ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުން އިންވެސްޓުކުރާ ގޮތާއި ފަންޑުގައި ހުރި ނަގުދު ފައިސާގެ އަދަދު ސިއްރުކޮށްފި

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ދައުލަތުގެ ސެކިއުރިޓީސް ވިއްކުމުގައި ދަތިތަކެއް ދިމާވެދާނެ ކަމުގެ ބަހަނާ ދައްކައި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) އިން ދައުލަތުގެ ސެކިއުރިޓީސްތަކުގައި ކޮންމެ މަހަކު އިންވެސްޓުކުރާ އަދަދުތަކާއި ނަގުދު ފައިސާގެ ގޮތުގައި ހުރި އަދަދު ސިއްރުކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

އެސްޑީއެފްއަކީ ދައުލަތުން ނަގާފައިވާ ދަރަނިތައް ދެއްކޭނެ ކަމާ މެދު އިންވެސްޓަރުންގެ އިތުބާރު ހިފަހައްޓާށާއި އެ ދަރަނި އަދާކުރަން ޖެހިއްޖެ ހާލަތެއްގައި ދަރަނި ދަައްކާނެ ފައިސާ ރައްކާކުރަން އުފައްދާފައިވާ ފަންޑެކެވެ. ނަމަވެސް ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް އަންނަނީ މި ފަންޑުގައި ހުރި ޑޮލަރުތައް ބޭނުންކޮށް ދައުލަތުގެ ސެކިއުރިޓީސްތަކުގައި އިންވެސްޓުކޮށް، އެ ފަންޑު ބޭނުންކުރަމުންނެވެ.

މިހެންވެ އެ ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ދައުލަތުގެ ސެކިއުރިޓީސްތަކުގައި ސަރުކާރުން އިންވެސްޓުކޮށްފައިވާ ފައިސާގެ ތަފުސީލުތައް ހޯދަން އަދަދު އިން ވާނީ އާރުޓީއައިއެއް ހުށަހަޅައިފަ އެވެ.

Advertisement

މި އާރުޓީއައިގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީން ވަނީ ކޮންމެ މަހެއްގެ ނިޔަލަށް ފަންޑުގައި ހުރި ޖުމުލަ އަދަދާއި އޭގެ ތެރެއިން ޓީބިލާއި ބޮންޑުތަކަށް އިންވެސްޓުކޮށްފައި ހުރި ޖުމުލަ އަދަދުތައް ހިއްސާކޮށްފަ އެވެ. ނަމަވެސް ނަގުދު ފައިސާގެ ގޮތުގައި އިންވެސްޓު ނުކޮށް ހުރި އަދަދާއި ކޮންމެ މަހެއްގައި އެ ފަންޑުން ޓީބިލާއި ބޮންޑުތަކަށް އިންވެސްޓުކުރަން ހަރަދު ކުރި އަދަދު ހާމަކުރަން ފިނޭންސުން ވަނީ ދެކޮޅުހަދައިފަ އެވެ.

ފިނޭންސުން ދިން ޖަވާބާ މެދު ހިތްހަމަނުޖެހިގެން، މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް) ގައި އިލްތިމާސް ކުރުމުން ބޭއްވި އަޑުއެހުމެއްގައި އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވަނީ އެ ގޮތަށް ނިންމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކަމަށް ބުނެފަ އެވެ. އަދި މިއީ އެހެން ގައުމުތަކުގައި ވެސް މިކަން ކުރަމުން އަންނަ ގޮތް ކަމަށް އޭނާ ބުންޏެވެ.

"މިހާރު މުރާޖައާ ކޮމިޓީން ޖަވާބު ދެއްވާފައި މީނީ މިހާރު އަޅުގަނޑުމެން ސްޓޭންޑަޑަކަށް ފައްތައިގެން މިހާރު އަޅުގަނޑުމެން ޕަބްލިޝް ކުރަމުންދާ ގޮތަށް ޖަވާބު ދެއްވާފައި މިވަނީ. އަޅުގަނޑުމެން އެހެން ގައުމުތަކަށް ބަލާލާއިރުގައި ވެސް ޓޯޓަލް ފަންޑު ސައިޒަކީ އެހެން ގައުމުތަކުގައި ވެސް އާންމުކުރާ މައުލޫމާތު ކަމަށް ޑިޕާޓުމަންޓުން ވިދާޅުވަނީ،" އިންފޮމޭޝަން އޮފިސަރު ބުންޏެވެ.

ވަކިވަކި އިންވެސްޓުމަންޓުތަކުގެ އަދަދު ހާމަނުކުރެވޭނެ ސަބަބެއް ކަމަށް ފިނޭންސުން ބުނީ އެއީ ވިޔަފާރީގެ ސެންސިޓިވް މައުލޫމާތުތައް ކަމަށެވެ. އަދި މި މައުލޫމާތު ދޫކޮށްފި ނަމަ ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ސެކިއުރިޓީސްތައް ވިއްކުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން އޮފިސަރު ބުންޏެވެ.

"އަޅުގަނޑުމެންނަށް ވަކިވަކި އިންވެސްޓްމަންޓްސްތަކުގެ ޑީޓެއިލްސްތައް ހާމަނުކުރެވެނީ އެއީ ސެންސިޓިވް އިންފޮމޭޝަން ކަމަށް ވާތީ، އިންވެސްޓާސްގެ ސެންސިޓިވް އިންފޮމޭޝަން ކަމަށް ވާތީވެ، އޭގެ ސަބަބުން އެ މައުލޫމާތު އަޅުގަނޑުމެން ދޫކޮށްފި ނަމަ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ގަވަމަންޓު ސެކިއުރިޓީސް ވިއްކުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީވެ،" އޭނާ ބުންޏެވެ.

ފިނޭންސުގެ މި ސްޓޭންޑު ދިފާއުކުރަމުން އިންފޮމޭޝަން އޮފިސަރު ބުނީ އިންވެސްޓްމަންޓަކީ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ. އަދި ސެކިއުރިޓީސް ވިއްކަން ދަތިވީމަ ގައުމުގެ މާލީ ހާލަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނަގުދު ފައިސާގެ އަދަދާ ގުޅޭ ގޮތުން ވެސް ފިނޭންސުން ފާހަގަކުރީ މި ނުކުތާތަކެވެ. އެ މައުލޫމާތަކީ ވެސް "އިންވެސްޓާ ސެންސިޓިވް" މައުލޫމާތު ކަމަށާއި މިއިން އެއްވެސް މައުލޫމާތަކީ ދޫކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އިންފޮމޭޝަން އޮފިސަރު ބުންޏެވެ. އަދި މިހާރު މައުލޫމާތު ދޫކޮށްފައި ހުރީ ދޫކުރެވޭނެ އެންމެ ފުޅާދާއިރާއެއްގައި ކަމަށް އޭނާ ބުންޏެވެ.

ނަގުދު ފައިސާގެ އަދަދަކީ ސެންސިޓިވް މައުލޫމާތު ކަމަށް ބުނާއިރު، މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ އެ އަދަދުތައް ހާމަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެސްޑީއެފްގައި ހުރީ 8.8 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮލަރުން ހުރި 233 މިލިއަނާއި ދިވެހި ފައިސާއިން ހުރި 5.2 ބިލިއަން ރުފިޔާ އެވެ.

ޑޮލަރުން ހުރި އަދަދުގެ ތެރެއިން 195 މިލިއަން ހުރީ ސެކިއުރިޓީތަކަށް އިންވެސްޓުކޮށްފަ އެވެ. ބާކީ ހުރި 37 މިލިއަން ޑޮލަރުގެ ތެރޭގައި ފިކްސްޑް ޑިޕޮސިޓުތަކަށް އިންވެސްޓުކޮށްފައި ހުރި އަދަދުތަކާއި ނަގުދު ފައިސާއިން ހުރި ޑޮލަރު ހިމެނެ އެވެ.

އަހަރެއްގެ ތެރޭގައި ފަންޑު އިތުރުވީ ގޮތަށް ބަލާއިރު، މުޅި އަހަރުގެ ތެރޭގައި ފަންޑަށް އިތުރުވީ 1.4 ބިލިއަން ރުފިޔާ އެވެ. މިއީ ސަރުކާރުން ޖަމާކުރާނެ ކަމަށް ބުނި 100 މިލިއަން ޑޮލަރަށް ވުރެ ދަށް އަދަދެކެވެ. މި މުއްދަތުގެ ތެރޭގައި ޑޮލަރުން އިތުރުވީ 62.79 މިލިއަން ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox