ގޮރު ޖެހުނު މަސްމުޅިން ކާން ޖެހޭ ހިސާބަށް ދިއުމުން ފަޅުވެރިން މާލިމީއަށް ހަދާލި ގޮތް

މި ލިޔުމުގައި ބުނާ ވާހަކަ ސިފަކޮށް ދިނުމަށް އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް

މި ލިޔުމުގައި ބުނާ ވާހަކަ ސިފަކޮށް ދިނުމަށް އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް

މިހެން ވާހަކައެއް ލިޔެލީމާ ބައެއް އެކުވެރިން ގުޅާފައި އެބަ ބުނެ އެވެ. ކަލޭ ހަމަ އެވެނިމިވެނި މީހަކަށް ފުރައްސާރަކޮށްލާންކަމަށް، އެއް ސަހަރެއްގައި އުޅުނު ރަސްކަލެކޭ ކިޔައިގެން ހަދަހަދައިގެން ވާހަކައެއް ލިޔެލަނީ ދޯ އެވެ. އެހެނަކުން ނޫނެވެ. ބަޔަކު މީހުން ކުށެކޭ ހީކުޅަޔަސް، އަޅުގަނޑު ވާހަކަތައް މި ލިޔަނީ އަމިއްލައަށް ހަދަހަދައިގެނެއް ނޫނެވެ. މި ލިޔަނީ ސީދާ އަޅުގަނޑަށް އެކި މީހުން ކިޔައިދީފައި ހުންނަ ވާހަކަތަކެވެ. 'ކޮންމެ މޫނަކީ އައު ވާހަކަ އެކެވެ.' އެހެނަސް އިވޭނީ އަޑުއެހީމާ ނޫންހެއްޔެވެ؟ ކިޔައިދޭ ވާހަކަތަކުގެ ތެރޭގައި ހުންނަނީ ރާއްޖޭގެ ދިގު ތާރީހުގެ އެކި ކަންކަމާ ގުޅުވައި އުފެދިފައި ހުރި ފޯކްލޯރުތަކާއި، ހަގީގީ ހާދިސާތަކާއި ހިޔާލީ ވާހަކަތަކެވެ. އެ ވާހަކަތައް ލިޔެލަނީ ވަކި އެވެނިމިވެނި މީހަކަށް ނިސްބަތްކުރާކަށް ނޫނެވެ. އެހެންވިޔަސް ވެސް ފަޔަށް ހެޔޮވަރިއްޔާ.......

ކޮން ޒަމާނެއްގެ ވާހަކައެއް ކަމެއް ނޭނގެ އެވެ. އަޅުގަނޑަށް މި ވާހަކަ ކިޔައިދިން މީހާއަށް އެ ވާހަކަ އަޑުއިވުނުތާ ވެސް ބައިގަރުނު ވެދާނެ ކަމަށް އޭނާ ބުނެ އެވެ. އޭނާ ކިޔައިދެ އެވެ. ދެކުނުގެ މަދުނޫން އަދަދެއްގެ ރަށްތަކުން އަސާސީ ކާބޯތަކެއްޗާއި ވިޔަފާރި މުދާ ލިބުމުގައި ބަރޯސާވެފައި އޮންނަނީ ނިޔަމި އާދަނުގެ 'މަތިވައް' ކިޔާ އޮޑިއަށެވެ. މިއީ ދެކުނުގައި ފެހުރު ހަމަރިޔާ ނަގައިގެން ދުއްވާ ހަމައެކަނި އޮޑި އެވެ. ކަނޑަށް ގަދަ އޮޑިއެކެވެ. އެންމެ ކަލާސީން ގިނަ އޮޑި އެވެ. ވައިމަތި ހިފަން ހޭރިޔާކުރަމުން ފޮއިދުވަހުން މާލެ އާދެޔޯލަ އެވެ. ރަށުން ފުރާތާ މަހަކާ ފޮއިދުވަހުން މުދާ ބަރުކޮށްގެން އެނބުރި ރަށަށް ދެ އެވެ.

އޮޑީގެ މާލިމީ އަކީ ނިޔަމި އާދަނެވެ. ރުންކުރު އަދި ތިމާގެ ގޮތް ނޫން ގޮތެއް ނޯންނާނެކަމަށް ދެކޭ ހަރުކަށި މީހެކެވެ. ކަލާސީން މީނާއަށް ކިތަންމެ ނަފުރަތު ކުރިޔަސް، އާދަނަކީ މާލިމީ ކަމަށްވާތީ އޭނާގެ އެންގުމަށް ތަބާވުން ނޫން ގޮތެއް ނޯވެ އެވެ. އޭނާއަށް ކަނޑުފަޅު އެނގިފައި ހުންނަ މިންވަރާމެދު ބައެއް ފަހަރު ހިތުގައި ޝައްކު އުފެދުނަސް އޭނާގެ ލަފާފުޅާ އިރުޝާދުގެ ދަށުން ނޫނީ އެއްވެސް ކަމެއް ކުރެވޭކަށް ނޯވެ އެވެ. ފަނާލުން ކަމަށްވިޔަސް، ހަންޖާއެޅުން ކަމަށް ވިޔަސް އެކަން ކުރާކަމަށް ވަނީ ލަފާފުޅާއި އިރުޝާދަށެވެ.

Advertisement

ނިޔަމި އާދަނުގެ 'މަތިވައް' މާލެ ދަތުރަށް ފަށަނީ އެވެ. ބޭނުމަކީ އާދަނުގެ ދަރީގެ ކައިވެނީގެ ސައިޕާޓީއަށް ބޭނުންވާ ސާމާނު ހޯދުމެވެ. އެހެންނަމަވެސް މަންޒަރު ދައްކާފައި އޮތީ މިއީ ކަލާސީންނާއި، އެ އޮޑިން މުދާ ގެންނަހައި ބަޔަކަށް ފަސޭހައަށް، އެވެރިންނަށް މޮޅު ހޯދައިދޭން ކުރާ ދަތުރެއް ކަމަށެވެ. އިރުވައިގެ ހަޅައަށް ލައްވާލާފައި އޮތުމުން މި ދަތުރު އެވަގުތު ނުކުރުމަށް ރަށުގެ ހަރު މީހުންނާއި ދަންނަ މީހުން މަޝްވަރާ ދިނެވެ. އެހެންނަމަވެސް ބޯހަރު އާދަނު ދުށީ އެ ދިން ލަފަޔަކީ އޭނާގެ ގާބިލުކަމަށް ޖެހި ގޮމެއް ކަމުގަ އެވެ. އޭނާ އެ ދަތުރު ކުރާން ނިންމުމުން، އެންގެވި ވަގުތަށް އެންމެން އޮޑިއަށް އަރައި، މުދާ ވެސް އަރުވައި އޮޑި ބަރާކޮށްފި އެވެ. އެކިއެކި ހާޖަތްތަކުގައި މާލެ ޖެހިލާންވެފައި ތިބި އާއިލާތައް އެއްކޮށް އޮޑިއަށް އަރައިފި އެވެ. ގެންދާ މައިގަނޑު މުދަލަކީ ހިކިމަހާއި ކާއްޓާއި އާރޮހެވެ. އެއީ ހަދިޔާބަދިޔާގެ ގޮތުގައިއާއި ވިއްކާން ގެންދާ މުދަލެވެ.

ދަތުރަށް ފުރިއިރު އާދަނު ހުރީ އޭނާގެ ބަސްހިނގާ މިންވަރާމެދު އިންތިހާއަށް ފަހުރުވެރިވެފަ އެވެ. ދަތުރުގެ ފުރަތަމަ މަންޒިލަށް މަޑުކޮށްލުމާއެކު އެރަށުގައި ތިބި އެކުވެރިންނަށް އޭނާގެ ދީލަތިކަން ދެއްކުމަށް ހަދިޔާ ދިނުމަށް އާދަނު ނިންމައިފި އެވެ. އޮޑިދޮށަށް އަންނަހައި އެކުވެރިންނަށް ވަރުވަރުން ހަދިޔާ ދެނީ އެވެ. އާރޮހާއި ހިކިމަހާއި ދިލަޖެއްސި މަހާއި ފިހުނު ބަނބުކޭލާއި ކާއްޓެވެ. ކަލާސީން ގޮވަ އެވެ. ވެރިޔާ އެވެ. މޫސުން މިހުރި ގޮތުން މި ދަތުރު ދިގުލައި ހިނގައިދާނެ އެވެ. އޮޑީގައި ކާނޭ އެއްޗަކަށްވެސް ހުރީ ތިޔަ ބަހާ ތަކެއްޗެވެ. އެކިޔާ އެއްޗަކަށް އާދަނު ދިނީ ބީރު ކަންފަތެކެވެ. ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް އަހައި ނުލި އެވެ. އޭނާގެ ގޮތުގައި ހޭދަކުރަމުން ގެންދިޔަ އެވެ.

އާދަނުގެ އޮޑީގެ ތައްޓު އަޅާފައި ހުންނަނީ މަޅުއަޅައިގެންނެވެ. އެ ޒަމާނުގެ ހުރިހާ އޮޑިއެއްވެސް ހުންނަ ގޮތަށެވެ. ކޮންމެ ދެ މަޅެއްގެ ދެމެދުގައި ބައި އިންޗި ހުންނާނެ އެވެ. އޮޑިން ގެންނަހައި މުދަލެއް އަޅާފައި ހުންނަނީ ވަތަށެވެ. އޮޑިން ދަތުރުކުރާ މީހުން ނިދާނީ ގެގަނޑު ތެރޭގައި، ތައްޓު މަތީގައި ކުނާ ފަތުރައިގެންނެވެ. މިހެން ތިބޭއިރު ކުދިވެރިން ނިދީގައި ކުޑަކަމު ދެވިއްޖެނަމަ ހުރިހައި ނަޖިހެއް ފައިބާނީ ވަތަށެވެ. މިގޮތަށް ފައިބާ ނަޖިސް ޖެހޭނީ ވަތުގައި އެންމެ މަތީގައި ހުންނަ މުޅިތަކާއި ސުތުލި ގޯނިތަކުގައި ހުންނަ ކާބޯތަކެތީގަ އެވެ. ކާންވީމާ، އެންމެ މަތީގައި ހުންނަ ތަކެތި އެއްފަރާތްކޮށްފައި ނަގާނީ އަޑީގައި ހުންނަ މުޅިންނެވެ.

ހަޅައިގެ ކަންތައް ލައްވާލީ ދަތުރުގެ މެދަކުންނެވެ. ފުރަތަމަ ލުއިލުއިކޮށެވެ. އޭރު ރަށެއްގެ ބޭރުގައި ފަނާލައިފި އެވެ. މިއީ ނިވައި ހޯދާން ކުރިކަމެކޭ ކަލާސީންނާއި އޮޑިން ދަތުރުކުރި މީހުންނަށް ހީވިޔަސް، މިކަމެއް ވެސް ކުރީ ނިޔަމި އާދަނުގެ އަމިއްލަ ބޭނުމެއްގަ އެވެ. އޭނާ ހިތާވި އަންހެނަކަށް ވެދުމެއް ކުރާންކަމަށް މަޑުކޮށްލީ އެވެ. މަޑުކޮށްލުމާއެކު އޭނާގެ ލަފާފުޅާ އިރުޝާދުގެ ދަށުން ފަޅުވެރިން ވަތަށް ފައިބައި، ގޮރުޖެހުނު މުޅިތައް އެއްފަރާތްކޮށް ރަނގަޅު މުޅިތަކުން ދެތިން މުޅިއަކާއި ސުތުލި ގޯނިތަކެއް ނަގައި އެރަށަށް ލައިފި އެވެ. އާދަނު ބަސް ބުނަންޖެހޭ ބަޔަކާ ބަސް ބުނުމަށްފަހު އަނެއްކާވެސް ދަތުރަށް ފަށާން އަމުރުކޮށްފި އެވެ.

އޮޑީގައި ތިބިހައި ބަޔަކު އާދަނަށް ނަސޭހަތްތެރިވި އެވެ. މިހާރު ކާނާ ހުސްވަނީ އެވެ. ގޮރުޖެހުނު މުޅިން މަސްކާން ޖެހޭ ހިސާބަށް ދަނީ އެވެ. އާދަނު ބުނެ އެވެ. ފަޅުވެރިކުދިން ހަމަޖެހޭށެވެ. އިންތިޒާމުތައް ރާވާލާފައި ހުންނާނީ ނިކަން މޮޅަށެވެ. އަދި ތިޔަ ފެންނަނީ އަސްލު ބޮޑު މަންޒަރުގެ ފަސްފަހަތެވެ. ރޭވުންގަނޑެވެ. ބޮޑުމަންޒަރު ޗާލުވާނެ އެވެ. އޮޑީގައި ތިބީ މިވާހަކަ ގަބޫލުކުރާކަމަށް ހެދިގެން ތިބި މީހުންނާއި އެއްގޮތަކަށްވެސް ގަބޫލުނުކުރާ މީހުންނެވެ. މިއިން އެއްވެސް މީހަކަށް ހިމޭނުން ތިބުން ނޫން އިތުރު ހިޔާރެއް ނެތޭ މިވެރިން ހީކުޅަ އެވެ. އާދަނުގެ ވެސް ވިސްނުމަކީ އެއީ އެވެ.

ދަތުރަށް ފަށައިފި އެވެ. ކުރިންވެސް ހީކުރެވުނު ގޮތަށް ކޮޅިގަނޑު ވީ ގަދަ އެވެ. ކެރިއާއެކު ގަދަ ވަޔެވެ. ކަނޑުގަދަކަމުން ހީވަނީ އިސާހިތަކު އޮޑި ބަންޑުން ޖަހާލަފާނެ ހެނެވެ. ކެތްތެރިވުމަށާއި އެއްބާރުލުން ދިނުމަށް އާދަނު ހަރު އަޑުން ގޮވަމުން ދިޔަ އެވެ. ބައެއް ފަހަރު އޯގާތެރި އަޑަކުންނެވެ. ބައެއް ފަހަރު ކަރުގެ ނާރުތައް ފުއްޕާފައި، ކަރުގެ އެންމެ ބުޑުން ނެރޭ ބަރު އަޑުއަކުންނެވެ. އެގޮތުގައި އެއް އިރު އޮއްސުނުއިރު ހެޔޮކޮށް ހުރި ހުރިހައި ކާ އެއްޗެއް ހުސްވެއްޖެ އެވެ. އޭގެ ފަހުން ފަޅުވެރިންނާއި އޮޑީގައި ތިބިހައި ބަޔަކު ކާންޖެހުނީ ގޮރުޖެހުނު މަސްމުޅިންނެވެ. އާދަނުގެ ކޮއްތަށް ވާ ވަރަށް ދުރާލާ އޮޑީގެ ގެގަނޑު ތެރެއަށް ކާނާ ވައްދާފައި ހުއްޓެވެ.

ކޮޅިގަނޑު މައިތިރިވެ، ފަޅު ރަށެއްގެ މަލަމަތި ފެނުނުއިރު ފަޅުވެރިންގެ ތެރެއިން ބަޔަކު އިސްނަގައި އާދަނުގެ މައްޗަށް ބަސްކިޔާން ފަށައިފި އެވެ. އޭނާގެ ލަފާފުޅާއި އިރުޝާދަށް ތަބާނުވާނޭކަން ފާޅުގައި އިއުލާނުކޮށްފި އެވެ. އެމީހުންނާ އިތުރު މީހުން ބައިވެރިވެ، އިސާހިތަކު ހިމަރޯނުން އާދަނު ބަނދެލައި ގޮރުޖެހުނު މަސްމުޅިތަކުގެ މައްޗަށް، އޮޑީގެ ވަތަށް ވައްޓައިލައިފި އެވެ. ފަޅުރަށާ ކައިރިކޮށް ފަނާލައި، ބަޔަކު ރަށަށް ފައިބައި ކާނޭ ފަދައެއް ހޯދައި އޮޑިއަށް ލައިގެން ފުރީ ހިމަރޯނުން ބަނދެފައި އޮތް އާދަނު އެރަށު ގޮނޑުދޮށުގައި ބާއްވާފަ އެވެ. އޭނާއަށް ފަހުން ވީގޮތެއް އެނގުނު އިންސާނަކު ނެތެވެ.

ވާހަކަ ކިޔައިދިން މީހާ ބުންޏެވެ. ކޮންމެ ނަމެއް ކިޔާ ކޮންމެ މީހަކު މާލިމީއަކަށް ހުއްޓަސް، ފަޅުވެރިންނާއި، އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް އަޅައިލުމެއް ނުބަހައްޓައި، އަމިއްލަ މޮޅަށް ވިސްނާނަމަ، އެވެރިން ހަމައިން ނައްޓާ ދުވަސް އޮންނާނީ ދާދި ކައިރީގަ އެވެ. އެ އެންމެން އެއް އަންބާއެއް ކިޔައި ދިމާކޮށްލީމާ މާލިމީގެ ލަފާފުޅާއި އިރުޝާދަކީ އެއްޗަކަށް ނުވާނެ އެވެ. މާލިމީ އަކީ ވެސް މީހަކަށް ނުވާނެ އެވެ.

--

މި ލިޔުމާ ގުޅޭ ރަދީފު

  • ނިޔަމި: އުޅަނދުފަހަރުގައި މާލިމީކަން ކުރާން ހުންނަ މީހާ.
  • ފެހުރު: ފަންރިޔާ.
  • ހަމަރިޔާ: ހަތަރެސްކަން ރިޔާ
  • ކަލާސީން: ފުރާދުއްވާ އެއްޗެހީގެ ފަޅުވެރިން.
  • ހޭރިޔާކުރުން: ރިޔާނަގާ އެއްޗެހި ވައިމަތި ހިފާން އަނބުރަމުން ދަތުރުކުރުން.
  • ފޮއިދުވަސް: މަހެއްގެ ދެބައިކުޅަ އެއްބައި.
  • ފަނާލުން: އޮޑިދޯނިފަހަރު ތަންތާގައި ހައްޔަރުކުރުމަށް ޓަކައި ފަނާ މޫދަށްލުން.
  • ފަނާ: އޮޑިދޯނިފަހަރު އެޅުމަށް ނަގިލީގެ ބަދަލުގައި ބޭނުންކުރާ ގަލެއް. މިގައު އޮންނާނީ، ވަށްކޮށް، ފަތާކޮށް، މެދުގައި ލޯވަޅެއް ތޮރުފައި، އެތަނަށް ދަނޑިއެއް މަހައިފައެވެ.
  • އާރޮސް: ކަށިކެޔޮ ނުވަތަ ބަނބުކެޔޮ ނުވަތަ އަލައިގައި ހިލާ ފޮނިކާއެއްޗެއް.
  • މުޅި: އެއްޗެހި އަޅަން ނުވަތަ އެއްޗެހިލުމަށް ފަނުން ވިޔާއެއްޗެއް.
  • ގޮރުޖެހުނު މަސްމުޅި: ބޭނުންހިފަން ކަމުނުގޮސްގެން ބަހައްޓައިފައި ހުރި އެއްޗެއް، އެހެން އެއްޗެއް ނެތުމުގެ ސަބަބުން ބޭނުންކުރަންޖެހޭ ގޮތް ވުމުން ބުނެއުޅޭ ބަހެއް.

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox