މި އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމާނަން: ރައީސް

ފުށިދިއްގަރުފަޅުން ފުރަތަމަ ހިއްކި ސަރަހައްދު --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުށިދިއްގަރުފަޅުން ފުރަތަމަ ހިއްކި ސަރަހައްދު --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ރަސްމާލެ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކައި ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތިންވަނަ ތާރީހެއް ދެއްވައިފި އެވެ.

ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވަމުން ޑިސެމްބަރު 18، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތް މެދުނުކެނޑި އަށް މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެ މުއްދަތު ހަމަވީ އޮގަސްޓު 18، 2024 އަށެވެ. އެ މުއްދަތުގައި ހިއްކުނީ ރަސްމާލޭގެ އެންމެ ސައިޓެކެވެ.

ރައީސް ދެއްވި އެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލެ ހިއްކުމުގެ މަސައްކަތަށް އިތުރު އަށް މަސް ބޭނުންވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ދެވަނަ ފަހަރަށް ދެއްވި އަށް މަހުގެ މުއްދަތު ހަމަވާނީ މާޗު 26، އަށެވެ.

Advertisement

މި މަޝްރޫއުގެ ބިން ހިއްކުން ނިމޭނެ ކަމަށް ރައީސް ތިންވަނަ ތާރީހެއް ދެއްވީ މިއަދު ދެއްވި އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނުގަ އެވެ.

މި ހިނގާ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވީ މި ސަރުކާރުން މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.

"ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން،" ރައީސް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އިތުރު ހަތް ސައިޓެއްގެ އެންވަޔަރަމަންޓު އިމްޕެކްޓު އެސެސްމަންޓު (އީއައިއޭ) ހަދައި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާންމުކުރީ މިދިޔަ މަހުގެ ފަހު ކޮޅު އެވެ.

އީއައިއޭ ރިޕޯޓުގައި މަޝްރޫއު ކުރިއަށް ގެންދާ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ އާ ހަތް ސައިޓުގައި ހިމެނޭ ޖުމްލަ 256 ހެކްޓަރު ހިއްކަން ޖުމްލަ 18 މަސް ނުވަތަ ދޮޅު އަހަރު ހޭދަވާނެ ކަމަށެވެ. އެ މަސައްކަތް ނިމޭނެ އެންމެ އަވަސް ތާރީހަކީ މާޗު 3، 2026 އެވެ.

އަލުން މަސައްކަތް ފަށާ އެގޮތުން ނޮވެމްބަރު 10، 2024 އިން ފެށިގެން ޖެނުއަރީ 20، އާ ހަމައަށް ފުށިދިއްގަރުފަޅުން އިތުރަށް ހިއްކާފައިވަނީ 40 ހެކްޓަރެއްހާ ބޮޑުމިނުގެ ބިންކަން ސެޓްލައިޓު ފޮޓޯތަކުން އެނގެ އެވެ. މީގެތެރެއިން ބޮޑުބައެއް ހިއްކާފައިވަނީ ނޮވެމްބަރު އަދި ޑިސެމްބަރު މަހެވެ.

މަޝްރޫއަށް ފައިސާ ހޯދާ ގޮތް

ސަރުކާރުން މާލެ އަތޮޅު ދެކުނުގައި އޮންނަ ފުށިދިއްގަރު ފަޅުން ރަސްމާލެ ހިއްކަން ފެށީ، ފުރަތަމަ މަސައްކަތް ހަވާލުކުރި ސީއެމްސީސީ އަށް ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭ ގޮތަށެވެ.

އެގޮތަށް ސަރުކާރުން ނިންމީ، މި މަޝްރޫއަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އޭރު އޮތް މަޖިލީހުން އުނިކުރުމާ ގުޅިގެންނެވެ. އޭރު ރައީސް މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާ ގޮތަށް ކަމަށެވެ.

ނަމަވެސް ފުރަތަމަ ހިއްކަން ފެށި ސައިޓު ޖޭ ނިންމަން ސީއެމްސީސީއަށް 77 މިލިއަން ރުފިޔާ ދިނެވެ. އޭރު އޮތީ މުޅީ މަޝްރޫއަށް ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ސީއެމްސީސީ އިން ހަރަދުކުރާ ގޮތަށެވެ.

އެންމެ ފަހުން ހެދި އީއައިއޭގައި ބުނެފައިވާ ގޮތުން މަޝްރޫއަށް ދެން ފައިސާ ހޯދަނީ އެޗްޑީސީން ނަގާ ލޯނަކުންނެވެ. މި ލޯނާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން ނުވަތަ އެޗްޑީސީން ވެސް ހާމައެއް ނުކުރެ އެވެ.

ނަގާ ލޯނުގެ އަދަދު ކަށަވަރު ނުވިޔަސް ފުށިދިއްގަރުން 1100 އެއްހާ ހެކްޓަރު ހިއްކަން "ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެންމެ މަދުވެގެން ވެސް ހަރުދުވާނެ" ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

އެހެންކަމުން މި މަޝްރޫއަށް ނަގާ ލޯނަކީ އެންމެ މަދުން ނަމަވެސް 500 މިލިއަން ޑޮލަރުގެ ލޯނަކަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޫއޮޅިގެން ޔާމީންގެ ނަން ވިދާޅުވެވުމުން މައާފަށް އެދިވަޑައިގެންފި

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސް މުއިއްޒުގެ ނަންފުޅުގެ ބަދަލުގައި ދޫއޮޅިގެން ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް މައާފަށް އެދިވަޑައިގެންފިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބައެއް ފަހަރު މިފަދައިން ދޫއޮޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް

އިންތިހާބަށްފަހު ބައިބައިނުވާން މުއިއްޒު އިލްތިމާސްކުރައްވައިފި

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިގެން ނުވާނެ ކަމަށާއި، ހުރިހާ މެންބަރުންވެސް އިހްލާސްތެރިކަމާއެކު ގައުމާއި ޕާޓީ އިސްކުރުމަށް މުއިއްޒު އިލްތިމާސްކުރެއްވި. އިންތިހާބުގައި ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކާއެކު ކުރިއަށްދިއުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޕީއެންސީގެ ކޮންގްރެސްގައި ނަޝީދު ބައިވެރިވެވަޑައިގެންފި

ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ފަރާތުން ވެސް އެ ކޮންގްރެސްގައި ބައިވެރިވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ކޮންގްރެސްއަށް މަންދޫބަކު ނުފޮނުވަ އެވެ.

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އެންޑޯޒްކޮށްފި

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި މުހިންމު ބަދަލުތައް، އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ އެންޑޯޒްކޮށްފައި. މި އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ދީނީ އިލްމުވެރިންނާއި، އަންހެނުންނާއި، ޒުވާނުން އަދި އިސްރަށްވެހިންނަށް ޚާއްސަ ގުނަވަންތަކާއި 15 ކޮމިޓީއެއް އުފެއްދުން ހިމެނޭ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ރާއްޖެއިން ފުރާވަޑައިގެންފި

އަންވަރުގެ ދަތުރުގައި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ދެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ދީނީ ގޮތުން އަދި ދިފާއީ ގޮތުން އެއްބާރުލުން ދިނުމުގެ ދެ އެމްއޯޔޫ އެވެ.

ތެލާއި މައުދަން ހޯދަން މެލޭޝިއާގެ ޕެޓްރޯނަސްއަށް ދައުވަތު ދީފި

ރާއްޖޭން ތެލާއި މައުދަން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ޕެޓްރޯނަސް ކުންފުންޏަށް ދިވެހި ސަރުކާރުން އެރުވި ދައުވަތާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ. އަދި މިފަދަ ދިރާސާތައް ކުރުމަކީ އެ ކުންފުންޏަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox