ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް; އުތީމު ދަރިކޮޅުގެ ނިމުން

ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް; އުތީމު ދަރިކޮޅުގެ ނިމުން

މީލާދުން 1687 ވަނަ އަހަރުގެ ފެބުރުއަރީން 26 ވީ ބުދަ ދުވަހު ދިވެހި ތާރީހުގައި މަޝްހޫރު އިސްކަންދަރު ރަސްގެފާނަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވި އެވެ. އެއިރު އެ ރަދުން ދިވެހި ސިންގާ ތަހުތުގައި ރެނދަލި ކުރައްވާތާ 39 އަހަރާއި 6 މަސް ފާއިތުވެއްޖެ އެވެ. އަވަހާރަވީ 27 ވީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. ތާ އަބަދުގެ އަބަދަށް އިސްކަންދަރު މަހާރަދުން މި ދުނިޔެއާ އަލްވިދާއު ވިދާޅުވީ ދެމިހުންނަނިވި އަގުހުރި އެތައް ހަނދާންތަކެއް ދޫކުރައްވާފަ އެވެ. އެއީ މިއަދުވެސް ދިވެހި ހަޟާރަތުގެ އެއް ރަމްޒުކަމުގައި ދެކެމުން އަންނަ މާލޭ ހުކުރު މިސްކިތާއި އެ ފަރުމާ އާއި އެދުވަސްވަރު މުޅި ރާއްޖެއަށް އާއްމު ކުރެއްވި އާޓިސްޓިކު ޑިޒައިނެވެ. މި ޑިޒައިންތަކަށް އިސްކަންދަރީ ފަރުމާ އޭ މި ކިޔެނީ ވެސް އެހެންވެގެންނެވެ.

ރަސްގެފާނު އަވަހާރަވީ އިރު އެރަދުންގެ ދަރިކަލުން، އާދެ ރާއްޖޭގެ ވަލީ އަހުދުގެ އުމުރުފުޅަކީ 6 އަހަރާއި 8 މަހެވެ. މި ސަބަބަށްޓަކައި އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވި އިރު، ރަދުން ވަނީ ދައުލަތުގެ ބޮޑުންނާއި ލަޝްކަރާއި ފަނޑިޔާރު މީހާ އާއި އަދި ވަޒީރުން އެރަދުންގެ އަވަހާރަ ދާންމަތިކޮޅަށް ހާޒިރުކުރައްވާ އެ ތުއްޕުޅު ދަރިކަލުންގެ މައްޗަށް ބައިއަތު ހިއްޕުވާފަ އެވެ. އެއީ ރަސްގެފާނު އަވަހާރަވުމަށް ފަހު އެ ދަރިކަލުންގެ ތުއްޕުޅުކަމަށްޓަކައި ރަސްކަމުގެ ތަހުތުން މަހުރޫމު ކުރައްވަފާނެކަމުގެ ބިރުފުޅުންނެވެ.

ދިވެހި ރަސްކަމުގެ ގަވާއިދު އެކަށައެޅިފައި އޮންނަ ގޮތުންނަމަ ރަސްކަލަކު ފަސްދާނުގައި ވެޑުވޭނީ ރަސްކަލަކު އަމުރުފުޅު ކުރައްވައިގެންނެވެ. މިހެންކަމުން ރަސްކަލަކު އަވަހާރަވެއްޖެނަމަ އެ އަވަހާރަވީ ރަސްގެފާނު ފަސްދާނުލުމުގެ ކަންކަން ކުރިޔަށް ގެންދެވޭނީ ރަސްކަލަކު އައްޔަނު ކުރުމަށްފަހުގައެވެ. މިއީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމު އެއްވެސް އިރެއްގައި ހުސްކަމެއްގައި ނުބޭއްވުމަށްޓަކައި އެންމެ އިހުއްސުރެ އެކަށައެޅިފައި އޮންނަ ނުލިޔެވިވާ ގާނޫނެކެވެ. އެކަމަކު އެންމެންމެ ތަބާވާ ގާނޫނެއްވެސްމެ އެވެ. މިހެންކަމުން އިސްކަންދަރު ރަސްގެފާނު އަވަހާރަވުމާއި އެކު، އެރަދުންގެ ތުއްޕުޅު ދަރިކަލުން ވަލީ އަހުދު އަލްއަމީރު މުހައްމަދުގެ އަތްޕުޅު މައްޗަށް ދައުލަތުގެ ބޮޑުން ބައިއަތު ހިއްޕެވި އެވެ. އެއީ ރާއްޖޭގެ ރަސްގެފާނު ކަމުގައި ހަމަޖެހިގެން ދިޔައެވެ.

Advertisement

އައްސުލްޠާން މުހައްމަދަށް ބައިޢަތު ހިއްޕެވުމަށްފަހު ޖެހިގެން އައި ދުވަހު، އާދެ 1687 ވަނަ އަހަރުގެ ފެބުރުއަރީ މަހުން 28 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސްކަންދަރު ރަސްގެފާނު ފަސްދާނުލުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. ފަސްދާނު ލެވުނީ މާލޭ ހުކުރު މިސްކިތު ގޯތި ތެރޭގައި، އެރަދުން ދުނިޔޭގައި ހުންނަވާމެ ބިނާކުރައްވާފައިވާ ޒިޔާރަތެއްގެ ތެރޭގަ އެވެ. މިހާރު ވެސް މާލޭ ހުކުރު މިސްކިތު މައި ދޮރޯށިން ވަންނަ އިރު އެންމެ ފުރަތަމައަށް މޫނު އެ ޖެހެނީ އެ ޒިޔާރަތުގަ އެވެ.

އައްސުލްޠާން މުހައްމަދަށް ކޮލި ލެވުނީ ސްވަސްތީ ސްރީ މަނިރަންލޯކަ މަހާރަދުންގެ ނަންފުޅުގަ އެވެ. ދައުލަތުގެ ބޮޑުން މި ތުއްޕުޅު ރަދުންނަށް ގަދަރުވެރިވެވަޑައެއް ނުގަންނަވަ އެވެ. ރަސްކަލަކު ތުއްޕުޅު ނަމަ އެ ރަސްކަލަކު ބޮޑުފުޅު ވަންދެން ރަސްކަން ހިންގަމުން ގެންދާނީ އެ ވަގުތެއްގައި ދައުލަތުގެ ކުރިޔަށް ތިއްބަވާ ބޮޑުންނެވެ. އެއީ ކިލެގެ ބޭކަލުންނާއި އަދި އިސް ވަޒީރުންނެވެ. ކިލެގެ ބޭކަލުންނޭ މި ބުނެވެނީ އިނގިރޭސި ބަހުން މި ކިޔާ ލޯޑުން ފަދަ ބޭކަލުންނަށެވެ. މިގޮތުން ދިވެހި ރަސްކަމުގެ ގަވާއިދުތަކާއި އެއްގޮތްވާނޭ ގޮތުގެ މަތީން ސްރީ މަނިރަންލޯކަ މަހާރަދުންގެ ރަސްކަން ވެސް ހިންގަވަމުން ގެންދަވަނީ ދައުލަތުގެ އެންމެ ބޮޑުންނެވެ.

ރަސްގެފާނުގެ ރައްކަލަކަށްޓަކައި ލަޝްކަރުގެ އިސް ބޭފުޅުންނާއި އަދި އިސް ވަޒީރުން އަބަދުވެސް އެރަދުންގެ ހަށިފާރަވެރީންގެ ގޮތުގައި ގަނޑުވަރުގައި ތިއްބަވަ އެވެ. އެއީ އެއްވެސް ބޮޑަކު ނޫނީ ކިލެގެ ބޭކަލަކު ވިޔަސް ލަޝްކަރުންގެ ބަޔަކަށް ރިޝްވަތު ބަހައިގެން ފަދަ ގޮތަކުން ވިޔަސް ރަސްކަން ފޭރިގަތުމުގެ ފުރުސަތު ނުދެއްވުމަށެވެ. މިގޮތުން އަބަދުވެސް ރަދުންގެ ރައްކަލަކަށްޓަކައި ކޮންމެވެސް ބޮޑުން ތަކެއް ގަނޑުވަރުގައި ރަދުން އަރިހުގައި އުޅުއްވައެވެ. ރާއްޖޭގެ ބައިތުލްމާލުގެ ތަޅުދަނޑިފަތި ވެސް އޮންނަނީ އެ ބޭކަލުންގެ އަތްޕުޅުގައެވެ. ގަނޑުވަރުތެރޭގެ ހަރަދުތައް ބަލަހައްޓަވަމުން ގެންދަވަނީ އެބޭކަލުންނެވެ.

ބެލެވޭ ގޮތުގައި އެދުވަސްވަރު ރަސްކަމުގެ އެންމެހައި ކަންތައްތައް ހިންގެވުމުގެ އެންމެ މަތީ ފަރާތެއްގެ ގޮތުގައި ނުވަތަ ރަސްގެފާނުގެ ގާއިމުމަގާމެއްގެ ގޮތުގައި (ރަސްކަމުގެ ރީޖެންޓެއްގެ ގޮތުގައި) ހުންނެވީ ރާއްޖޭގެ ވެލާނާ ކަމުގައި ހުންނެވި ފަރާތެވެ. މާނައަކީ ހާރިޖިއްޔާ އާއި ބެހޭ އެންމެމަތީ ވެރިޔާ އެވެ. މީލާދުން 1680 ގެ އަހަރުތަކުގެ ފަހުކޮޅާއި ހަމައިގައި ރާއްޖޭގެ ވެލާނާ ކަމުގައި ނުވަތަ ބޭރާ ބެހޭ އެންމެމަތީ ވެރިޔާގެ މަގާމުގައި ހުންނެވީ ފެންފުށީ ބޭކަލެކެވެ.

އަވަހާރަވި އިސްކަންދަރު ރަސްގެފާނުގެ އަނބިކަނބަލުން އެއިރުގެ ރަނިކަމަނާގެ ގޮތުގައި އިންނެވި ފަރާތް އަދި އިސްކުރެވުނު ރަދުންގެ މަންމާފުޅު ކަނބާ މަރިޔަމް ރަނިކިލަގެ އާއި މި ވެލާނާ ތަކުރުފާނާއި ދެމެދު ކޮންމެވެސް ކަހަލަ ހަމަނުޖެހުންތަކެއް ހިނގައިގެންދިޔައެވެ. މި ސަބަބަށްޓަކައި ރަނިކަމަނާ ލަޝްކަރުގެ ވެރީންނާއި އިސްވަޒީރުންނާއި ކިލެގެ ބޭކަލުން ޝާހީ ގަނޑުވަރަށް ހާޒިރުކުރައްވާ އެބޭކަލުން އަރިހުގައި ޝަކުވާ ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ.

"ފެންފުށީ ވެލާނާ އާއި އެނާ އާއި އެއްބައިވެގެން އުޅޭ ބަޔަކު ރަސްގެފާނަށް ދިރިއުޅުއްވަން ދަތިކުރަނީއެވެ. މަހެއްގެ ހަރަދަށްޓަކައި ދޭ އެއްޗެހީން އަހަރުމެންނަށް ވިހި ދުވަހަށްވެސް ނުފުދެއެވެ. މިހައި އެތިކޮޅަކުން އަހަރުމެންނަށް ދިރިއެއް ނޫޅެވޭނެއެވެ."

ދެން ލަޝްކަރީންގެ ތެރެއިންނާއި ވަޒީރުންގެ ތެރެއިން ބަޔަކު ތެދުވެ ރަނިކިލަގެ އާއި އެއްކޮޅަށް ވަކާލާތު ކުރައްވާ ފެންފުށީ ވެލާނާ ތަކުރުފާނު ބޭރުކޮށްލައްވައިފިއެވެ. އަދި އޭނާގެ މުދާތައް ސަރުކާރަށް ހިއްޕަވާ ހުވަދު އަތޮޅު ތިނަދޫއަށް އަރުވައިލެއްވީއެވެ. މި ކަންތައްތަކުގައި އެއިރު ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހާޖީ އަލީ ތުއްކަލާގެ ދަރިކަލުން އަލްޤާޟީ މުހައްމަދު ވެސް ހުންނެވީ ކަނބާ މަރިޔަމް ރަނިކިލަގެ އާއި އެއްކޮޅަށެވެ. އެހިސާބުން ދެން ރަސްކަމުގެ ގާއިމުމަގާމެއްގެ ގޮތުގައި (ރީޖަންޓެއްގެ ގޮތުގައި) ހަމަޖެހިގެން ދިޔައީ އަވަހާރަވި ރަދުންގެ އަނބިކަނބަލުން، ތުއްޕުޅު ރަދުންގެ މައިކަމަނާ ކަނބާ މަރިޔަމް ރަނިކިލަގެ އެވެ. މިއީ އާއްމު ގޮތެއްގައި އެނދި މަރިޔަނބުގެ ނަމުން އާއްމުންގެ މެދުގައި މަޝްހޫރުވެފައިވާ ފަރާތެވެ.

އާދެ! ދިވެހި ތާރީހު ލިޔުއްވި އަލްޤާޟީ ހަސަން ތާޖުއްދީނު ދިރިއުޅުއްވީ ސީދާ މިކަމަނާ ރަސްކަން ހިންގެވި ދުވަސްވަރުގައެވެ. ވެލާނާ ތަކުރުފާނު އަތުން ރަސްކަން ހިންގުމުގެ ބާރު ނިގުޅައިގަތުމަށްޓަކައި އެހިނގި ސިޔާސީ ކުޅިގަނޑުގައި، ހަސަން ތާޖުއްދީނަށް ހުންނެވިފައި ވަނީ މިކަމަނާ އާއި ދެކޮޅަށެވެ. އަދި ހަސަން ތާޖުއްދީނަކީ ޚުދު މި ކަމަނާގެ ފުށުން ސިޔާސީ ސަބަބުތަކަށްޓަކައި އަދަބުވެސް ލިބިވަޑައިގެންނެވި ފަރާތެކެވެ. މި ދުވަސްވަރުގެ ހަބަރުތަކާއި ގުޅޭ ގޮތުން މިޒަމާނާއި ހަމަޔަށް އައިސްފައި ވަނީ ހަމައެކަނި ހަސަން ތާޖުއްދީނު ލިޔުއްވި އެއްޗެކެވެ. މިހެންކަމުން ހަސަން ތާޖުއްދީނު ލިޔުއްވި ތާރީޅު ފޮތުގައި ސްރީ މަނިރަންލޯކަ މަހާރަދުންގެ މަންމާފުޅާއި ބެހޭ ގޮތުން އޭނާ ލިޔުއްވި އެއްޗަކަށް ކިތަންމެހައިވެސް ރަނގަޅަކަށް ވަނީ އެކަމަނާ ދެކެ އޭނާ ދުރުވި ރުޅީގެ އަސަރުކޮށްފަ އެވެ.

ހަސަން ތާޖުއްދީނަށް ކަނބާ މަރިޔަމް ރަނިކިލަގެ ގެ ފުށުން ވަރަށް ގިނަ ނުކުސާނާ ކުރިމަތިވި އެވެ. ރާއްޖޭގައި ނުހުންނެވިގެން ގައުމު ދޫކުރައްވަންވެސް ޖެހިލެއްވި އެވެ. އަނބުރާ ދުރުވުމުން މާލެއަށް ފޭބެންނެވުމުގެ ހުއްދަ ނުލިބި ރަތްދަކަ އަވީގައި އޮޑީގައި ބޭއްވުމަށް ފަހު އަމިއްލަ ރަށަށް ހައްދުމަތީ ގަމަށް ފޮނުވާލެއްވިއެވެ. ތާޖުއްދީނު ލިޔުއްވާ ގޮތުންނަމަ ފެންފުށީ ވެލާނާ އަތުން ބާރުތައް އަތުލެއްވީ އެއިރުގެ އުއްތަމަ ފަނޑިޔާރު އަލްޤާޟީ މުހައްމަދާއި ބައެއް ވަޒީރުންނަށާއި އަދި ލަޝްކަރީންގެ ތެރެއިން ބަޔަކަށް ފައިސާގެ ރިޝްވަތު ދެއްވައިގެންނެވެ. މި ދެންނެވި އަލްޤާޟީ މުހައްމަދަކީ ފަހުން ދެއްވަދޫ ރަސްގެފާނު ނަންފުޅުގައި ރާއްޖޭގައި މަޝްހޫރުވި ރަސްގެފާނެވެ. އަދި ހަސަން ތާޖުއްދީނަށް ފަނޑިޔާރުކަމުގެ މަގާމު ދެއްވި ފަރާތްވެސްމެއެވެ.

ރަސްގެފާނުގެ މަންމާފުޅަކީ ވެސް ރަސްކަން ހިންގުމުގެ ދާއިރާގެ ތެރޭގައި ހިމެނޭފަދަ ދަރަޖައެއް ލިބިވަޑައިގެން ހުންނެވި ފަރާތެކެވެ. އެއީ ރަސްގެފާނުގެ މަންމާފުޅަށް ވެގެންނެއް ނޫނެވެ. ކިއެއްތަ ރަސްކަލެއްގެ އަނބިކަނބަލުންނަށް ވެގެނެއްވެސް ނޫނެވެ. ދިވެހިރާއްޖޭގެ ރަސްކަމުގައި، ރަސްކަލެއްގެ އަނބިކަނބަލުންނަށް ކިޔައި އުޅެނީ ރާނީއެއް ނޫނެވެ. އަދި ވިލާތުގެ ރަސްކަމުގެ ތޮބީއަތާ އެއްގޮތްވާނޭހެން ހަމަ ރަސްކަލަކާއި ކައިވެނިވެގެން އިންނަވާ ކޮންމެ އަންހެނަކީ ރާނީއެއް ނުވަތަ ކްއީންއެއް ނޫނެވެ. ދިވެހި ރަސްކަމުގައި "ރާނީއެއްގެ ދަރަޖައިގައި" އިންނަވާ ފަރާތަކީ ކިލެގެކަމުގެ ޢިއްޒަތެއްގައި "ރަނި ކިލަގެ" ނަމުގައި އިންނަވާ ފަރާތެކެވެ. ރަނި ކިލަގެ އަކީ ކިލެގެ ބޭކަލުންގެ ތެރޭގައި ހިމެނޭ އެއް ކިލެގެކަމުގެ މަގާމެކެވެ. އެއީ ރަސްކަލަކު ދެއްވީމާ ލިބޭ ދަރަޖައެކެވެ. ކައިވެނިވާއިރަށް ލިބޭ ދަރަޖައެއް ނޫނެވެ. އަވަހާރަވި ރަދުން އިސްކަންދަރު ރަސްގެފާނު އެކަމަނާ އާއި ކައިވެނިފުޅު ބައްލަވައި ގަތުމަށްފަހު އެކަމަނާއަށް ވަނީ ރަނިކިލެގެކަން ދެއްވާފައެވެ. ވީމާ އެއީ ރާއްޖޭގެ ރަނި ކިލެގެއެވެ. ފަހުމުކުރުމަށްޓަކައި މި ލިޔުމުގައި އެއީ ރާނީއޭވެސް ދަންނަވާފައިވަނީއެވެ.

ރަސްރަސްކަލުންގެ ތާރީހުތައް ރެކޯޑު ކުރެވިފައިވާ ރާދަވަޅިތަކުގައި އެކަމަނާގެ ނަންފުޅު ގެނެސްފައިވަނީ އަންނަނިވި ބީދައިންނެވެ.

"މިރަދުންނަށް ދިޔަފުރަސޫތާވެ (އެބަހީ އިސްކަންދަރު ރަސްގެފާނަށް) ކަނބާ މަރިޔަމް ރަނިކިނަގެ ކިހުނިފަން ބޮޑު މުހައްމަދު ކަލަމިންޖާ ސްރީ ރަންނަވަލޯކަ މަހާރަދުނަވެތް"

މިހެންކަމުން ތުއްޕުޅު ރަދުންނަށް ވެރިކަން ހިންގަވައިދެއްވަން ވެލާނާއަކު ހުންނަވައިގެން ބައިތުލްމާލުގެ ތަޅުދަނޑި ހިއްޕަވައިގެން ހުންނެވުމުން އެކަމަނާވެސް ސިޔާސީ ގޮތުން އެ ރޭއްވެވި ރޭއްވެވުމަށް ރާއްވަވާފައި އޮތުމަކީ އެކަށޭނަކަމެކެވެ. ހަމަ މީގެ އިތުރުން އެއީ ރާއްޖޭގެ ރަސްކަމުގެ ތަބީއަތުގެ ގާނޫނުތަކާއި އެއްގޮތްވާނޭ ގޮތުގެ މަތީން ރަސްކަމުގެ ދާއިރާގައި ހިމެނޭ ކިލެގެ ބޭކަނބަލެކެވެ. ހަމައެހެންމެ ތުއްޕުޅު ރަދުންގެ މަންމާފުޅުވެސްމެއެވެ. ވީމާ ރަދުންގެ ފަރާތްޕުޅުން ވެރިކަން ހިންގެވުމުގެ މަތީ ބާރު، އޮންނަވާނެ ފަރާތަކީ އެކަމަނާކަމަށް އެކަމަނާ ދެކެވަޑައިގަންނަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. (ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox