާތަކާއި ކުށްތަކުން އެ ދެ މާއްދާ ފުލުހުން އުނިކުރި ސަބަބެއް ނޭނގެ އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ރައުދު ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި ފުލުހުން އެދުނީ މައިގަނޑު ތިން ތުހުމަތެއްގަ އެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ބެލެވުމެވެ.
އޭގެއިތުރުން އޭނާ ހައްޔަރު ކުރުމުގެ ބޭނުމެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައި އޮތީ މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތާލުމުގެ ފުުރުސަތު އޮތް ކަަމަށް ބެލެވުމެވެ.













