އުމަރު އީސާގެ މަޒުމޫނުން ކާމިޔާބުގެ މިންތައް

އުމަރު އީސާގެ މަޒުމޫނުން ކާމިޔާބުގެ މިންތައް

ދިވެހި މަޝްހޫރު އަދީބު އަދި ފިލޯސަފަރެއް ކަމުގައިވާ އައްޝައިޚު އުމަރު އީސާ ލިޔުއްވާފައިވާ ހިތްގައިމު މަޒުމޫނުތަކުގެ ތެރެއިން ފާހަގަކުރެވޭ އެއް މަޒުމޫނަކީ 'ތަޖުރިބާއިން އަޅުގަނޑަށް އެނގިއްޖެއެވެ' މި މަޒުމޫނެވެ. މި މަޒުމޫނު ނޮވެލްޓީ ޕްރިންޓާޒް ޕަބްލިޝާޒް އިން ނެރުއްވާފައިވާ 'ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް' މި ސިލްސިލާގެ ފޮތްތަކުގެ ތެރެއިން ހަތް ވަނަ ނަންބަރު ފޮތުގައި އަލުން ޝާއިއުކުރެވިފައި ވެއެވެ.

'ތަޖުރިބާއިން އަޅުގަނޑަށް އެނގިއްޖެއެވެ' އުމަރު އީސާ މި މަޒުމޫނު ބައްސަވާލައްވާފައިވަނީ ޖުމްލަ އަށް ބަޔަށެވެ. އެއިން ކޮންމެ ބައެއް ހާއްސަކުރައްވާފައި ވަނީ އެ މަނިކުފާނަށް ދިރިއުޅުއްވުމުގައި ކުރެއްވިފައިވާ ވަކި ތަޖުރިބާއަކަށެވެ. ކޮންމެ ބައެއްގައި ބަޔާންކުރެއްވާފައިވާ ތަޖުރިބާއަކީ ދިރިއުޅުމުގެ ބޮޑު ފިލާވަޅެކެވެ. ޒުވާން އުމުރުގައި ވިސްނުން ބަހައްޓައިގެން ދިރިއުޅުމުގެ މައިދާނުގައި ހިނގައިގަންނަން މަގު ދައްކައިދޭ ދަންމަރެކެވެ. ދިރިއުޅުމުގެ މާސިންގާ ކަނޑަށް ނިކުމެ އެ މީހެއްގެ މަންޒިލަށް ދަތުރުކުރަން މިސްރާބު ހިފަން ބޭނުން ކުރެވިދާނެ ސަމުގާއެކެވެ. ހަމަހިމޭންކަމާއި ކާމިޔާބުގެ މަގުގައި މުޖުތަމައު ދެމެހެއްޓުމަށްޓަކައި ފަރުދުންގެ ކިބައިގައި ހުރުން ކޮންމެހެން ބޭނުން ސިފަތަކެވެ.

މި މަޒުމޫނުގެ ދެވަނަ ބައި އުމަރު އީސާ ހާއްސަކުރައްވާފައިވަނީ ފަރުދުންގެ ކާމިޔާބީ މިންކޮށް ވަޒަންކުރާނެ ގޮތުގެ މައްޗަށެވެ. އެމަނިކުފާނުގެ މަޒުމޫނު ފައްޓަވަމުން ވިދާޅުވެފައިވަނީ މީހެއްގެ ކާމިޔާބީގެ ދަރަޖަ ބަލަންވީއަކީ އެއިން ފެލައިގެން ނެރެވޭ ނަތީޖާއަކުން، ނުވަތަ އެއިން ބިނދެވޭ ގިތި މޭވާއަކުން ނޫންކަމަށެވެ. ކާމިޔާބީއެއްތޯ ނުވަތަ ނޫންތޯ ބަލާނީ "ކާމިޔާބީ ހޯދައިގަނެވުނު ގޮތަކާއި ބާވަތުންނެވެ." މިއީ ކޮންމެ މަޔަކު އަދި ބަފަޔަކު ދަރިންނަށް އުނގަންނައި ދޭންވާނޭ ކަމެކެވެ. ކާމިޔާބީއެއް ކަމަށް ބެލެވޭ ކަމެއް ހާސިލުކުރެވުނު ނަމަވެސް އެ ކާމިޔާބީ ހާސިލުކުރި މަގަކީ ހަލާލު މަގެއް ކަމަށް ނުވަތަ ހެޔޮ ގޮތެއް ކަމަށް ނުވާނަމަ އެ ކާމިޔާބީގެ އަގަކީ ކޮބައި ހެއްޔެވެ. މަޒުމޫނުގެ މިބައިގައި އުމަރު އީސާ ދެއްވަން ބޭނުންފުޅުވެ ވަޑައިގެންނެވި މެސެޖަކީ ކާމިޔާބީ ވަޒަންކުރާނީ ބޭންކު އެކައުންޓުގައި ހުރި އަދަދަކުން ނުވަތަ އަރައިހުރި ގޮނޑިއެއްގެ އުސްކަމަކުން ނޫންކަމެވެ. ކާމިޔާބީ ވަޒަންކުރާނީ މުދާ އެއްކުރި ގޮތާއި މަގާމަށް ވާސިލުވާން މަސައްކަތަށް ކުރި ގޮތަށް ރިއާޔަތްކޮށްގެން ކަމެވެ.

އުމަރު އީސާ ލިޔުއްވާފައިވެއެވެ. "އެހެރަ ފެންނަނީ އެތައް ލައްކައެއް މިލްކުވެފައިހުރި، މުއްސަނދި މަހުޖަނެކެވެ. މިހުރީ އެތަން މިތަނަށް ނުފޫޒު ހިންގޭ ދަރަޖަތަކެއްގެ ވެރިއެކެވެ. އަދިވެސް ލިޔުއްވާފައި ވެއެވެ. "ކާމިޔާބީ ލިބުނު މިންވަރެއް ހޯދަން ބަލައިލާނަމަ، ބަލަންވީއަކީ، އޭނާގެ ފޮށީގައި ހުރި ރަނަކަށް ނޫނެވެ. މީނާ އަރައި އިންނަ މަގާމަކަށް ނޫންމެއެވެ. ބަލައިލުން ހައްގީ އެ ރަން ނުވަތަ ދަރަޖަތައް ލިބިފައި ހުރީ ކޮން ވަސީލަތަކުންތޯއެވެ. "ޒާތުގައި ހުރި މާތް އަހުލާގުތަކުގެ ސަބަބުންތޯއެވެ. ނުވަތަ ނަފުސުގައި ހުރި، ނުބައި ހަސީލަތަކުންތޯއެވެ." ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފުސާއި ސުވާލުކުރަންވީ ތިމާގެ މި ތަނަވަސް ކަމާއި މަތީ ދަރަޖައިގެ މަގާމަށް ވާސިލުވެވުނީ ތިމާގެ އަމިއްލަ ދަރިން ފަހުރުވެރިވާނޭ މަގަކުންތޯއެވެ. އާހިރަތުގައި ދިންނަވާނޭ މަގަކުންތޯއެވެ.

އުމަރު އީސާ ލިޔުއްވާފައިވަނީ، ޒަމީރު ހަމަނުޖެހޭ އިންސާނިއްޔަތު ގަބޫލުނުކުރާ މަގަކުން، މުދައު އެއްކޮށްގެން ހުރި ދަށު ގިންތީގެ އަހުލާގެއްގެ ވެރި މުއްސަންޖަކާއި، ބައްދަލުވެއްޖިއްޔާއި، އެމީހަކީ ހަމައެކަނި، ރަންރިހީގެ ވެރިއަކު ކަމުގައިވާތީވެ. އޭނާއަށް ދޭންވީ އެއްވެސް ތަރުހީބެއް ނެތެވެ. އުމަރު އީސާ ވިދާޅުވެފައިވަނީ އެމަނިކުފާނަށް، ތަޖުރިބާ ވިސްނައިދިން އެއްޗަކީ ނަފުސުގައި އެކުލެވިފައިވާ މާތް ސިފަތަކެއްގެ މިންވަރަކުން ނޫނީ މީހުންގެ މަންޒިލަށް ބަލައި ގިޔާސް ނުކުރެވޭނެ ކަމެވެ. ލިބިފައި ހުރި ކާމިޔާބީއެއްގެ މަތިވެރިކަން، އަތު ހުރި ފައިސާއަށް ނުވަތަ އަރައި އިންނަ މަގާމަށް ވިސްނައިގެން ނުބެލޭނެ ކަމެވެ.

އުމަރު އީސާ އިތުރަށް ލިޔުއްވާފައި ވަނީ ނަސޭހަތުގެ އިބާރާތެކެވެ. އެ އިބާރާތުގައި ވަނީ، "ހަގީގަތުގައި ނަފްސު ތާހިރުކޮށްގެން، ސިއްރާއި ފާޅުގައި އަބުރުވެރި، ތެދުވެރި މަސައްކަތުން މަސައްކަތްކޮށްގެން މުއްސަނދިވެއްޖެ ނަމަ، ނުވަތަ ދަރަޖަ މަތިވެރިކޮށްފިނަމަ، އެމީހެއްގެ މާތްކަން ބޮޑެވެ. ފަހުރުވެރިކަން މަތިވެރިއެވެ. އެމީހަކަށް ހުރި ތާރީފު ގިނަގުނަ އެވެ."

މި ނަސޭހަތުގައި މިއަދު ހިފާނީ ކޮން ބައެއް ހެއްޔެވެ. ދުނިޔޭގެ ދަހިވެތި އެދުންތަކުގެ ކުރިމަތީގައި ތިމާގެ ޝަރަފާއި އަބުރު ކުރިއަށް ނެރޭނީ ކާކު ހެއްޔެވެ.

ދެން މި ބައިގައި އުމަރު އީސާ ބައްލަވާލައްވާފައި ވަނީ ހެޔޮ މަގަކުން ތަނަވަސްކަން ލިބިފައިވާ ފަރާތްތަކާއި މަތިވެރި މަގާމުތައް ހާސިލުކުރެވޭ މީހުންގެ ގައުމީ ޒިންމާގެ މައްޗަށެވެ. އެމީހަކު ސީދާ ސާފު އަލިމަގުން ގޮސް ކާމިޔާބީ ހާސިލުކޮށް، އެދުނު އެދުން މި ދުނިޔެއިން ހަމަޖެހުނުޖެހުނުހެން އެމީހެއްގެ ގައުމާއި ވަޒަނާމެދު ރަނގަޅަށް ވިސްނައި، އޭގައި ހުރިނަމަ، ހުރި އުނިކަމެއް ފިލުވައިލާން، އެމީހަކަށް ލިބުނު ނިއުމަތެއްގެ ނުފޫޒު ބޭނުންކުރާނެ އެވެ. އެ ލިބުނު ދަރަޖައެއް މުދަލެއް ވާނީ މުޅި ގައުމުގެ ނަސީބަށެވެ. އޭނާއަށް ލިބުނު ބަރަކާތްތެރި މޭވާ ވާނީ އޭނާ އުފެއްދި މުޖުތަމައުއަށް ބޮޑު ނިއުމަތެއް ކަމުގައެވެ. ފަހެ، އެ މުޖުތަމައު، އެހީ ނުފޯރުވި ނަމަ، އޭނާ މުއްސަންޖެއް ނުވަތަ މަތިވެރިއެއް ނުވީހެވެ.

އިތުރަށް އުމަރު އީސާ ވިދާޅުވެފައި ވަނީ ބައެއް މީހުން މާއްދީ މުއްސަނދި ކަމަށް އިސްކަން ނުދެނީ އެކަމުގައި އެކުލެވޭ ފަސާދަތަކުގެ ބޮޑުކަމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. "ފަހަރުގައި ފަގީރުކަމަކީ ވެސް އިއްޒަތުގެ ނިޝާނަކަށް ވެދާނެއެވެ. ފަހަރުގައި ފައިދާ ނެރެ ނަފާ ހޯދައި، މުއްސަނދިވެ މަހުޖަނަކަށް ވާނޭ މަގު ފަގީރަކަށް ވެސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އޭނާ އެ މަގުން ނުހިނގައި، ހުރުންވެސް އެކަށީގެންވެ އެވެ. ސަބަބަކީ، އެ މަގުން ހިނގާން އޭނާގެ ޒަމީރު ނުރުހުނު ކަމެވެ. ފަހެ، އެ މަގުގެ ކަސިޔާރުކަން ބޮޑީއެވެ. އަނދިރިތަކާއި، އަނިޔާތައް ގިނަގުނައީއެވެ."

ދައުލަތުގެ މަގާމުތަކަށް އަންނަ އިރު އަތުގައި ބައިލާރި ނެތް މީހާ ކުރާ ހަލާލު މަސައްކަތެއް ފެންނާން ނެތި ކުއްލި މުއްސަނދިކަމަކުން މަހުޖަނަކަށް ބަދަލުވެގެން ދާއިރު، އެމީހެއްގެ ޒަމީރު އެ މީހެއްގެ ގައިގައި ވިކާވެސް ނުލަނީ ތިމާގެ ނަފުސުގެ އިއްޒަތެއް ނެތުމުންނެވެ. ދީނެއް މިއްލަތެއް ނެތުމުންނެވެ. އެފަދަ މީހުންނަށް ވެސް މުއްސަނދީންގެ ނުވަތަ އިއްޒަތްތެރީންގެ ދަރަޖައާއި ލަގަބާއި ނިޝާން ދޭންވީހެއްޔެވެ. ޝައްކެއްވެސް ނެތެވެ. އެއީ މުޖުރިމުންނެވެ. މުއްސަނދިންނެއް އިއްޒަތްތެރީންނެއް ނޫނެވެ.

މަޒުމޫނުގެ މި ބައި ނިންމަވާ ލެއްވުމުގެ ކުރީން މުދަލުގެ ތޮބީއަތުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ. "މުދަލަކީ ކޮބައިތޯއެވެ. އޭގެ މިސާލަކީ ދަތުރުވެރިއެއްގެ މިސާލެވެ. މިއަދު މީނާގެ ޖީބުގައެވެ. މާދަމާ އޭނާގެ ނުވަތަ އަޅުގަނޑުގެ ޖީބުގައެވެ. ދެންދާނީ ތަންކޮޅެއް ދުރު އެހެން ޖީބަކަށެވެ. އެހެން ބަދަލުވަމުންދާއިރަކު، އަޅުގަނޑުމެންގެ ނަފުސުތަކަށް ދެވޭ މަދަދެއް ނުވަތަ ކުރެވޭ ގޯނާއެއް އުނިކަމެއް ނޯވެއެވެ. އަބުރާއި ޝަރަފު މިއާއި މުޅިން ހިލާފެވެ. އެއީ މިލްކުކުރެވިފައި އޮންނަ ޖަވާހިރެކެވެ. އެ އެއްޗަށް ފަރުވާވެ، ސަމާލުވުން ހުއްޓެވެ. ގެއްލިއްޖިއްޔަކާ އަނބުރާ ލިބޭ ތަނެއް ނާންނާނެއެވެ."

މި ތަނުގައި މުސައްނިފް ހާމަކުރައްވަން ބޭނުންފުޅުވި ހަގީގަތަކީ މުދާވެރިކަމާއި މަތިވެރި މަގާމަކީ ވަގުތީ އެއްޗެއް ކަމެވެ. އެކަންކަމަކީ ނުވަތަ އެތަކެއްޗަކީ ހަމަ ހިނދުކޮޅެއްގެ ތެރޭގައި މުށުން ދޫވެދާނެ ކަންކަން ނުވަތަ ތަކެތިކަމެވެ. މާދަމާ އެ ފައިސާއާއި އެ މަގާމުގެ ވެރިއަކީ ކޮންމެވެސް އެހެން މީހެކެވެ.

މަޒުމޫނުގެ މި ބައި ނިންމަވާލައްވަމުން އުމަރު އީސާ ވިދާޅުވެފައިވަނީ، "ދަރަޖަވެރީންގެ މާތްކަން ގިޔާސްކުރަންވީ އެމީހުންގައިހުރި އަހުލާގަކާއި ހިންމަތެއްގެ ނުވަތަ ލަފާކަމާއި މުރުއްވަތެއްގެ ގޮތުންނެވެ."

އުމަރު އީސާގެ މި މަޒުމޫނަކީ މި ޖީލުގެ ދިވެހި އެންމެތަކުން ކިޔައި އެއިން އިބުރަތް ލިބިގަނެވިދާނެ ފިލާވަޅުތަކެއް ހިމެނޭ މަޒުމޫނެކެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox