Advertisement

ލާމުގެ މަޝްރޫއުތައް ހަވާލުކުރި ކުންފުނި ބޭންކުތަކުގެ ބްލެކްލިސްޓުގައި

15 އޭޕްރީލް 2024 - 13:14 4

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު


ލާމުގެ މަޝްރޫއުތައް ހަވާލުކުރި ކުންފުނި ބޭންކުތަކުގެ ބްލެކްލިސްޓުގައި

15 އޭޕްރީލް 2024 - 13:14 4

ހައްދުންމައްޗަށް އިންގިލާބީ ތަރައްގީ ގެނައުމުގެ ނަމުގައި ސަރުކާރުން އެ އަތޮޅު ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށާއި ހިމާޔަތްކޮށްފައި އޮންނަ އެ އަތޮޅު ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ހަފުތާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑެތި މަޝްރޫއުތައް އިފުތިތާހު ކުރަމުންދާ ބީދައިން މިއަދާ ހަމައަށް ދެ މަޝްރޫއުގެ ވެސް މާބޮޑު ތަފުސީލެއް ނުދެ އެވެ. މެރިޓައިމް ހަބާ ގުޅޭގޮތުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ދީ އެމްޕީއެލްގެ އޮފިޝަލަކު ކޮންމެވެސް މައުލޫމާތުތަކެއް ދިން ނަމަވެސް، އެ ޕްރެޒެންޓޭޝަން ނިންމާލީ އެއާޕޯޓުގެ ކުރެހުމެއްހާ ހިސާބު ވެސް ދައްކާ ނުލަ އެވެ.

ސަރުކާރުން މި ދެ މަޝްރޫއު ވެސް ހަވާލުކުރީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާ އެވެ.

މި ކުންފުންޏާ ބެހޭ ތަފުސީލުތަކެއް ސޮއިކުރި ރަސްމިއްޔާތުގެ ބޭއްވި ޖަލްސާގައި އާންމުނުކުރި ނަމަވެސް، އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ، މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި ގޮތުގައި މި ކުންފުންޏަކީ ގާބިލު، ބިޔަ އަދި ކަމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

"ޗައިނާގެ އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ވަރަށް ފުޅާ ދާއިރާއެއްގަ ވިޔަފާރިކުރާ ކުންފުންޏެއް،" ސީއޭއެމްސީއީއާ ގުޅުވައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރަމުންދާ ބައެއް ކުންފުނިތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން މީގެ ކުރިން ވެސް ހާމަވެފައިވާތީ، ސީއޭއެމްސީއީގެ ފަރުދާ ކަހާލިއިރު، ކަމަކު ދާކަށް ނެތެވެ.

މި ކުންފުނި އޮތީ ޗައިނާގެ އެކްސްޗޭންޖު ލިސްޓުގައި އެކަންޏެއް ނޫނެވެ. ބައިނަލްއަގުވާމީ ބޮޑެތި ބޭންކުތަކުން ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ބްލެކްލިސްޓުގައި ވެސް މި ކުންފުނި އެބައޮތެވެ. އެވަރަކުން ނިމުނީއެއް ނޫނެވެ. އޭޝިއާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައި މި ކުންފުންޏާ ގުޅޭ އެތައް މައްސަލައެއް ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެންނާން އެބަހުއްޓެވެ.

ވޯލްޑު ބޭންކާއި އިތުރު ބައިނަލްއަގުވާމީ ބޭންކުތަކުން ފިޔަވަޅު އަޅާ ބްލެކްލިސްޓުގައި

ވޯލްޑު ބޭންކުން އާއްމުކުރާ، އެ ބޭންކުން ފިޔަވަޅު އަޅާފައިވާ އަދި އެކުގައި މަސައްކަތް ނުކުރާން ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓުގައި ޗައިނާގެ ސީއޭއެމްސީއީ އެބައޮތެވެ. މި ކުންފުނިން ވޯލްޑު ބޭންކާއެކު މުއާމަލާތް ކުރުން މަނާކުރި ތާރީހަކީ މާޗު 9، 2022 ގަ އެވެ.

ތަފުސީލަށް ބަލާއިރު މި ފިޔަވަޅަކީ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އޭޑީބީ) އިން އަޅާފައިވާ ފިޔަވަޅަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއްކަން އެނގެ އެވެ. މިއީ ބައިނަލްއަގުވާމީ ބޭންކުތަކުން ގެންގުޅޭ އުސޫލެކެވެ. އެއް ބޭންކުން މިފަދަ ބޮޑު މައްސަލައެއްގައި ފިޔަވަޅު އަޅާ ކުންފުންޏަކަށް އަނެއް ބޭންކުން ވެސް ފިޔަވަޅު އަޅަ އެވެ.

އޭޑީބީގެ އެންޓި ކޮރަޕްޝަން، ޑިބާމެންޓު ލިސްޓުގައި ވެސް ސީއޭމްސީއީ އެބައޮތެވެ. އޭޑީބީއިން ވަނީ އޮކްޓޯބަރު 26، 2021 އިން ފެށިގެން 2026 ގެ އެ ތާރީހާ ހަމައަށް ޗައިނާގެ މި ކުންފުންޏާއެކު މުއާމަލާތް ނުކުރަން ނިންމައި ފިޔަވަޅު އަޅާފަ އެވެ. ސަބަބަކީ އެ ބޭންކުގެ "އިންޓެގްރިޓީ ޕްރިންސިޕަލްސް އެންޑް ގައިޑްލައިންސް" އާ ސީއޭއެމްސީއީ އިން ހިލާފުވުމެވެ.

ބޭންކެއްގެ ޑިބާމެންޓު ލިސްޓުގައި ޗައިނާގެ ސީއޭއެމްސީއީ


އޭޑީބީއިން ރިއާޔަތް ކުރާ މާއްދާގައި ވަނީ، އަސްލު ގެއްލުވާލާ ކޮންޓްރެކްޓު ހަވާލުކުރާ ފަރާތަށް ނުވަތަ މާލީ އެހީދޭ ފަރާތަކަށް އޮޅުވާލުމަށް ހިންގޭ އަމަލުތަކުގެ ވާހަކަ އެވެ. އޭޑީބީއިން ސީއޭއެމްސީއީ އަށް ފިޔަވަޅު އަޅާފައިވަނީ މަކަރާއި ހީލަތުގެ މައްސަލައިގަ އެވެ. މިއީ ސީދާ ކޮން މަޝްރޫއަކާ ގުޅޭ ފިޔަވަޅެއްކަމެއް އިނގޭކަށް ނެތެވެ.

އޭޑީބީގެ މި ނިންމުމާ ގުޅިގެން ވޯލްޑު ބޭންކުގެ އިތުރުން، އޭޝިއަން އިންފްރަސްޓަކްޗާ އިންވެސްޓްމަންޓު ބޭންކު (އޭއައިއައިބީ) އަދި އިންޓަ-އެމެރިކަން ޑިވެލޮޕްމަންޓު ބޭންކު (އައިޑީބީ) ގެ ބްލެކްލިސްޓުގައި ވެސް ސީއޭއެމްސީއީ އެބައޮތެވެ.

މި ލިސްޓުތަކުގައި ކުންފުނީގެ ނަން އޮތުމާއެކު އިތުރަށް ބެލި ބެލުމުން ފެނިގެން ގޮސްފައިވަނީ އެކި ގައުމުތަކުގެ މި ކުންފުނިން ހިންގާފައިވާ ރިޝްވަތު ދިނުމާއި އޮޅުވާލުމުގެ އެތައް މައްސަލައެކެވެ. އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫއުތައް ނުހައްގުން ހޯދި ގޮތުގެ ވާހަކަ އެވެ. ތިރީގައި ބައެއް މައްސަލަތައް ވެސް ހިއްސާކޮށްލާނަމެވެ.

ނޭޕާލުގެ ޕޮކަރާ އެއާޕޯޓު

ނޭޕާލުގެ ޕޮކަރާގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅަން ސީއޭއެމްސީއީ އިން ހުށަހެޅީ 2011 ގަ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން މި މަޝްރޫއަށް ލޯނު ދޫކުރަން އެއްބަސްވީ އޭގެ އަހަރެއް ފަހުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޕޮކަރާ އެއާޕޯޓު އަޅަން ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް އޮތީ ހަމައެކަނި ޗައިނާގެ ކުންފުނިތަކަށެވެ.

