ހުޅުމާލޭގައި އަޅާ މާލޭގެ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް، އެމްޓީސީސީއާ ހަވާލުކުރިތާ ތިން މަސް ފަހުން އެ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކަށް ޖާގަ ހިމެނޭހެން ހަދާ މި އިމާރާތަކީ އެ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކޮށް، ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ފެށި މަސައްކަތެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. މި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ބައިވެރިވެޑައިގެންނެވި އެވެ.
މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެހެން ކޯޓުތަކުގެ ގާޒީން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 699.8 މިލިއަން ރުފިޔާ އަށެވެ. މުޅި މަޝްރޫއު ނިންމުމަށް ދީފައި ވަނީ 720 ދުވަހުގެ މުއްދަތެކެވެ.
ހުޅުމާލޭގައި މި އިމާރާތް އަޅަނީ 29،490 އަކަފޫޓުގެ ބިމެއްގަ އެވެ. މި މަޝްރޫއުގެ ދަށުން 14 ފަންގިފިލާގެ ޒަމާނީ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކޮމްޕްލެކްސްގައި ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓު ހިންގާނެ އެވެ. އަދި ފެމިލީ ކޯޓާއި ހައި ކޯޓުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހުންނާނީ މި އިމާރާތުގަ އެވެ.
ސަރުކާރުން ވަނީ ސުޕްރީމް ކޯޓު ހިނގަން މާލޭގައި އާ އިމާރާތެއް ތަރައްގީކުރަން ނިންމާފަ އެވެ. މި އިމާރާތް އަޅަން ބޭނުންވާ ބިން މާލެއިން މިހާރު ހަމަޖައްސާފައިވާ ކަމަށް ޕީއެސްއެމްގައި ވަނީ ރިޕޯޓުކޮށްފަ އެވެ.







