12 އޭޕްރީލް 2025 - 07:37 5
އަހުމަދު އަލާ ދީދީ
އާޓްވޯކް: އިސްމާއީލް އިމްދާދު
12 އޭޕްރީލް 2025 - 07:37 5
ތާރީހުގައި ކަނބާ މަރިޔަމް ރަނިކިލަގެ ގެ ނަންފުޅު ލިޔެވިފައިވަނީ އެހެން އެއްވެސް ފަރާތެއްގެ ނަންފުޅު ލިޔެވިފައި ނުވާހާ ހުތުރުކޮށެވެ. ހަމަ އެހެންމެ އެކަމަނާގެ އިސްތަށިފުޅުގައި ވަރަށް ބޮޑެތި ތުހުމަތުތަކެއް ވެސް އެޅިފައިވެ އެވެ. ގާތިލެއްގެ ތުހުތަމަތެވެ. ޒިނޭގެ ހަފުލާތައް ބޭއްވި ކަމުގެ ތުހުމަތެވެ. ޝަހުވާނީ ރައިވަރުތައް ކިޔުމާއި މިބާވަތުގެ އެތައް ހުތުރުކަމެއްގެ ތުހުމަތެވެ. ދިވެހި ވެރިކަން ހިއްޕަވައިގެން އެކަމަނާ އިންނެވި ދުވަސްވަރަކީ ސިޔާސީ ގޮތުން އެކަމަނާ އާއި ގައުމުގެ އެތައް ބޮޑުންނެއް ނުރުހުން ފާޅުކުރެއްވި ދުވަސްވަރެކެވެ. އެކަމަނާގެ ނިމުން އައީވެސް ނުލާހިކު ސުވާލުވެވޭ ފަދަ ގޮތަކަށެވެ. މިއަދާއި ހަމަޔަށްވެސް އާއްމު ދިވެހީން އެކަމަނާގެ ނަންފުޅު ދަނެއެވެ. އާދެ އެއީ އެނދި މަރިޔަނބެވެ.
ކަނބާ މަރިޔަމް ރަނިކިލަގެ އަކީ ކަނބާ (ޕްރިންސެސް) އަކަށް ވުމުގެ ކުރީން އަދި ރަނިކިލަގެ (ކްއީން) އަކަށްވުމުގެ ކުރީން މާލިމީ ހަސަނުގެ މަރިޔަނބެވެ. އެކަމަނާ އުޅުއްވި ޒަމާނަކީ ފަންތިތަކާއި ގިންތިތަކަށް ދުނިޔެ ހިނގަމުން އައި ޒަމާނެވެ. އެ ޒަމާނުގެ ހަމައިން ދަންނަވަނީނަމަ އެއީ އެންމެ ދަށް ފަންތީގެ އަންހެނެކެވެ. ޝާހީ ވަންހައަކުން އައިސްފައި އިންނެވި ނުވަތަ ބޮޑުންގެ އާއިލާއަކުން އައިސްފައި އިންނެވި ބޭފުޅެއް ނޫނެވެ. މިނިވަނެއްވެސް ނޫނެވެ. އެއީ ދިވެހި ޝާހީ ގަނޑުވަރުގައި ގެންގުޅުނު ޖާރިޔާތަކުގެ ތެރެއިން ޖާރިޔާއެކެވެ. އެކަމަނާގެ މައިފުށުގެ މާމައަކީވެސް ޖާރިޔާއެކެވެ. އަވަހާރަވި އިސްކަންދަރު ރަސްގެފާނުގެ ކުރީގެ އަނބިކަނބަލުން ޅައިމަގު ކަނބާ އައިޝާ އަވަހާރަވުމުން އެރަދުން ދެން އިތުރު ކައިވެނިފުޅެއް ކުރައްވާކަށް ބޭނުންފުޅުވެވަޑައެއް ނުގެންނެވިއެވެ. ދެން އަނބިފިރިކަމުގެ ގުޅުމަށްޓަކައި ގެންގުޅުއްވީ ދިވެހި ޝާހީ ގަނޑުވަރުގައި ތިއްބެވި ޖާރިޔާއިންގެ ތެރެއިން ހޮވާލެވިފައި ތިބި 8 ޖާރިޔާއެކެވެ. އޭގެ ތެރެއިން އެންމެ ރީތި ޖާރިޔާއަކީ މާލިމީ ހަސަނުގެ މަރިޔަނބުކަމުގައި ބުނެވުނެވެ. މި ކަމަނާ އިތުރަށް ހާއްސަވެގެން ދިޔައީ އިސްކަންދަރު ރަސްގެފާނަށް ދަރިކަލަކައިގެން ރައްކައުވުމުންނެވެ. ޔައުނީ ރަސްގެފާނަށް ވަލީ އަހުދަކު ލިބިވަޑައިގެންނެވީ އެވެ.