ސީއޭއެމްސީއީ އިން މި މަޝްރޫއަށް ފުރަތަމަ ހުށަހެޅީ 305 މިލިއަން ޑޮލަރުގެ އަގެކެވެ. ނަމަވެސް، އެއީ ނޭޕާލުގެ އަންދާޒާއަށްވުރެ ދެ ގުނަ ބޮޑު އެ އަގާއެކު އެ ގައުމުގެ އިދިކޮޅު ސިޔާސީ ފަރާތްކުން ކުރިމަތިކުރި ޕްރެޝަރާއެކު އަގު 216 މިލިއަން ޑޮލަރަށް ތިރިކުރި އެވެ. ޗައިނާ ކުންފުނިން ކުރިން ބުނި އެއްބަސްވުމާއެކު އެއާޕޯޓު ނިންމާ ޕޮކާރާ އެއާޕޯޓު ހުޅުވީ ޖެނުއަރީ 1، 2023 ގަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާ ރާއްޖެއިން ސޮއިކުރި އެމްއޯޔޫގެ ދަށުން ހިންގާ މި މަޝްރޫއަށް ފައިނޭންސްކުރާ ފަރާތެއް އަދި ހާމައެއް ނުކުރެ އެވެ. މަޝްރޫއުގެ އަގެއް އިނގޭކަށް ނެތެވެ. ނިމޭނެ މުއްދަތެއް ވެސް ނެތެވެ.

ނޭޕާލުގައި ހިންގި މަޝްރޫއުގެ ތެރެއިން ނަހަމައިން ހިނގާފައިވާ ކަންކަން ފެންމަތިކުރީ މިދިޔަ އޮކްޓޯބަރު ނިއުޔޯކް ޓައިމްސް ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގަ އެވެ. މަޝްރޫއުގައި ހަރަކާތްތެރިވި ހަ މީހެއްގެ ބަހާއި ނޭޕާލާއި ޗައިނާގެ އިދާރާތަކުގެ ބަސް ހިމެނޭ މި ރިޕޯޓުގައި މަޝްރޫއުގެ ފެންވަރު ދަށްކަމުގެ އެތައް ވާހަކައެއް ހިމެނެ އެވެ.

އެގޮތުން، އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ކޮންސަލްޓެންސީ ގިނަ މަސައްކަތްތަކެއް ނުކޮށް ދޫކޮށްލުމާއި އެއާޕޯޓުގެ ރަންވޭ އެޅި ސަރަހައްދުގެ ވެލިގަނޑުގެ ޑެންސިޓީ ބެލިކަމުގެ އެއްވެސް ހެއްކެތް ނެތްކަން މި ރިޕޯޓުން ފަޅާއަރުވާލާފައިވެ އެވެ.

މި ރިޕޯޓާއެކު ނޭޕާލުގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިންވެސްޓިގޭޝަން އޮފް އެބިއުސް އެންޑް އޮތޯރިޓީ ކޮމިޝަނުން ވަނީ ޕޮކަރާ އެއާޕޯޓު މަޝްރޫއުގެ މައްސަލަތައް ބަލަން ފަށާފަ އެވެ. މި މައްސަލަތަކާ ގުޅޭގޮތުން ޗައިނާގެ ސީއޭއެމްސީއީ ކުންފުނިން ބަސް ބުނަން ދެކޮޅު ހެދިކަަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.

މި ތަހުގީގުތައް އަދިވެސް ކުރިއަށްދާއިރު، ނޭޕާލުގެ ނޫސްތަކުން ބުނާ ގޮތުގައި މި ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް އެއާޕޯޓާއި އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ހޯދާފަ އެވެ. އަދި ޕޮކަރާ އެއާޕޯޓުގެ ކޮލިޓީ ބެލުމަށް ތަހުގީގީ ޓީމުތަކުން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ކޮރަޕްޝަނުގެ މައްސަލައަކީ މި އެއާޕޯޓުގެ ސަބަބުން ނޭޕާލަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައެއް ނޫނެވެ. އެއާޕޯޓު އަޅަން ޗައިނާއިން ދިން ބޮޑު ލޯނު ދެއްކޭނެ ގޮތެއް ނޭޕާލައް ފެންނާކަށް ނެތެވެ.

