Advertisement

ތިނަދޫ އެއާޕޯޓުގެ ބިޔަ މަޝްރޫއު ހަވާލުކުރި އިންވެސްޓަރުގެ ހަގީގަތް، ފަހަތުގައި މަކަރާއި އޮޅުވާލުން!

21 ފެބުރުވަރީ 2024 - 18:49 15

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ތިނަދޫ އެއާޕޯޓުގެ ބިޔަ މަޝްރޫއު ހަވާލުކުރި އިންވެސްޓަރުގެ ހަގީގަތް، ފަހަތުގައި މަކަރާއި އޮޅުވާލުން!

21 ފެބުރުވަރީ 2024 - 18:49 15

ހުވަދު އަތޮޅުގެ އިތުރުން މުޅި ދެކުނު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ގދ. ތިނަދޫގައި އިއުލާނު ކުރެއްވީ އެރަށުގެ ފަޅު ހިއްކައިގެން ދުނިޔެއަށް ވެސް ވިދާލާނެވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމާއި އެ އަތޮޅުން 12 ރަށެއް ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަޝްރޫއު އެވެ.

މިފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތަފްސީލު, ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށްގެންދިޔަ ނަމަވެސް މީގެ ކުރިން އިއުލާނުކުރެ އެވެ. ކޮންޓްރެކްޓަރަށް ދޭ ލުއިތަކާއި, ކޮންޓްރެކްޓަރުގެ ގާބިލިއްޔަތުކަން ހުރި މިންވަރާއި, މަސައްކަތުގެ ތަޖުރިބާ އާއި ކުރިން ކޮށްފައިވާ ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ހާމަކުރެ އެވެ.

ނަމަވެސް, ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަހުމުނާމާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނެތެވެ. ސަރުކާރުން ދިނީ ހަމައެކަނި ނަމެކެވެ. ދެއްކީ ވީޑިއޯ ޕްރެޒެންޓޭޝަނެކެވެ. ތިނަދޫ ކައުންސިލާއި ރައްޔިތުންނަށް ވެސް މި މަޝްރޫއު އެނގުނީ ޖަލްސާގެ ތެރެއިންނެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކުރީ ތައިލޭންޑްގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާ އެވެ. ހިތްގައިމު ވީޑިއޯ ޕްރެޒެންޓޭޝަނަކުން 600 މިލިއަން ޑޮލަރުގެ އެ މަޝްރޫއު ދައްކާލައި، ސޮއިކުރިއިރު، ސޯޝަލް މީޑިއާއަށް ބަންޑުން ކުރަމުން ދިޔައީ އިންވެސްޓަރާ ގުޅޭ ޝަކުވާތަކެވެ. އަދި ތިނަދޫގެ އުތުރަށް އޮތް ފަސް ކިލޯ މީޓަރުގެ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާއިރު 10 މިނެޓަށް ވުރެ ކައިރީގައި ކާޑެއްދޫ އެއާޕޯޓާއި ތިނަދޫ ގުޅާލަން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ވެސް ސޯޝަލް މީޑިއާގައި ހަނދާން ކޮށްދެމުން ދިޔަ އެވެ.

ޕޭން ޕެސިފިކް ކޮމްޕެނީގެ ފަތިފުށް ހޯދުމަށް ފީނާލިއިރު، ކުންފުނި ގޮސް ގުޅެނީ ރާއްޖޭގައި "ބޮޑެތި ޕްރޮޖެކްޓް" ހިންގަން ހަމައެކަނި އީއައިއޭ ހަދާފައިވާ ކުންފުނިތަކަކާ އެވެ. ރާއްޖޭގެ ނަން ބޭނުންކޮށްގެން އިޝްތިހާރުކޮށް ފައިސާ ހޯދާފައިވާ ކުންފުންޏަކާ އެވެ.

"ޕޭން ޕެސިފިކް ކޮމްޕެނީ"ގެ ނަމުގައި ދެކުނު ކޮރެއާ, އިންޑޮނޭޝިއާ އަދި އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުގައި ކުންފުނި ހިންގަމުންދެ އެވެ. ތައިލޭންޑްގައި ވެސް އެ ނަމުގައި ކުންފުންޏެއް އޮތް އެބައޮތެވެ. ނަމަވެސް, އެ ކުންފުނި ހަރަކާތްތެރިވަނީ އަންނައުނު ހޯލްސޭލް ކުރުމުގައިކަން ވިޔަފާރި ރެޖިސްޓްރީން އެނގެ އެވެ.

ކުންފުނީގެ ރެޖިސްޓްރީ މައުލޫމާތު.


ތައިލޭންޑްގެ ވިޔަފާރި ރަޖިސްޓްރީން އެނގޭ ގޮތުގައި 2020 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ފައިދާ ނެރެވިފައި ނުވެ އެވެ. އަދި ކުންފުނީގެ މުދަލުގެ އަގަކީ 27,150 ޑޮލަރުކަން އެނގެ އެވެ. އޭގެ ފަހަށް ހިސާބުތަކެއް ފެންނާން ނެތެވެ.

ސީއީއޯގެ ގޮތުގައި ކަމަށް ބުނެ ރޭ ސޮއިކުރީ ރަސްމީ އެއްވެސް މަސްދަރަކުން "ޕޭން ޕެސިފިކް ކޮމްޕެނީ" ގެ ނަމުގައި ކުންފުންޏެއްގެ ވެރިޔަކަށް ހުރި ކަމަށް ނުދައްކާ މީހެކެވެ. އެ ކުންފުނީގެ ރަސްމީ ވެބްސައިޓެއް ނެތެވެ. ހިންގި މަޝްރޫއުއެއް ނެތެވެ. އެކަމަކު, ރާއްޖެއާ ސޮއިކުރި ފަރާތްތަކާ ގުޅުންތަކެއް އެބައޮތެވެ.

މި ކުންފުންޏަކީ "ޕޭން ޕެސިފިކް ހޮޓެލްސް ގްރޫޕް" އާއި އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫނެވެ. ސިންގަޕޫރުގެ ޔޫއޯއެލް ގްރޫޕް ލިމިޓެޑްގެ ދަށުން ހިންގާ ޕޭން ޕެސިފިކް ހޮޓެލްސް ގްރޫޕަކީ މަލްޓި ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ސީއީއޯއަކީ ޗޯ ޕެންގް ސަމް އެވެ. ރޭ ފަހުމުނާމާގައި ސޮއިކުރީ އޭނާއެއް ނޫނެވެ.

"އަދަދު" ނޫހުން ކުރި ތަހުގީގުން އެނގުނު ގޮތުން 600 މިލިއަން ޑޮލަރުގެ ތިނަދޫ އެއާޕޯޓު މަޝްރޫއު ހިންގަން ހަވާލުކުރީ، އަމަލީ ގޮތުން ވިޔަފާރިއެއް ނުކުރާ، އަދި އަމުދުން އެވަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގާފައިވާ ކުންފުންޏަކާ ނޫނެވެ. އެއީ އަންނައުނު ވިއްކާ ތައިލޭންޑްގެ ޕޭޕަރު ކުންފުންޏެކެވެ.

އެހެންވެ، ތިނަދޫ މަޝްރޫއުއަށް ފައިސާ ހޯދާނެ ގޮތެއް, ދެ އަހަރުން ނިންމަން ބުނެފައިވާ މަޝްރޫއު ނިމޭނެ ކަމެއް, މަސައްކަތެއް ކުރާނެ ކަމެއް, އީއައިއޭ ހަދައި ނިންމާލާނީ ކަމެއް, މި ރިޕޯޓު ކިޔުމަށް ފަހު ތިބޭފުޅުން ނިންމަވާށެވެ.

އޯޝަން ކުއާޓިއާ ޕްރޮޕަޓީސް - މަސައްކަތެއް ފެންނަން ނެތް, ޓެކްސް ނުދައްކާ

ޕޭން ޕެސިފިކް ކޮމްޕެނީއާ ރާއްޖޭގެ ގުޅުން ފެށެނީސެޕްޓެމްބަރު 15, 2015 ގައި ރާއްޖޭގައި އުފައްދާފައިވާ އޯޝަން ކުއާޓިއާ ޕްރޮޕަޓީސްއާ ހަމައިންނެވެ. މި ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ތިބީ ޖިރާތު ޕެތުނުންތަވޮންގު އަދި އޭނާގެ ބައްޕަ ކަމަށްވާ ވޮރަޗާތު ޕެތުނުންތަވޮންގު އެވެ. އޭގެ ތެރެއިން ވޮރަޗާތުއަކީ ޕޭން ޕެސިފިކް ކޮޕްމެނީގެ ހަމައެކަނި ޑިރެކްޓަރެވެ.

މި ކުންފުނީގެ އެޑްރެސްއެއްގެ ގޮތުގައި އޮތީ ހ. ފާމްދޭރިގެ ހަވަނަ ފްލޯގެ ދެވަނަ ޔުނިޓު ކަމަށެވެ. "އަދަދު" އިން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި މި އެޑްރެސްގައި މި ނަމުގައި ހިންގާ ކުންފުންޏެއްގެ އޮފީހެއް ނެތެވެ.

ދިވެހި ހިއްސާދާރަކު މި ކުންފުނީގެ ބޯޑުގައި ނެތްއިރު އެއްވެސް ވިޔަފާރިއެއް ކުރުމުގެ ހުއްދައެއް މި ކުންފުނިން ނަގާފައި ނުވެ އެވެ. ޖިރާތުގެ ލިންކްޑްއިން ޕްރޮފައިލުން އެނގޭ ގޮތުގައި އޭނާއަކީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ރާއްޖޭގެ ދެ ރަށެއް ދެ ބޭނުމަކަށް މި ކުންފުނިން ނަގާފައިވާކަން ސަރުކާރުގެ ރެކޯޑުތަކުން ދައްކަ އެވެ. އެއީ, ޅ. ގާއެރިފަރު އަދި ނ. އެއްދުއްފަރުމައިރަށް އެވެ. މި ކުންފުނީގައި 201-500 އާ ދެތެރޭ މުވައްޒަފުން ތިބި ކަމަށް ލިންކްޑްއިންގައި ޖަހާފައިވެ އެވެ. ނަމަވެސް, އެ ކުންފުނީގެ ވެބްސައިޓެއް ނެތެވެ. ލިންކްޑްއިންގައި ޖަހާފައިވަނީ ފޭކު، ނުވެސް ނެތް ވެބްސައިޓެކެވެ.

ދައުލަތުގެ ގެޒެޓުގައި ޑިސެމްބަރު 18, 2018 ގައި ޝާއިއުކުރި މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ކުއްޔަށް ދީފައިވާ ފަޅު ރަށްރަށާއި ފަޅުތަކުގެ ލިސްޓުގައި މި ދެ ރަށުގެ ނަން އޮތެވެ. ގާއެރިފަރު އޮތީ މަސްވެރިކަމުގެ ބޭނުމަށް ދޫކޮށްފައި އޮތް ކަމަށެވެ. އެއްދުއްފަރުމައިރަށް އޮތީ ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރި ކަމަށެވެ.

މި ދެ ރަށަކީ ވެސް ޖިރާތުގެ ކުންފުނިން ނެގުމަށް ފަހު ދައުލަތަށް ޓެކްސް ދައްކަމުން ނުދާ ކުންފުންޏެކެވެ. އެގޮތުން, އެ ދެ ރަށަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާތީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "ނޭމް އެންޑް ޝޭމް" ލިސްޓު ޖެނުއަރީ 7, 2024, ގައި އާންމުކުރި އިރު ވެސް އެ ކުންފުނީގެ ނަން ކަޅާއި ހުދުން ލިޔެފައި އޮތެވެ. އެ ލިސްޓުގެ 14 ވަނައިގައި އޮތީ އޯޝަން ކުއާޓިއާ ޕްރޮޕަޓީސް އެވެ.

ޅ. ގާއެރިފަރު - ހުއިފިލަނޑާ ޕްރޮޖެކްޓެއް ވީނުވީއެއް ނޭނގެ

ހަ ލައްކައަށްވުރެ ގިނަ ފޮލޮވަރުން ތިބި ޖިރާތުގެ އިންސްޓަގްރަމް އެކައުންޓުން ރާއްޖޭގެ އެންމެ ފުރަތަމަ ފޮޓޯއެއްގެ ގޮތުގައި ފެނުނީ ޖުލައި 17, 2015 ގައި އަޕްލޯޑްކޮށްފައިވާ ސީޕްލޭނެއްގެ ފޮޓޯއެކެވެ. އޭނާ އައިސް ހުރީ ކޮންރަޑް މޯލްޑިވްސްގައި ކަމަށް ފޮޓޯގެ ލޮކޭޝަން ޓެގުތަކުން އެނގެ އެވެ. އޭނާ ރާއްޖޭން ފުރީ ޖުލައި 21, 2015 ގަ އެވެ.

މިއީ އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ކަމަށް ބެލެވެ އެވެ. އެއީ އޭނާގެ ދަތުރުތަކުގެ ފޮޓޯ ބަރާބަރަށް އަޕްލޯޑް ކޮށްފައިވުމާ އެކު 2012 ވަނަ އަހަރުން ފެށިގެން އެ ދުވަހާ ހަމައަށް ރާއްޖެއާ ގުޅޭ އިތުރު ފޮޓޯއެއް ނެތުމުންނެވެ.

އެއަށްފަހު އޭނާ ރާއްޖެއަށް ގިނަ ދަތުރުތަކެއް ކޮށްފައި އެބަހުއްޓެވެ. މީގެ ތެރެއިން ޅ. ހިންނަވަރާ އިންވެގެން އޮންނަ 3.3 ހެކްޓަރުގެ ގާއެރިފަރު ލޮކޭޝަން ޓެގުކޮށް އޭނާ ޖެނުއަރީ 26, 2016 ގައި ކުރި ޕޯސްޓެއްގެ ކެޕްޝަނުގައި އޮތީ "ފޯލިން ފޯ މައި ނިއު މޯލްޑިވް އައިލެންޑް ބިފޯ ކޮންސްޓްރަކްޓިން ސަމް ނިޝް" އެވެ.

ހުއިފިލަނޑާ އާލާކުރުމުގެ ބޭނުމަށް އެ ރަށުގެ އީއައިއޭ ހަދަނީ. އިތުރު އެއްވެސް މަސައްކަތެއް އެ ރަށުގައި ކުރިއަށް ނުދޭ --- ފޮޓޯ: އިންސްޓަގްރަމް


ފެބްރުއަރީ 12, 2016 ގައި އޭނާ އަޕްލޯޑުކުރި ފޮޓޯގެ ކެޕްޝަނުގައި އޮތީ އޭނާގެ "ޕްރައިވެޓް އައިލެންޑް" ގެ އީއައިއޭގެ ހެދުމުގެ މަސައްކަތް ކޮންސްޓްރަކްޝަން ފެށުމުގެ ކުރިން ނިންމާލަނީ ކަމަށެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި މި އީއައިއޭ ހެދީ ރީފްޓެކް މޯލްޑިވްސްއިންނެވެ.

އެ އީއައިއޭ ރިޕޯޓުގައި ބުނާ ގޮތުން އެ ޕްރޮޖެކްޓަކީ މެރިކަލްޗާ ފެސިލިޓީއެއް އެ ރަށުގައި ގާއިމުކޮށް އެ ތަނުން އުފައްދާ ތަކެތި އާންމު ބޭނުންތަކަށާއި ރިސޯޓުތަކަށް ފޯރުކޮށްދީ އެކްސްޕޯޓު ކުރުމެވެ. ޕެތުނުންތަވޮންގު އާއިލާއިން އެ ފެސިލިޓީއަށް 27 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް އީއައިއޭގައި ބުނެފައިވެ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަން ނިންމި ޕްރޮޖެކްޓު ނިމޭއިރު ފުރިހަމަ ހެޗަރީއަކާއި ލާވާ ރިއަރިން ސިސްޓަމެއް ގާއިމުކުރެވޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ބިން ހިއްކަން ތިން މަސް ނަގާނެ ކަމަށާއި އެއަށްފަހު މަސް ގެންގުޅެން ބޭނުންވާ ކޮށިތައް ތިން މަސް ތެރޭގައި ނިންމައި ރިއަރިން ޓޭންކުތަކާއި ޕެކޭޖިން ފެސިލިޓީގެ މަސައްކަތް ހަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އީއައިއޭގައި ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓުގެ ބޭނުމަށް ހިންނަވަރަށް ގެނެސްފައި ހުރި "އަގުބޮޑު މުދާ" ތަކެއްގައި ރޯވި ކަމަށް ސެޕްޓެމްބަރު 6, 2018 ގައި ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން, 600 ޓަނުގެ ދަގަނޑާއި ލެބޯޓަރީ އަށް ބޭނުންވާ ސާމާނުތައް އަނދައި ހުލުވިއިރު އެ ކުންފުނިން އޭރު ތުހުމަތުކުރީ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ.

ބޭރުގެ އާބިޓްރޭޝަން ކޯޓެއްގައި ބަދަލު ހޯދުމަށް ދައުވާ ކުރާނެ ކަމަށް އޯޝަން ކުއާޓިއާއިން އޭރު ބުނި ނަމަވެސް އެކަމުގައި އެއްވެސް އިތުރު އަދާހަމައެއް ފެންނާން ނެތެވެ. ތަހުގީގު ކުރިއަށްދިޔަ ގޮތެއް ވެސް ހާމަކޮށްފައި ނެތެވެ.

ގާއެރިފަރުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން އެނގޭ. މި ރަށުން ދައުލަތަށް ލިބެން ޖެހޭ ޓެކްސް ވެސް ނުދައްކާ --- ފޮޓޯ: ގޫގުލް އާތު


ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގައި މެރިކަލްޗާގެ މަސައްކަތް ފެށުމަށް ކަމެއް ކޮށްފައި ނުވެ އެވެ. އީއައިއޭގައި ބުނެފައިވާ ބިން ވެސް ހިއްކާފައި ނުވެ އެވެ. އަދި, ޖެޓީ ވެސް ގާއިމުކޮށްފައި ނުވެ އެވެ. މޫދުގައި ހެޗަރީއަށް ބޭނުންވާ ކޮށިތައް ވެސް ނެތްއިރު އެއްގަމުގައި އިމާރާތެއްގެ ހިލަމެއް ވެސް ފެންނަން ނެތެވެ.

މި ރަށުގެ ބޭނުން އެއްގޮތަކަށް ވެސް ނުހިފައި އޮއްވައި އޮގަސްޓު 31, 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ރަށް ހިންނަވަރުގެ އިހުތިސޯސްގެ ތެރޭގައި ހިމަނާފަ އެވެ.

އެއްދުއްމައިފަރުގައި ޕޯލްޓްރީ ފާމު ވެސް ވުޖޫދުގައި ނެތް

އެއްދުއްމައިފަރު އެ ކުންފުންޏަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރީ އޮކްޓޯބަރު 17, 2016 ގައިކަން ޖިރާތުގެ އިންސްޓަގްރަމް އެކައުންޓަށް ބަލާލުމުން އެނގެ އެވެ. އޭރު އެ ރަށް އޮންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ބެލުމުގެ ދަށުގަ އެވެ.

އެ ކުންފުންޏަށް އެ ރަށް ދޫކުރީ ކުކުޅުހާ ގެންގުޅެ ކުކުޅު ބިސް އުފެއްދުމަށް ނުވަތަ ޕޯލްޓްރީ ފާމިންއަށެވެ. މި ރަށަށް ބޭނުންވާ އީއައިއޭ ހަދާފައިވަނީ އޮގަސްޓު 2016, ގަ އެވެ. އެ އީއައިއޭ ހަދާފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ވޯޓާ ސޮލިއުޝަންސް އިންނެވެ.

އެގޮތުން, އެ ރަށުގައި ލަފާފުރުމަށް ބޭނުންވާ ޖެޓީއަކާއި, އިދާރީ އިމާރާތްތަކާއި, މުވައްޒަފުން ތިބޭ އިމާރާތްތަކާއި, ފެނާއި ކަރަންޓުގެ ނިޒާމާއި, ސެޕްޓިކް ޓޭންކްސް ބޭނުންކޮށްގެން ގާއިމުކުރާ ނަރުދަމާގެ ނިޒާމަކާއި ކުކުޅު ގެންގުޅުމަށް ހައުސްތަކެއް ހަދާނެ ކަމަށް އީއައިއޭގައި ބުނެފައިވެ އެވެ. މި ފެސިލިޓީތައް ގާއިމުކުރުމަށް 48 މަސް ދުވަސް ހޭދަވާނެ ކަމަށް ބުނެފައިވެ އެވެ. އެއީ ހަތަރު އަހަރު ދުވަހެވެ.

ޕޯލްޓްރީ ފާމެއް ހަދަން ނެގި ނ. އެއްދުއްމައިފަރު. މި ރަށް މިހާރު އޮތީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި --- ފޮޓޯ: ގޫގުލް އާތު


ކޮމާޝަލް ގްރޭޑުގައި ކުކުޅުހާ ގެންގުޅުމަށް ބޭނުންވާ މައުލޫމާތާއި ތަމްރީނު ލަންކާ އައި ތައިލެންޑަށް ދަތުރުކުރުމަށް ފަހު އެ ކުންފުނިން ހޯދާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގައި ވެސް މި ކުންފުނިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ އެވެ. ސޮނެވާ ޖާނީ ރިސޯޓާ އެއް ފަޅެއްގައި އޮންނަ މި ރަށުގައި ޖެޓީއެއް ހެދުމަށް ވެސް މަސައްކަތެއް ކޮށްފައިނުވާކަން މަތިން ނަގާފައިވާ ފޮޓޯތަކުން ވަރަށް ސާފުކޮށް ފެނެ އެވެ. ޕޯލްޓްރީ ފާމެއްގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ އެވެ.

ފަސް އަހަރު ދުވަސް ވަންދެން ހަމައެކަނި އީއައިއޭއެއްގައި ތާށިކޮށްފައި ބޭއްވި މި ރަށް މިހާރު އޮންނަނީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. އެ މިނިސްޓްރީގެ ދަށަށް އެއްދުއްމައިފަރު ބަދަލުކުރީ 17, އޮގަސްޓު 2021 ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވީ ތިނަދޫ އެއާޕޯޓު މަޝްރޫއުގައި ހަވާލުކުރި މީހުން ފެނުމުން ހައިރާންވި ކަމަށެވެ. ސަބަބަކީ އެކަން ކުރިން އެނގިފައިވުމާއި، އަދި މި ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ވެސް އެއީ އެފަދަ މަޝްރޫއެއް ހިންގޭނެ ވަރުގެ ބައެއްކަން ނޫންކަން އެނގޭނެކަން އޭނާ އަށް ގަބޫލު ކުރެވޭތީ އެވެ.

"އެއީ ކޮން ބައެއްކަން، އެ މީހުންގެ ޓްރެކް ރިކޯޑު މި ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ވެސް އެނގޭނެ. ކުކުޅު ގެންގުޅޭށާއި ހުއިފިލަނޑާ އާލާކުރަން ދިން ރަށުގައި މަސައްކަތް ނުކުރާކަން ވެސް އެނގޭނެ. އެކަން އެނގޭ މިނިސްޓަރުން ވެސް ތިއްބަވައިގެން 600 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހަވާލުކުރީ ކޮން ބޭނުމެއްގައި ކީއްކުރަން ކަމެއް ވެސް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އެސެޓް މެނޭޖުމަންޓު ކޯޕަރޭޝަންގެ "ސްކޭމް"

ޖިރާތު ޕެތުނުންތަވޮންގު ނަމުގައި ރާއްޖޭގައި މޯލްޑިވްސް އެެސެޓް މެނޭޖުމަންޓް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ނަމުގައި ކުންފުންޏެއް ރެޖިސްޓްރީ ކޮށްފައިވެ އެވެ. އެ ކުންފުނީގެ ރެޖިސްޓްރޭޝަން ނަންބަރަކީ C03522019 އެވެ.

އެހެންކަމުން މިއީ 2019 ގައި ރެޖިސްޓްރީ ކުރި ކުންފުންޏެކެވެ. މި ކުންފުނީގެ އެޑްރެސް ވެސް އޮތީ ހަމަ ހ. ފާމްދޭރިގެ ހަވަނަ ފްލޯގެ ދެވަނަ ޔުނިޓުގަ އެވެ. "އަދަދު" އިން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި އެ ނަމުގައި ކުންފުންޏެއްގެ އޮފީހެއް އެ ފްލޯގައި ނެތެވެ.

މި ކުންފުނީގެ ބޯޑުގައި އިތުރު އެއްވެސް މެމްބަރަކު ނެތެވެ. ހަމައެކަނި ބޯޑުގައި ނަން އޮތީ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ޖިރާތުގެ ނަމެވެ. ނަމަވެސް އޭނާގެ ލިންކްޑްއިން ގައި ބުނަނީ އޭނާއަކީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ކަމަށެވެ.

މި ކުންފުނީގެ އޮފީސް ހުރި ކަމަށް ބުނާ އިމާރާތުގެ ހަވަނަ ފަންގިފިލާ. އެތަނުގައި ހުރީ މުޅިން އެހެން ނަމެއްގައި ހުރި އޮފީހެއް. މި ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް. --- ފޮޓޯ: އަދަދު ފައިލް


މި ކުންފުންޏަކީ އެތައް މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެހެން ގައުމުތަކުގައި ހިންގާ ކަމަށް އިޝްތިހާރު ކުރި ކުންފުންޏެކެވެ. އެކަމަކު އޭގެ ތެރެއިން އެންމެ މަޝްރޫއުއެއް ވެސް ފެންނަން ނެތެވެ. ކުންފުނީގެ ރަސްމީ ވެބްސައިޓެއް މިހާރު ޕަބްލިކް ޑޮމެއިންގައި ނެތެވެ.

ޖިރާތުގެ މި ޕޭޕަރު ކުންފުނިން ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންތަކެއްގެ ނަން ބޭނުންކޮށްގެން ވެސް 2019 ގައި ކުންފުނި އިޝްތިހާރު ކޮށްފަ އެވެ.

އެއީ ޔާމީންގެ ނައިބު ރައީސް އަބްދުالله ޖިހާދާއި, ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި ބަންޑާރަ ނައިބު މުހައްމަދު އަނިލްއަކީ އެޑްވައިޒަރުން ކަމަށް ބުނެ އެވެ. އަދި, ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރަކީ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ކަމަށް އޭރު އެ ކުންފުނިން ބޭނުންކުރި ވެބްސައިޓުގައި ބުނެ އިޝްތިހާރު ކުރި އެވެ.

ސީދާ ދޮގު މައުލޫމާތު ބޭނުންކޮށްގެން އޭރު އެ ކުންފުނިން އިޝްތިހާރު ކުރި އިރު އެ ބޭފުޅުންގެ ނަންތައް ވެސް ބޭނުންކޮށްފައިވަނީ ކުންފުންޏާ ގުޅުމެއް ނެތްއިރު ވެސް އެންގުމަކާ ވެސް ނުލަ އެވެ.

ރާއްޖޭގައި އެތައް މިލިއަން ޑޮލަރެއް އިންވެސްޓު ކުރާ ކަމަށާއި ހުޅުމާލޭގެ ބިމުގެ ދެ ބައިކުޅަ އެއްބައިގައި އެ ކުންފުނިން މަޝްރޫއުތައް ހިންގާނެ ކަމަށް އޭރު ބުނެފައިވެ އެވެ. ނަމަވެސް, އެއްވެސް މަސައްކަތެއް, އެއްވެސް ކަމެއް ކޮށްފައި ނުވެ އެވެ. ކުންފުނި އޮތީ ހަމައެކަނި ޕޭޕަރުގަ އެވެ. މިއަދާ ހަމައަށް ވެސް އެކަން އޮތީ އެހެންނެވެ.

"ޝޯއޮފް" ދިރިއުޅުމެއް, "ސިއްރު" މަސައްކަތްތަކެއް

ތައިލޭންޑްގެ ހަބަރުތައް ކިޔާލުމުން އެނގޭ ގޮތުގައި ޖިރާތުއަކީ ވަރަށް "ޝޯއޮފް" ދިރިއުޅުމެއް އުޅޭ މީހެކެވެ. ޖިރާތު އަކީ ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓުރާއަށް ބޮޑުބޭބެ ކިޔާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ވިޔަފާރި ހިންގާ ކަމަށް އޭނާގެ ސޯޝަލް މީޑިއާތަކުގައި ބުނެފައިވީ ނަމަވެސް އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ޕޭޕަރު ކުންފުނިތަކެކެވެ.

ރަސްމީ ވެބްސައިޓެއް ނެތި ހިންގަމުންދާ ކުންފުނިތައް ކަމަށްވާއިރު ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުންފުނިތަކާއި ދުނިޔޭގެ މަލްޓިމިލިއަން ޑޮލަރުގެ ކޯޕަރޭޝަންތަކުން ބޭނުންކުރާ ލިންކްޑްއިން ވެބްސައިޓުގައި ވެސް އޭނާގެ ޕްރޮފައިލުގައި ބުނެފައިވާ ކުންފުނިތަކުގައި މަސައްކަތްކުރަނީ އޭނާ އާއި އޭނާގެ ގަތް މަދު މީސްކޮޅެއްކަން އެނގެ އެވެ.

ދެހާސް ތޭރަވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް 'ސިޑިކްޓިވް އެލެމެންޓް ނިއު އިޔާސް އީވް" ގެ ނަމުގައި ފުކެޓުގައި އޭނާ ބޮޑު ޝޯއެއް ބާއްވަން އުޅުނެވެ. ޕެރިސް ހިލްޓަން ބެންކޮކަށް ގެންގޮސް ލޯންޗުކުރި މި އިވެންޓަކީ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސްޓޭޖުގައި ބާއްވާ އިވެންޓުގެ ގޮތުގައި ޕްރޮމޯޓް ކުރި އެވެ.

ވޮރަޗާތު ޕެތުނުންތަވޮންގު އަދި ޖިރާތު ޕެތުނުންތަވޮންގު. މި ދެ ބަފައިންގެ ކުންފުނިން ރާއްޖޭގައި ކުރި އިންވެސްޓްމަންޓެއް ކާމިޔާބުވެފައި ނުވޭ --- ފޮޓޯ: ރައީސް އޮފީސް


މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ވެސް ޝޯގައި ބައިވެރިވާނެ ކަމަށް ބުނި ނަމަވެސް އޭކަން އެ ޝޯގައި ޕާފޯމެއް ނުކުރެ އެވެ. ވީއައިޕީ ގެސްޓުން ވަނީ އެ ފެންވަރުގެ ހިދުމަތެއް ނުލިބޭ ކަމަށް ބުނެފަ އެވެ. މުޅި އިވެންޓަކީ ފްލޮޕެއްގެ ގޮތުގައި ތައިލޭންޑްގެ މީޑިއާތަކުން ރިޕޯޓުކުރި އެވެ.

މި އިވެންޓް ޕްރޮމޯޓް ކުރަން އުޅުނު މީހުން ޖިރާތު ގޮވައިގެން ކޯޓަށް ވެސް ދިޔަ އެވެ. އެއީ ފައިސާ ނުދިނުމާއި އިވެންޓުގެ ކަންކަން ބޮއްސުންލައިގެން ދިޔުމާ ގުޅިގެންނެވެ. އޭނާގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އެކަމާ ގުޅިގެން ސެޕްޓެމްބަރު 2016, ގައި އިއްވި އެވެ. އޭގެ އިތުރުން ވެސް ފުލުހުންނަށް އޭނާއާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ.

ތައިލޭންޑުގައި ހުއްދަކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރުއާނާ އިންޑަސްޓްރީގައި ވެސް ޕެތުނުންތަވޮންގު އާއިލާއިން ހަރަކާތްތެރިވެ އެވެ. ތައިލެންޑްގެ ރަސްމީ ވިޔަފާރި ރަޖިސްޓްރީތަކުން ދައްކާ ގޮތުގައި އެ އާއިލާގެ ބްލޫމް މެޑިކާ ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގައި ވެސް ޖިރާތުގެ ނަން އޮވެ އެވެ. އޭނާގެ ލިންކްޑްއިން އަދި އެހެން ސޯޝަލް މީޑިއާއަކު މިކަމުގެ ވާހަކައެއް ނެތެވެ.

މިފަދަ ތާރީހަކާއި ބެކްގްރައުންޑެއް ހުރި ކުންފުންޏަކުން ރާއްޖޭގައި 600 މިލިއަން ޑޮލަރު "ހިލޭ" އިންވެސްޓު ކުރާނެ ކަމަށް ބެލުމަކީ ބުއްދި ގަބޫލުކުރާނެ ކަމެއް ނޫނެވެ. އެއްވެސް ކަމަކީ ހިލޭ ވާ ކަމެއް ނޫންކަން އެއީ ދުނިޔެ ދަންނަ ހަގީގަތެވެ.

ތައިލޭންޑްގެ ޕެތުނުންތަވޮންގު އާއިލާއިން ރާއްޖޭގައި ދެ ކަމަކަށް އިންވެސްޓް ކުރާނެ ކަމަށް ބުނެ ހަދާފައިވަނީ ހަމައެކަނި އީއައިއޭ އެވެ. އަމަލީ އެއްވެސް މަސައްކަތެއް ފެންނަން ނެތެވެ. ދައުލަތަަށް ދައްކަން ޖެހޭ ޓެކްސް ވެސް އެ މަހުޖަނުން ނުދައްކާކަން ދައުލަތުގެ ރެކޯޑުތަކުން އެނގެ އެވެ.

ސަރުކާރަށް މި ހަގީގަތްތައް ނޭނގެނީ ހެއްޔެވެ؟ އިންވެސްޓަރުގެ ފަތިފުށުގައި މަކަރާއި އޮޅުވައިލުން ހުރިއިރު، އެކަންކަން ބަލައިނުލައި މި ބިޔަ މަޝްރޫއު ހަވާލުކުރީ ކޮން މަގުސަދެއްގައި ކީއްކުރަންތޯ ސުވާލު އުފެދެ އެވެ.