ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަމާޒު ހިފި ގޮތަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރިގެން ބާއްވާ ޖަލްސާއަށް އެ ޕާޓީއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުން ދައްކާ ގޮތުގައި މިރޭ 08:05 ޖެހުމާ ހަމައަށް ޕީއެންސީގައި ތިބީ 98،008 މެންބަރުންނެވެ. އެހެންކަމުން އެ ޕާޓީން އެއްލައްކަ މެންބަރުން ހަމަކުރަން އިތުރަށް 1,992 މެންބަރުން ބޭނުންވާނެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޕީއެންސީގެ އަމާޒަށް މިރޭގެ ޖަލްސާއަށް އެއްލަ މެންބަރުން ހަމަނުކުރެވުމުން މިރޭގެ 12:00 ޖެހުމާ ހަމައަށް އެއްލައްކަ މެންބަރުން ހަމަކުރަން އެ ޕާޓީން ވަނީ ނިންމާފަ އެވެ.
ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިލެކްޝަން ޕޯޓަލްއަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނަ ދާއިރާތަކުން ވަގުތު އިތުރުކޮށްދޭން އެދުމުން، މިރޭ 12:00 ޖެހުމާ ހަމައަށް އެއް ލައްކަ މެންބަރުންގެ އަމާޒަށް ވާސިލުކުރުމަށް ވަގުތު އިތުރުކޮށްދީފައިވާ ކަމަށެވެ.
"މިއަދު އިލެކްޝަން ޕޯޓަލްއަށް ދިމާވި މައްސަލައާ ގުޅިގެން ވަރަށް ގިނަ ދާއިރާތަކުން، ވަގުތު އިތުރުކޮށްދިނުމަށް އެދެމުންދާތީ މިރޭ 12:00 ޖެހުމާ ހަމައަށް ޓާގެޓް ހާސިލުކުރުމަށް ވަގުތު އިތުރު ކުރެވިފައިވާ ވާހަކަ ހިއްސާކޮށްލަން،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންނަށް މަޖުބޫރުކޮށް، ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އެ ކުންފުނިތަކުގެ ބައެއް ވެރިންނާއި މުވައްޒަފުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދިން ސަރުކާރު ކުންފުންޏެއްގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި، ޕާޓީގެ އަމާޒަށް ވާސިލުވުމަށްޓަކައި ކުންފުނިތަކުގައި މަސައްކަތްކުރާ އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށާއި، އެއްވެސް ޕާޓީއެއްގައި ނެތް މުވައްޒަފުންނަށް ވެސް ޕީއެންސީއަށް ވަނުމަށް ދަނީ އަންގަމުންނެވެ.
މި އަހަރު ނިމުމުގެ ކުރިން ޕީއެންސީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު އިއުލާނު ކުރި އެވެ.
ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އޭރު ވިދާޅުވެފައިވަނީ، މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގައި ތިބީ އެންމެ 3،000 އެއްހައި މެންބަރުން ކަމަށާއި، ނަމަވެސް އޭރު އެ އަދަދު 79،364 އަށް އަރާފައިވާ ކަމަށެވެ.