މަޝްރޫއުގެ ކުރިން ހެދި ފީސިބިލިޓީ ރިޕޯޓުތަކުން ދައްކާ ގޮތުގައި ނޭޕާލަށް ލޯނު ދެެއްކޭނީ އަންނަ އަހަރުން ފެށިގެން ޕޮކަރާ އެއާޕޯޓަށް އަހަރަކު މަދުވެގެން 280،000 ފަތުރުވެރިން ދަތުރުކޮށްގެނެވެ. ނަމަވެސް އެ އެއާޕޯޓަށް މިހާތަނަށް ގަވާއިދުން ބައިނަލްއަގުވާމީ އެއްވެސް އެއާލައިނަކުން ފުލައިޓެއް ނާޅަ އެވެ.

ލަންކާ ކޯރު މަޝްރޫއު

ލަންކާގެ ޖިން ނިލްވާލާ ކޯރުގެ މިސްރާބު ބަދަލުކޮށް ބޮޑު މަޝްރޫއެއް ހިންގުމަށް ޗައިނާގެ ސީއެމްސީއީ އާއެެކު އެމްއޯޔޫއެއްގައި ސޮއިކުރީ އޮކްޓޯބަރު 31، 2009 ގަ އެވެ. އެއްވެސް ހާމަކަމެއް ނެތި ސޮއިކުރި މި އެމްއޯޔޫގެ ދަށުން މާބޮޑު މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެ އެވެ.

މި މަޝްރޫއަށް ޗައިނާގެ ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށް ލަންކާގެ ކެބިނެޓުން ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 2014, ގަ އެވެ. ސޮއިކުރީ އެ އަހަރުގެ ނޮވެމްބަރު ފަހެއްގަ އެވެ. މި މަޝްރޫއާ ގުޅޭ ގޮތުން މައްސަލަތަކެއް ފެންމަތިވީ ޖެނުއަރީ 8، 2015 ގައި ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުން އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސް ބަލިވި ހިސާބުންނެވެ.

އަލަށް އުފެދުނު ސަރުކާރުން ތުހުމަތުކުރި ގޮތުގައި އިންތިހާބު ބޯމަތިވެފައިވަނިކޮށް ސީއެމްއޭސީއީ އަށް ލަންކާގެ ސަރުކާރުން 30 މިލިއަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓެއް ވަނީ ހަދާފަ އެވެ. މި މައްސަލާގައި ލަންކާގެ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި ހާއްސަ އޮޑިޓު ރިޕޯޓެއް 2022 ގައި އާއްމުކޮށްފައިވެ އެވެ.

އެ ރިޕޯޓުގައިވާ ތަފުސީލުތަކުން އިނގޭ ގޮތުގައި ލަންކާގެ އޭރުގެ ސަރުކާރުން ޖިން ނިލްވާލާ މަޝްރޫއުގެ އެޑްވާންސްގެ ގޮތުގައި 30 މިލިއަން ޑޮލަރު ދީފައިވަނީ އިންތިހާބަށް ހަފުތާއަކަށް ވެފައިވަނިކޮށެވެ. މި މައްސަލަ ލަންކާގެ އިދާރާތަކުން ބަލަން ފެށި ނަމަވެސް ފަހުން ވަނީ އޮބިގެން ގޮސްފަ އެވެ.

މި މަޝްރޫއު އެ ކުންފުންޏަށް ދިންއިރު، މަޝްރޫއާ ގުޅޭ އީއައިއޭއެއްވެސް ކުންފުނިން ހަދާފައި ނުވާ ކަމަށާއި އޭރު ހުށަހެޅި ކަމަށް ބުނާ އީއައިއޭ ވުޖޫދުގައި ނެތް ކަމަށްވެސް އޮޑިޓުގައި ބުނެފައިވެ އެވެ. މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް، އެއްބަސްވުމުގައި ސޮއިކުރިތާ 10 އަހަރުވާއިރު ވެސް ސީއޭއެމްސީއީ އަށް ފެށިފައިއެއް ނުވެ އެވެ.

ލަންކާގެ އިރިގޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މި މަޝްރޫއުގެ ދަށުން އަދިވެސް ދަނީ ފީސިބިލިޓީ ބެލުމުގެ މަސައްކަތެވެ.

ބޮލީވިއާގައި ނުފޫޒުން މަޝްރޫއު ހޯދުމުގެ ތުހުމަތު

ސީއޭއެމްސީއީ އާ ބޮލިވިއާ އާ ގުޅެނީ އެ ގައުމުގެ ކުރީގެ ރައީސް އެވޯ މޮރާލްސްގެ ވެރިކަމާ ހަމައިންނެވެ. އެގޮތުން، މޮރާލްސްގެ ސަރުކާރުގެ ނުފޫޒުން ޗައިނާގެ ކުންފުންޏަށް ގިނަ އަދަދެއްގެ މަޝްރޫއުތައް ދިން ކަމުގެ ތުހުމަތުތައް ފެންމަތިވީ 2016 ގެ ފެބްރުއަރީގައި އެ ގައުމުގައި ބޭއްވި އިންތިހާބަށް ކުޑަތަންވެފައިވަނިކޮށެވެ. ނަތީޖާއެއްގެ ގޮތުން އެ އިންތިހާބުން ބަލިވެ އޭނާއަށް ވެރިކަންވެސް ގެއްލުނެވެ.

މި ތުހުމަތުތައް ގުޅެނީ 2005 އިން 2007 އަށް މޮރާލްސްގެ ލޯބިވެރިޔާ ގެބްރިއެލާ ޒަޕާޓާ އާއެވެ. ޒަޕާޓާއަކީ ބޮލިވިއާގައި އޭރު ހުރި ސީއޭއެމްސީއީ ކުންފުނީގެ އިސް އޮފިޝަލެކެވެ.

ތުހުމަތުތަކާއެކު ބޮލީވިއާގެ ސަރުކާރުން ވަނީ ރިޝްވަތުގެ ތެރެއިން ސީއޭއެމްސީއީ އަށް ގިނަ އަދަދެއްގެ މަޝްރޫއު ދީފައިވާ ކަމަށާއި ޒަޕާޓާ ވަނީ އެ ކުންފުނީގެ އެކި ބޭނުންތަކަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮޮށްފައި ކަމަށް އެއްބަސްވެފަ އެވެ.

ބޮލީވިއާގެ ކުރީގެ ރައީސް މޮރާލްސްގެ ލޯބިވެރިޔާ ގެބްރިއެލާ ޒަޕާޓާ -


މިއާއެކު ބޮލިވިއާގެ މަޖިލީހުން ފެށި ތަހުގީގުގައި، ޒަޕާޓާގެ މައްޗަށް އެ ގައުމުގެ ކޯޓުތަކުން ވަނީ 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. އޭނާ އަދިވެސް ހުރީ ޖަލުގަ އެވެ. މި ހިޔާނާތުގެ ދަށުން ޗައިނާގެ މި ކުންފުނިން ހޯދި މަޝްރޫއުތަކުގެ އަގު 560 މިލިއަން ޑޮލަރަށް އަރާކަމަށް 2016 ގެ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވެ އެވެ.

ނަމަވެސް މި މައްސަލަތަކުގެ މޮރާލްސްގެ ކުށެއް ނެތް ކަމަށް އެ ގައުމުގެ އިދާރާތަކުން ވަނީ ނިންމާފަ އެވެ. ސީއޭއެމްސީއީ ގެ މައްސަލާގައި އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ވެނެޒުއޭލާ ހަނޑޫ ދަނޑުތަކުގެ މަޝްރޫއު

ހިމާޔަތް ކޮށްފައިވާ ގާދޫގެ 80 އިންސައްތައިގައި އަތް ނުލާނެ މަޝްރޫއެއްގެ ދަށުން އެ ރަށުގައި މެރިޓައިމް ހަބެއް އަޅަން އަންނަ ކުންފުނިން ދެކުނު އެމެރިކާގެ ވެނެޒުއޭލާއަށް ގޮސްފައިވަނީ މީގެ 14 އަހަރު ކުރިން 2010 ގަ އެވެ.

ވެނެޒުއޭލާގެ އޭރުގެ ސަރުކާރުން ޗައިނާގެ ސީއޭއެމްސީއީ އާއެކު ވީ އެއްބަސްވުމުގެ ދަށުން، އެ ގައުމުގެ ޑެލްޓާ އަމަކުރޯގައި ބުރިޖުތަކާއި ކާބޯތަކެތި އުފައްދާ ލެބޯޓަރީއަކާއި ލެޓިން އެމެރިކާގެ އެންމެ ބޮޑު ހަނޑޫ ޕްރޮސެސްކުރާ ދަނޑު އަޅާނެ އެވެ. މި މަޝްރޫއުގެ މަލަމަތިން، ދަނޑުވެރި އެ ސަރަހައްދުގެ 110،000 އެއްހާ އާއްމުންނަށް ފެނުނީ ވަޒީފާއާއި ވިޔަފާރީގެ ކުރިއެރުމެވެ.

ނަމަވެސް ދަހަރެއްފަހުން މަލަމަތިން ފެނުނު އެއްވެސް މަންޒަރެއްގައި ކުލަ ޖެހިފައި ނުވާކަމަށް ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރޮއިޓާސް އިން އެކުލަވާލާފައިވާ ހާއްސަ ރިޕޯޓެވެ.

އެ ރިޕޯޓަށް މައުލޫމާތު ދިން ވެނެޒުއޭލާގެ އާއްމުން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާތަނަށް އެންމެ ހަނޑޫ ފުކެއްވެސް ގޮވާން ކުރެވިފައެއް ނުވެ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތުން ނިމިފައިވަނީ ދެބައިކުޅަ އެއްބަ އެވެ. 2019 ގައި ހަނޑޫ ފެކްޓަރީ ނިމިފައި ހުރި ގޮތަށް ހުޅުވި ނަމަވެސް އެތަނުގައި ބަންދުކުރަނީ އެ ގައުމަށް އެތެރެކުރާ ހަނޑުލެވެ.

ނަމަވެސް މި މަޝްރޫއުގެ ސަބަބުން ސީއޭއެމްސީއީ އަށް ބޮޑެތި މާލީ މަންފާތަކެއް ވަނީ ލިބިފަ އެވެ. އެ ގައުމުގެ ސަރުކާރުން ސީއޭއެމްސީއީއަށް މި މަޝްރޫއު ހިންގަން ދެއްކި ފައިސާގެ އަދަދު 100 މިލިއަން ޑޮލަރަށްވުރެ މައްޗެވެ.

މިއީ ވެނެޒުއޭލާއިން ސީއޭއެމްސީއީ އަށް ލިބުނު ފައިދާގެ ކުޑަ މިންވަރެކެވެ. އެ ގައުމުގައި ޗައިނާ ކުންފުނިން ހިނގާފައިވާ ޖަރީމާތައް ބޭޒާރުވީ، ޔޫރަޕުގެ ގައުމެއް ކަމަށްވާ އެންޑޯރާގައި ހުރި ވެނެޒުއޭލާގެ އިސްވެރިން ބޭނުންކުރި އަމިއްލަ ބޭންކެއް ސަރުކާރަށް ނަގާ ހިންގި ތަހުގީގެއްގަ އެވެ.

އެ މައްސަލާގައި އެންޑޯރާގެ ކޯޓުތަކުން ވަނީ، ސީއޭއެމްސީއީ އިން ވެނެޒުއޭލާގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް އެކި ފަހަރުމަތިން ރިޝްވަތުގެ ގޮތުގައި 100 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދީފައިވާކަން ވަނީ ހޯދާފަ އެވެ.

މީގެއިތުރުން، މި ތަހުގީގުން އިނގުނު ގޮތުގައި ޖުމްލަ ތިން ބިލިއަން ޑޮލަރުގެ އަގުހުރި ހަތަރު މަޝްރޫއެއް ޗައިނާގެ ކުންފުންޏަށް ވެނެޒުއޭލާއިން ދީފައިވެ އެވެ. މިއިން އެއްވެސް މަޝްރޫއެއް އެ ކުންފުނިން ނިންމާފައެއް ނުވެ އެވެ. ނަމަވެސް މީގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ސީއޭއެމްސީއީއިން ވަނީ ނަގާފަ އެވެ.

އެ ކުންފުނިން ރިޝްވަތުގެ ފައިސާ ދިން މީހުންގެ ތެރޭގައި ވެނެޒުއޭލާގެ 12 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި ވެނެޒުއޭލާގެ ކުރީގެ ތެލާ ބެހޭ މިނިސްޓަރުގެ އާއިލީ މެންބަރަކާއި އޭރު އެ ގައުމުން ޗައިނާއަށް ކަނޑައަޅާފައިހުރި ސަފީރު ވެސް ހިމެނެ އެވެ. މީގެއިތުރުން، އެހެން ގައުމުތަކަށް ނިސްބަތްވާ 16 މީހަކަށްވެސް ސީއޭއެމްސީއީ އިން ރިޝްވަތު ދީފައިވެ އެވެ.