ޝާހީ ގަނޑުވަރުގެ ޖާރިޔާއެއްގެ ގޮތުގައި އިންނެވި މާލިމީ ހަސަނުގެ މަރިޔަނބު، މިނިވަން ކުރައްވާ، ފުރިހަމަ އަތްބެއްގެ ދަރަޖަ ދެއްވާ، އެކަމަނާ ކަނބާ (ޕްރިންސެސް) މަރިޔަމަކަށް ބަދަލުވެފައި އެވަނީ މިހެންވުމުގެ ސަބަބުންކަމުގައި ފެނެއެވެ. ހަމައެހެންމެ އޭގެ އިތުރަށް ދިވެހިރާއްޖޭގެ ރަނިކިލަގެ (ކްއީން) ކަމަށް ކޮލި ލައްވާފައި އެވަނީވެސް ހަމަ އެހެންވެކަމުގައި ފެނެއެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ؟
އެއިރު އިސްކަންދަރު ރަސްގެފާނުގެ އުމުރުފުޅުން 60 އަށްވުރެމަތިވެއްޖެ އެވެ. ދެން އިތުރަށް ދަރިކަލަކު ލިބިވަޑައިގެންފާނޭކަމުގެ މާ ބޮޑު އުއްމީދެއްވެސް ނުކުރައްވާނެ އެވެ. މިހެން ހުންނެވި ރަސްކަލަކަށް އެފަދަ ޒަމާނެއްގައި ދަރިކަލައިގެން ރައްކައުވެއްޖެނަމަ، ދެން އެމީހަކަށް އެ ރަސްކަލެއްގެ ފުށުން ލިބޭނޭ ލޯތްބާއި މެދު ފިކުރު ހިންގަވާށެވެ. މިއީ ހަމައެކަނި އިސްކަންދަރު ރަސްގެފާނަށް ލިބިވަޑައިގެންނެވި އުފާފުޅެއްވެސްނޫނެވެ. ވިސްނަވާށެވެ! އެއީ އެކަމަނާއަށް ވެސް ހަޔާތުގައި ލިބޭނޭ އެންމެ މަތީ ދަރަޖައިގެ އުފަލެވެ. ހަމައެކަނި ދަރިޔަކު ލިބިވަޑައިގެންނެވީތީ ވާނޭ އުފަލެއް ހެއްޔެވެ؟ ނޫނެކެވެ. އަޅެއްގެ ގިންތީން ނެއްޓުމުގެ މަގު ތަނަވަސްވީއެވެ. މިނިވަންވުމުގެ އިތުރުން ރަސްކަލެއްގެ އަނބިކަނބަލަކަށްވުމުގެ ފުރުސަތު ލިބިގެން ދިޔައީ އެވެ. ދައުލަތެއްގެ "ކުއީން" އަކަށް ވެވަޑައިގެންނެވީ އެވެ. އަދި ފަހަށް އިސްވާނޭ ރަސްކަލެއްގެ މަންމާފުޅުކަމުގައިވެސް ވެގެން ދިޔައީ އެވެ. ވީމާ ޖާރިޔާއިންގެ ވަންހައަކުން އައިސްފައި އިން ޖާރިޔާއަކަށް، އެ ދަރިކަލުން ވެގެން ގޮސްފައިވާނީ އެކަމަނާގެ ހަޔާތުން ދިއްލުނު ހުޅުކޮޅަކަށެވެ.
އެކަމަނާގެ ފިރިކަލުން ރާއްޖޭގެ ކީރިތި މަހާރަދުން އުމުރުފުޅުން 68 އަހަރުފުޅުގައި އަވަހާރަވެ ތުއްޕުޅު ދަރިކަލުންނަށް ރަސްކަން ލިބުނެވެ. ކަނބާ މަރިޔަމް ރަނިކިލަގެ އަށް އެ ފުރިހަމަ އިއްޒަތާއި ޝަރަފުގައި ފިރިކަލުންނާއި އެކު އުޅެވިފައި ވާނީ އެންމެ ގިނަވެގެން ވެސް ހަ އަހަރު ދުވަހުއެވެ. ދަރިކަލުންނަށް ރަސްކަން ލިބިވަޑައިގަތުމަކީ ކަނބާ މަރިޔަމަށް އެ ވަގުތަށް އެހާ އުފާވެރި އިހުސާސްތަކެއް ކުރުވިކަމަކަށް ނުވެދާނެ އެވެ. އެހެނީ އަދުލުވެރި ރަސްކަލެއްގެ ހިޔާވައްސާއި ފިރިއެއްގެ ރައްކާތެރިކަން އެކަމަނާ އާއި ވަކިވި ވަގުތަށް ވާތީއެވެ. ހުންނެވި ދަރިކަލުންނަކީ އަދި ތަސައްރަފު ނުފުދޭ ކުޑަ ކުއްޖަކަށްވުމާއި އެކު އެ ދަރިކަލުންގެ އެންމެހައި ކަންކަން ދައުލަތުގެ ބޮޑުންގެ އަތްމައްޗަށް އެރީތީ އެވެ. މިއީ އެކަންވާނޭ ގޮތްވެސްމެ އެވެ. ސަބަބަކީ އެއީ މިހާރު ހަމައެކަނި އެކަމަނާގެ ދަރިކަލުންނެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ ސިންގާ ތަހުތުގައި އިންނެވި ރަސްގެފާނެވެ. މިހެންކަމުން އެ ރަސްކަލެއްގެ ހިމާޔަތާއި އަދި ރައްކައުތެރިކަން ކަށަވަރުކުރުމީ އެކަންކަމާއި ހަވާލުވެ ތިއްބެވި ބޮޑުންގެ ޒިންމާއަކަށްވާތީ އެވެ. ހަމައެހެންމެ މީގެ އިތުރަށް އެއީ ތަސައްރަފު ނުފުދޭ ތުއްޕުޅު ރަސްކަލެއްކަމުގައި ވުމުން އެވަގުތަށް ރަސްކަން ހިނގަހިނގާ އޮންނަންވާނީ ރަސްކަން ހިންގާ މަޖިލީހުންނެވެ. އެ ރަސްކަލަކު ތަސައްރަފު ފުދިއްޖައުމަށް ދާންދެނެވެ. މިއީ ލިޔެވިފައިނުވާ ދިވެހި ގާނޫނު ބުނާ ހަމައެވެ.
ދިވެހިރާއްޖޭގެ ރަސްކަމަކީ ވެސް އާއްމުކޮށް އަޅުގަނޑުމެންނަށް ވިލާތުގެ ފިލްމުތަކާއި ސީރީޒްތަކާއި އަދި ޑޮކިޔުމެންޓުރީތަކުން ދައްކާފަދަ އެބައި މީހުންގެ ތެރޭގައި އޮތްފަދަ ރަސްކަމެކޭ ވަރަށް ގިނަ ބޭފުޅުންނަށް ހީކުރެވޭ ފަހަރު އާދެއެވެ. އެހެންކަމުން މާ ހުދުމުހުތާރު ބާރެއް، ހިޔާރު ކުރައްވާ ފަރާތްތަކަށްވެސް ރަސްކަލެކޭ ބުނެ މުހާތަބު ކުރެވޭފަހަރުވެސް އާދެއެވެ. އެކަމަކު ދުނިޔޭގެ ހުރިހާ ތަނެއްގައި އޮތް ރަސްކަންތަކަކީ އެއް ތައްގަނޑަކަށް އެއް ޓެންޕްލޭޓަކަށް ހިނގަހިނގާ އޮތް ނުވަތަ އޮންނަ ރަސްކަންތަކެއް ނޫނެވެ. ކޮންމެ ގައުމެއްގެ ވެރިކަންވެސް އޮންނަނީ އެބަޔެއްގެ ސަގާފީ ހަމަތަކާއި އުސޫލުތަކުގެ ތެރެއަށް ފެތިފަ އެވެ. މި ސަރަހައްދުގެ ގިނަ ގައުމުތަކުގައި އޮތް ރަސްކަންތަކަކީ ވިލާތުގައި އޮތްފަދަ މާމަތީ ދަރަޖައިގެ ހުދުމުހުތާރު ބާރުތަކެއް ރަސްގެފާނަށް މިލްކުވެފައި އޮންނަ ޒާތުގެ ރަސްކަންތަކެއް ނޫނެވެ.
މި މަޒުމޫނުގައި ދިވެހި ރަސްކަމުގެ ތަބީއަތާއި ފާޑުގެ މައްޗަށް ވާހަކަ ދައްކާންވެއްޖެނަމަ، މައުލޫއިން މާބޮޑަށް ބޭރުވެ މަގުން ކައްސާލާފާނެކަމަށް އިހަށް އެ މައުލޫ ބާއްވަމެވެ. އާދޭހެވެ! ދިވެހިރަސްކަން ހިނގަނީ ރަސްކަން ހިންގާ މަޖިލީހެއްގެ ލަފާގެ މަތީންނެވެ. އެއީ ކިލެގެ ބޭކަލުންގެ މަޖިލީހެވެ. ކިލެގެއިން ގޮތުގައި އެކު ޖުމުލަ 14 ކިލަގެ ތިއްބަވައެވެ. އޭގެ ތެރެއިން އެއް ކިލެގެއީ ރަނިކިލަގެ އެވެ. އާދޭހެވެ! އިސްކަންދަރު ރަސްގެފާނު، ކަނބާ މަރިޔަމަށް ރަނިކިލަގެކަމަށް ކޮލި ލައްވާފައި އެވަނީވެސް ވަރަށް ބޮޑު ހިކުމަތަކުންކަމުގައި ފެނެއެވެ. އެއީ ރަދުންނަށް ބޭފުޅަކު ލިބިވަޑައިގެންނެވި އިރުގައިވެސް ރަދުން ހުންނެވީ އުމުރުފުޅުން 60 އިން މަތިވެފައިކަމަށްވެފައި، ދަރިކަލުން ބޮޑުފުޅު ނުވަނީސް އަވަހާރަވެއްޖެނަމަ އެކަމަނާ އެއްކޮށް ބާކީ ވެދާނެކަމުގެ ބިރުފުޅުންކަމަށް ފެނެ އެވެ. ހަމައެހެންމެ ތުއްޕުޅު ރަސްކަލެއްގެ އެންމެހައި ޒިންމާތައް ހަވާލުވެ އޮންނާނީ އެއްކަލަ ކިލެގެ ބޭކަލުންގެ މަޖިލީހާކަމަށްވެފައި، އެ މަޖިލީހުން އެކަމަނާއަށްވެސް ގޮނޑިކޮޅެއް ދެއްވީއެވެ. ގައިމުވެސް އަމިއްލަފުޅު ދަރިކަލުންނަށް އެހެން ބޭކަލަކު ރައްކައުތެރިނުވާނޭ މިންވަރަށް އެކަމަނާ ރައްކައުތެރިވާނެކަމަށް ބައްލަވައިގެންކަމަށްވެސް ފެނެ އެވެ. އިސްކަންދަރު ރަސްގެފާނު ފަދަ ހިކުމަތްތެރި، ސިޔާސަތަށް ކުޅަދާނަ، އަދި ހަނގުރާމައިގެ އުކުޅަށް މޮޅު ގާއިދަކު (ކޮމާންޑަރަކު) މިފަދަ ގޮތްތަކަށް ވިސްނާވަޑައިގެންފައި ނުއޮންނާނެއެކޭ ނުދެންނެވޭނެއެވެ. ސިޔާސީ ބޭކަލުންގެ ސިޔާސީ ހީލަތް ދެނެވަޑައިގަންނަވާނެކަން ގައިމެވެ. އެހެންނޫނީ އެފަދަ ޒަމާނެއްގައި އެދިގު މުއްދަތަށް ރަސްކަމުގައި ނުއިންނެވުނީހެވެ. ގާތުގައި ތިއްބަވާ ބޮޑުންގެ މިޒާޖާއި ތަބީއަތް ދެނެވަޑައިގަންނަވާނެއެވެ. ސިޔާސީ މައިދާނަށް ނިކުމެ ފޫގަޅައިގެން ތިއްބަވާ ބޮޑުން އެތިއްބަވަނީ އެބައެއްގެ ގޮތާއި ވިސްނުން އިސްކުރައްވައިގެންކަން އެދިގު ރަސްކަމުގެ މުއްދަތުން ހުންނަވާނީ ދަސްފުޅުވެފަ އެވެ.
މިހެންކަމުން ރަސްގެފާނު ނެތް ދުވަހަކުން ދަރިކަލުންނަށް އައިސްދާނޭ ނުރައްކަލަކަށް ކިތަންމެވަރަކަށް ހުންނަވާނީ ވިސްނާވަޑައިގެންފައެވެ. ފެންފުށީ ވެލާނާ ތަކުރުފާނާއި ދެކޮޅަށް ކަނބާ ރަނިކިލަގެ އެކުރެއްވި ތުހުމަތުތައް އިސްވެ ދިޔަ ލިޔުމުގައި ވާނީ ބަޔާންކުރެވިފައެވެ. އެ ތުހުމަތުތަކަކީ ސައްހަ ތުހުމަތެއްތޯ ނޫންތޯ ކަނޑައެޅުމަކީ ދަތިކަމެކެވެ. ކަނބާ މަރިޔަމު ވިދާޅުވަނީ ވެލާނާ ތަކުރުފާނުގެ ޖަމާއަތާއި ހެދި އެކަމަނާ އާއި ރަސްގެފާނަށް ދިރިއުޅުއްވަން ދަތިވެއްޖެކަމުގައެވެ. ފަހަރުގައި މުޅި ރާއްޖޭގެ މާލިއްޔަތު ހިތުހުރި ގޮތަކަށް އެކަމަނާ ހަރަދު ކުރައްވަފާނެކަމުގެ ބިރަށް ވެލާނާ ތަކުރުފާނު، ހަރަދު ބަރަދު ހިފަހައްޓަވައިގެން އުޅުއްވީކަމުގައިވެސް ވެދާނެއެވެ. ދައުލަތުގެ ފައިސާ އާއި މުޅި މާލިއްޔަތު ރައްކައުތެރި ކުރެއްވުމުގެ ގޮތުންނެވެ. އަދި ރަސްގެފާނު ބޮޑުފުޅުވެ ބުއްދިފުޅު ފުރާފުރިހަމަވާންދެން އެ މާލިއްޔަތު ބެލެހެއްޓުމަކީވެސް ހުދު ހަމަ އެބޭބޭކަލުންގެ ޒިންމާއަކަށް ވާތީވެސްމެއެވެ. ރަސްގެފާނަކީ މުޅި ދައުލަތުގެ ވެރިޔާއެވެ. ދިވެހި ރަސްކަމުގައި ވެރިކަން ހިންގުން އޮންނަނީ އެތައް ބަޔަކަށް ބެހިފައެވެ. ކޮންމެ ބަޔެއްގައިމެ ވެރިޔަކު ހުރޭވެސްމެއެވެ.
އެބައިމީހުން އެއިން ކޮންމެ ބަޔަކާ ހަވާލުވެ އޮންނަ ކަމެއް ކުރައްވާނީ ރަސްގެފާނަށް ދަންނަވަމުން ރަސްގެފާނުގެ ނަންފުޅުގައެވެ. ހަމައެހެންމެ އެ ވެރީންގެ ޒިންމާގެ ތެރޭގައި ރަސްގެފާނަށް ވެރިކަން ހިންގުމުގައި ލަފާފުޅު އެރުއްވުމާއި އިރުޝާދު ދެއްވެވުންވެސް އޮވެއެވެ. އެހެންނަމަވެސް އަމިއްލައަށް ކަންކަމާއި މެދު ވިސްނާ ގޮތް ނިންމެވޭ ވަރަށްވުރެ ކުޑަ ކުއްޖަކު ތަހުތުގައި އިންނަވާ އިރު، ދެން ކަންވަމުން ދާނެ ގޮތާއި މެދު ފިކުރު ހިންގަވާށެވެ. ސްރީ މަނިރަންލޯކަ މަހާރަދުންގެ ކޮންމެ ބޮޑަކު...ކޮންމެ ވަޒީރަކު އަދި ކޮންމެ ކިލެގެއެއްގެ ހިތުގައިވެސް، ތުއްޕުޅު ރަސްގެފާނީ ތިމަންމެންގެ ބާރުދަށުގައިވާ ފަރާތެއްކަމަށް ހެއްދެވުމުގެ ޝައުގު ނޯވެނުދާނެކަމަށް ބެލުމީ ދުނިޔެ ދައްކާ ހަގީގަތާއި ހިލާފުކަމެކެވެ. ދައުލަތުގެ ކަންކަމުގައި ނިކުންނަ ރަދުންގެ "ހުއްދަ ވިދާޅު ބަސްފުޅަކީ" ތިމަންމެންގެ ސިކުނޑިޔާއި ދުލުން ނިކުންނަ "ހުއްދަ ވިދާޅު ބަސްފުޅެއް" ކަމުގައި ހެއްދެވުމުގެ ހުވަފެންފުޅު ދެކެވަޑައިނުގަންނަވާނެ ކަމަށް ބެލުމަކީވެސް ސިޔާސީ ތާރީހުގެ ހަގީގަތާ ފުށުއަރާ ކަމެކެވެ. އެއީ ރަސްކަލަކު ހުންނެވި ނަމަވެސް ރަސްކަލަކު ނެތް ފަދަ ދުވަސްވަރެކެވެ. ތަހުތު އޭގެ ޒާތުން ހުހޭ ދެންނެވިދާނެ އެވެ. މިފަދަ ހާލަތެއްގައި ސިޔާސީ މައިދާނު ހަލަބޮލިވުމަކީ އެ މައިދާނުގެ އަސްލު ތަބީއަތެވެ. ބާރުގެ ހުސްކަން އަންނަން ހިނދު އެ ހުސްކަން ފަޅުފިލުވުމުގެ ވާޖިބު އެޅިފައި ވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ އިސްތަށިފުޅުގަ އެވެ. މިހެން ކަމުން ދިވެހި ސިޔާސީ މައިދާނަށް އެދުވަސްވަރު ކުރިމަތިވެފައި އޮތް ބާރުގެ ފަޅުކަން ފިލުވުމަށްޓަކައި، ދައުލަތުގައި ކުރިޔަށް ތިއްބެވި ބޮޑުން މަސައްކަތް ކުރައްވާނެއެވެ.
އެދުވަސްވަރުގެމުޅި މަންޒަރަށް ބަލާލުމުން ފެންނަނީ މިގޮތެވެ. ބޮޑުން އޮތީ ދެބަޔަކަށް ބެހިފައެވެ. އެއީ ކަނބާ މަރިޔަމް ރަނިކިލަގެ ގެ ފަޅި އާއި އެ ރަނިކިލަގެ އާއި ދެކޮޅަށް ތިއްބެވި ބޭފުޅުންގެ ފަޅިއެވެ. ދިވެހި ތާރީހު ލިޔުއްވި އަލްޤާޟީ ހަސަން ތާޖުއްދީނަށް ހުންނެވިފައި ވަނީ އެކަމަނާ އާއި އިދިކޮޅު ފަޅީގައެވެ. ހަމައެހެންމެ އިސްކަންދަރު ރަސްގެފާނާއި އެއްބަނޑު ހަސަން ފާށަނާ ކިލެގެފާނުގެ ދަރިކަލުން މުހައްމަދު ފާށަނާ ކިލެގެފާނުވެސް ހުންނެވީ ސީދާ ގޮތުން އެކަމަނާ އާއި ދެކޮޅު ފަޅީގައެވެ. އެކަމަކު އެއިރުގެ އުއްތަމަ ފަނޑިޔާރު ހާޖީ އަލީ ތުއްކަލާގެ އަލްޤާޟީ މުހައްމަދު ހުންނެވީ ކަނބާ ރަނިކިލަގެ ގެ ފަޅީގައެވެ. ލަޝްކަރުގެ ގިނަ ބަޔަކުވެސް އޮތީ އެކަމަނާގެ ފަޅިޔަށެވެ. ކަނބާ މަރިޔަމް ރަނިކިލަގެއީ ރާއްޖޭގެ ރަނިކިލަގެ އެވެ. ރަސްގެފާނުގެ މަންމާފުޅެވެ.
މި މަތިވެރި ދަރަޖަ ލިބިގެން އިންނެވި ފަރާތަކީ އެކަމަނާ ކަމަށް ވީހިނދު ދައުލަތުގެ ކަންކަން ހިންގުމުގައި އެންމެ މަތީ ބަސް ކިޔުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އޮންނަން ޖެހޭނީ އެކަމަނާއަށް ކަމަށް އެކަމަނާ ދެކެވަޑައިގަންނަވާފައި އެވަނީ މުޅީން ތެދުވެރި ހާލިސް ނިޔަތެއްކަމުގައިވެސް ބެލެވޭކަށްނެތެވެ. އެކަން އެންމެ ބޮޑަށް ހާމަވަނީ ވެލާނާ ތަކުރުފާނުގެ ކޮޅު ބަލިކުރެއްވުމަށްފަހު އެކަމަނާ ރަސްކަމުގެ ބާރުތައް ހިއްޕެވުމަށްފަހު ވެރިކަން ހިންގެވި ގޮތުންނެވެ. އެއްބަނޑު އެއްބަފާގައި ތިއްބެވި މީހުންނަށާއި ގާތްތިމާގެ މީހުންނަށް ދައުލަތުގެ ވަޒީރުކަން ބެއްސެވުމާއި ޒުވާނުން ގެންނަވައިގެން ގަނޑުވަރުތެރޭ ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރައްވައިގެން ބޮޑެތި މަޖާ ހަފުލާތައް ބޭއްވެވުން ފަދަ އެތައް ކަމަކުންނެވެ. (ނުނިމޭ)
Comment