އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހަޅާފައިވާ ބިލަށް ބަދަލުގެންނަން ޖެހޭ: އޭޖީ އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް: އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ބަންޑާރަނައިބު އަހުމަދު އުޝާމް: އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަދަލުތަކެއް ގެންނަ ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ޖޫން 2، 2024، ގައި ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ. އޭގެ ތިން ދުވަސް ކުރިން އެގޮތަށް ގާނޫނު އިސްލާހުކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ މަޖިލީހަށް ބިލެއް ހުށަހާޅާފަ އެވެ.

އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް) ހިމެނޭނެ ކަމަށެވެ. އެ ބިލު މިހާރު އޮތީ ކޮމިޓީއަށް ފޮނުވި ގޮތަށް މަސައްކަތް ނުފެށި މަޑުޖެހިފަ އެވެ.

އެކަމާ ގުޅޭގޮތުން އަދާހަމައެއް ހޯދުމަށް އެދުމުން އޭޖީ އުޝާމް "އަދަދު" އާ ފޯނުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ ނިންމުމާއެކު އާ ބިލެއް ހުށަނޭޅީ މަޖިލީހުގެ ގަވާއިދުން އެކަމަށް ޖާގަ ނުދޭތީ ކަމަށެވެ. ނަމަވެސް މިހާރު އޮތް ބިލުގެ މަސައްކަތުގައި އޭޖީ އޮފީހުން އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުށަހަޅާފަ އޮތް ބިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަންޖެހޭ. ދެން ކެބިނެޓުގަ ނިންމާފަ އޮތް ނިންމުންތަކާ އެއްގޮތަށް ބިލު އިސްލާހުކޮށްގެން މަޖިލީހުން ކުރިއަށް ގެންދަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.

ކެބިނެޓުގެ ނިންމުމުގައި ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ނަމަވެސް، އޭގެ 10 ދުވަސް ފަހުން އުޝާމް ވަނީ އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމަކީ ވިސްނައިލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ސަރުކާރާއި އުޝާމަށް ފާޑުކިޔެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމިތާ މިއަދަށް 126 ވެފައިވާއިރު އެކަން ލަސްވެގެން ދަނީ މަޖިލިސް ޗުއްޓީގައި އޮތުމުން ކަމަށް މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވި ނަމަވެސް މަޖިލީހުން ޗުއްޓީއަށް ދިޔައީ ވަޒީރުންގެ މަޖިލީހުގެ ނިންމުމަށް 88 ދުވަސް ފަހުން އޮގަސްޓު 22، ގަ އެވެ. ޗުއްޓީ ތެރޭ ވެސް މަޖިލީހުން ބައެއް މަސައްކަތް ކުރިއިރު، ދެވަނަ ދައުރުގެ މަސައްކަތް މާދަމާ ފަށާނެ އެވެ.

މަޖިލީހުގައި މި މައްސަލަ ތާށިވެ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވީ ނަމަވެސް، އެކަން ލަސްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި މި ނިންމުން ލަސްވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅަނގުގެ ބާރުތަކުން ކުރިމަތިކުރަމުންދާ ޕްރެޝަރުތަކުގެ ސަބަބުންނެވެ. އެގޮތުން މި ސަރުކާރުން އިޒްރޭލުގެ ގަތުލުއާންމަށް އެންމެ ބޮޑަށް ތާއީދުކޮށް އެހީވާ އެމެރިކާއާއެކު ބާއްވަމުންދާ ގާތް ގުޅުން އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox