ތަޖުރިބާކާރު ނޫސްވެރިޔާ މެތިއު ކޯލް އަލަށް ނެރުނު ފޮތެއްގައިވާ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އެމަނިކުފާނުގެ ދަނބިދަރިކަލުން އަދި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޖެރެޑް ކުޝްނާ އާއި ސައުދީ އަރަބިއްޔާ އަދި ޚާއްސަކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރާ ދެމެދު ނުފޫޒުގަދަ ގުޅުންތަކެއް އޮތެވެ.
މި ފޮތުގައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ، ސައުދީ އާއި ޔޫއޭއީ ސަރުކާރުން ކުޝްނާއަށް ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު ދީފައިވާ ކަމަށް ކުރާ ތުހުމަތެވެ. މީގެ ތެރޭގައި ޔޫއޭއީގެ ޗެރިޓީއެއް ކަމަށްވާ "ވަތަނީ އަލް އިމާރާތު ފައުންޑޭޝަން" މެދުވެރިކޮށް ފަސްޓް އަބޫދާބީ ބޭންކުގައި ބަހައްޓާފައި ހުރި 750 މިލިއަން ޑޮލަރު ހިމެނެ އެވެ. މިއީ އެމިރޭޓްސްގެ މަދަނީ ޕްރޮގްރާމްތަކަށް އެހީވުމަށް ދިން ފައިސާ ކަމަށް ބުނި ނަމަވެސް، ހަގީގަތުގައި މި ފައިސާ ބޭނުންކޮށްފައިވަނީ ޔޫއޭއީއަށް ހަތިޔާރު ގަތުމަށާއި ސިއްރު އަސްކަރީ އޮޕަރޭޝަންތަކަށް ކަމަށް އެ ފޮތުގައި ބުނެފައިވެ އެވެ.
މިހާރު ޔޫކްރެއިން އަދި މެދުއިރުމަތީގެ މައްސަލަތަކުގައި ޓްރަމްޕްގެ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކުޝްނާ ވަނީ މި ތުހުމަތުތައް ވަރަށް ބޮޑަށް ދޮގުކުރައްވާފަ އެވެ.
ނަމަވެސް، ނިއުޔޯކް ޓައިމްސް އިން ބުނެފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބުމުން، ކުޝްނާއާ ދެކޮޅަށް ކުރެވޭ މި ތުހުމަތުތައް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
"ޕްރިންސަސް އެންޑް ތީވްސް: ޖެރެޑް ކުޝްނާ އެންޑް މުހައްމަދު ބިން ޒައިދުސް ސީކްރެޓް ޕްލޮޓް ޓު ރިމޭކް ދަ މިޑްލް އީސްޓް" މި ފޮތުގައި، މެދުއިރުމަތީގެ ސިޔާސީ ކަންތައްތަކާއި އެ ސަރަހައްދުގައި ހިނގާ ސިއްރު މުއާމަލާތްތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެ އެވެ. އަދި ޔޫއޭއީގެ ވެރިކަންކުރާ އަލް ނަހްޔާން އާއިލާގެ ތެރޭގައި ކަންކަން ހިނގާ ގޮތުގެ މައްޗަށް ވެސް މި ފޮތުގައި އަލިއަޅުވާލާފައިވެ އެވެ.
ކޯލްގެ މި ފޮތަށް މައުލޫމާތު ދީފައިވަނީ ކާކުކަން ހާމަނުކުރާ މަސްދަރުތަކަކުން ކަމަށްވާތީ، މިޑްލް އީސްޓް އައި (އެމްއީއީ) އަށް މި ހުރިހާ ތުހުމަތުތަކެއްގެ ސައްހަކަން މިނިވަންކަމާއެކު ކަށަވަރު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މުހިންމު ކަންކަން ތިރީގައި ހިމަނާލަމެވެ. މި ފޮތުގައިވާ ތުހުމަތުތަކާ ގުޅޭގޮތުން ޔޫއޭއީ އާއި ސައުދީގެ ޝާހީ އާއިލާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ބިރުދެއްކުން
ކޯލް ތުހުމަތު ކުރާ ގޮތުގައި، 1990 ގެ އަހަރުތަކުގައި ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އާލް ނަހްޔާން (އެމްބީޒެޑް) ވަނީ ސީރިޔާގެ ދެ މީހަކު މެދުވެރިކޮށް، އޭނާގެ ބޭބޭފުޅެއް ކަމަށްވާ އަދި އޭރު ތަޚުތަށް ވާދަކުރެއްވި ކުރީގެ ރައީސް ޚަލީފާ ބިން ޒައިދު، ޔޫރަޕްގެ ހޮޓަލެއްގެ ކޮޓަރިއެއްގައި އެއްޖިންސުން ގުޅުން ހިންގަނިކޮށް ސިއްރުން ވީޑިއޯ ކުރުވާފަ އެވެ. އޭގެ ފަހުން ރަޝިޔާގެ އެޖެންޓުން މެދުވެރިކޮށް އެ ވީޑިއޯ، އެ ދެ ބޭފުޅުންގެ ބައްޕާފުޅު އަދި ޔޫއޭއީގެ ބާނީ ޒައިދު ބިން ސުލްތާން އާލް ނަހްޔާނަށް ފޮނުއްވީ ޚަލީފާ ބިން ޒައިދު ލަދުގަންނަވާލުމަށެވެ.
ކޯލް ލިޔެފައިވާ ގޮތުގައި، މުހައްމަދު ބިން ޒައިދު ބިރުދައްކަން އުޅޭކަން ބައްޕާފުޅު ޒައިދު ބިން ސުލްތާނަށް އެނގިވަޑައިގަތެވެ. ނަމަވެސް އޭނާގެ އެ "މަކަރުވެރިކަމާ" މެދު ބައްޕާފުޅު ހިތްޕުޅާވި އެވެ. ކޯލް ބުނާ ގޮތުގައި، އާލް ނަހްޔާން އާއިލާގެ ތެރޭގައި މުހައްމަދު ބިން ޒައިދު ކުރެއްވި މި ކަމަކީ، ޔޫއޭއީގެ ވެރިކަމަށް އޭނާ ހުރި ޝައުގުވެރިކަން ހާމަވެގެންދިޔަ ފުރަތަމަ ނިޝާނެވެ.
ޚަލީފާ ބިން ޒައިދުގެ ހުންނެވީ އެންމެ އަނބިކަނބަލަކާއި އަށް ބޭފުޅުންނެވެ. މިއީ 1990 ގެ އަހަރުތަކުގައި ގަލްފުގެ ޝާހީ އާއިލާތަކުގެ މެދުގައި އާންމު ކަމެއް ނޫން ނަމަވެސް، މިހާރު މިއީ އާންމު ކަމެކެވެ.
ޚަލީފާ ބިން ޒައިދުގެ ޖިންސީ ގުޅުންތަކާ ބެހޭގޮތުން ކޯލް ކޮށްފައިވާ ރިޕޯޓު އެހެން މަސްދަރަކުން ކަށަވަރު ކުރެވިފައި ނުވި ނަމަވެސް، ގަލްފުގެ ޝާހީ އާއިލާތަކުގެ މެދުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުތައް ބޭނުންކޮށްގެން ބިރުދެއްކުމުގެ ވާހަކަތައް ދާދި ފަހުން ނެރުނު އެހެން ފޮތްތަކުގައި ވެސް ހިމަނާފައިވެ އެވެ.
ކޯލް ބުނާ ގޮތުގައި، މުހައްމަދު ބިން ޒައިދަކީ ސައުދީގެ ކުރީގެ ވަލީއަހުދު މުހައްމަދު ބިން ނާއިފާ ދެކޮޅު ބޭފުޅެކެވެ. މުހައްމަދު ބިން ނާއިފް ފަހުން ވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އިސްކުރުމަށްޓަކައި މަގާމުން ދުރުކޮށްފަ އެވެ.
ކޯލްގެ ފޮތުގައިވާ ގޮތުން، މުހައްމަދު ބިން ނާއިފަކީ އެއްޖިންސުން ގުޅުން ހިންގާ ބޭފުޅެއް ކަމަށް ބުނެ، އޭނާއާ ދެކޮޅަށް އެމެރިކާގައި ލޮބީ ކުރެއްވީ މުހައްމަދު ބިން ޒައިދެވެ.
މުހައްމަދު ބިން ނާއިފްގެ ޖިންސީ ގުޅުންތަކާ ބެހޭ ވާހަކަތައް، ސައުދީއާ ބެހޭގޮތުން ލިޔެފައިވާ އިތުބާރު ހުރި ދެ ފޮތެއްގައި ވެސް ހިމަނާފައިވެ އެވެ.
ޔޫއޭއީގެ ވެރިޔާ، ކޮއްކޯފުޅަށް މަސްތުވާތަކެތި ދިނުން؟
ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން 2004 ވަނަ އަހަރު ޔޫއޭއީގެ ރައީސްކަމާ ޚަލީފާ ބިން ޒައިދު ހަވާލުވެވަޑައިގަތެވެ. ރަސްމީ މަގާމުގައި އޭނާ ހުންނެވި ނަމަވެސް، ގިނަ ކަންކަމުގައި އިސްކޮށް އުޅުއްވީ އަބޫދާބީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދެވެ.
ޚަލީފާ ބިން ޒައިދު ވެރިކަމުގެ ކަންކަމާ ދުރުގައި ހުންނެވީ އަމިއްލަ އިޚްތިޔާރުގައި ކަމަށް މީޑިއާތަކުން ކުރިން ސިފަކުރި ނަމަވެސް، 2014 ވަނަ އަހަރު އޭނާއަށް ޖެހުނު ސްޓްރޯކަކާ ގުޅިގެން އެކަން މަޖުބޫރުވީ ކަމަށް ބެލެވެ އެވެ.
ނަމަވެސް ކޯލް ތުހުމަތު ކުރާ ގޮތުގައި، އޭގެ މާ ކުރިން ވެސް ޚަލީފާ ބިން ޒައިދު ގެންދެވީ ރާ ބުއިމުގެ އާދަޔާއި "ދެނެގަނެވިފައި ނުވާ ނަފްސާނީ ބައްޔަކަށް" ފަރުވާ ހޯއްދަވަމުންނެވެ. އޭނާ ބުނާ ގޮތުގައި، 2003 ވަނަ އަހަރު މުހައްމަދު ބިން ޒައިދު އަބޫދާބީގެ ޑެޕިއުޓީ ވަލީއަހުދަކަށް އައްޔަން ކުރެވުނުއިރު، އޭނާ ގެންދެވީ ޚަލީފާއަށް ބޭސްތަކެއް ދެމުންނެވެ. އެ ބޭސްތަކުގެ ސަބަބުން ޚަލީފާއަށް އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލްކަން ގެއްލިފައިވާ ކަމަށް ކޯލް ބުނެ އެވެ.
"ޚަލީފާއަށް ދިން ބޭސްތަކުގެ ސަބަބުން އޭނާ ހުންނަވަނީ އަބަދުވެސް މަސްތުވެފައިވާ ފަދަ ހާލަތެއްގައި. އޭގެ ސަބަބުން ފަހުން ނާރުގެ މައްސަލަތައް ވެސް ދިމާވި،" ކޯލް ލިޔެފައިވެ އެވެ.
ކޯލް އިޝާރާތް ކުރާ ގޮތުގައި، މުހައްމަދު ބިން ޒައިދު މި ފަރުވާ ބޭނުންކުރެއްވީ ހަލީފާގެ ބާރު ކަނޑުވާލުމަށެވެ. އަދި އާއިލީ ގުޅުމެއް އޮންނަ އެމެރިކާގެ ނަރުހެއްގެ އެހީގައި، މަޖުބޫރުން އެ ފަރުވާ ޚަލީފާއަށް ދެމުން ގެންދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ފޮތުގައިވާ ގޮތުން، މުހައްމަދު ބިން ޒައިދު ވަނީ އެ ނަރުހުގެ އާއިލާގެ މީހެއް ކަމަށްވާ ލީސާއާ ޖިންސީ ގުޅުން ހިންގައި، ކައިވެނިން ބޭރުން ދަރިއަކު ހޯދާފަ އެވެ. އެ ކުއްޖާ ބޮޑުވީ ދެކުނު ކެލިފޯނިއާގަ އެވެ.
ޔޫއޭއީގެ އެފް-16 ބޯޓުތަކުގައި އިސްރާއީލުގެ ޓެކްނޮލޮޖީ
ޔޫއޭއީއަކީ އިސްރާއީލުގެ އެންމެ ގާތް އަރަބި ބައިވެރިޔާ އެވެ. ސެޕްޓެމްބަރު 2020 ގައި އެމެރިކާގެ އެހީގައި "އަބްރަހަމް އެކޯޑްސް" ގައި ސޮއިކޮށް ގުޅުން ރަސްމީ ކުރުމުގެ އެތައް އަހަރެއް ކުރިން ވެސް، އެ ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ގޮތުން ގާތް ގުޅުމެއް އޮތެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ ހަނގުރާމައިގެ ތެރޭގައި ޔޫއޭއީ ވަނީ އިސްރާއީލާ އިތުރަށް ގާތްވެފަ އެވެ. ސޯމާލީލޭންޑާއި އިތިއޯޕިއާ ފަދަ ސަރަހައްދުތަކުގައި ވެސް މި ދެ ގައުމުގެ މަސްލަހަތު އޮތީ އެއްގޮތަކަށެވެ.
ކޯލް ބުނާ ގޮތުގައި، ފަލަސްތީނުގެ މައްސަލައިގައި ބައްޕާފުޅު ޒައިދު ބިން ސުލްތާން އިސްރާއީލާ ގުޅުން ބޭއްވުމަށް ދެކޮޅު ހެއްދެވި ނަމަވެސް، މުހައްމަދު ބިން ޒައިދަކީ 1990 ގެ އަހަރުތަކުން ފެށިގެން އިސްރާއީލަށް ތާއީދުކުރާ ބޭފުޅެކެވެ.
އިސްރާއީލުގެ ސޮފްޓްވެއާ ބޭނުންކޮށްގެން އެމެރިކާއިން އުފެއްދި އާ އެފް-16 ބޯޓުތަކާ ބެހޭ މައުލޫމާތު "އޭވިއޭޝަން ވީކް" އިން ކިޔުމަށްފަހު، 1998 ވަނަ އަހަރު މުހައްމަދު ބިން ޒައިދު ވަނީ އެ ބޯޓުތައް ގަތުމަށް ބައްޕާފުޅަށް ބާރުއަޅުއްވާފަ އެވެ. އޭރު ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މުހައްމަދު ބިން ޒައިދު ވަނީ އެމެރިކާއާއެކު އެ މުއާމަލާތް ކުރިއަށް ގެންގޮސްފަ އެވެ.
މުހައްމަދު ބިން ޒައިދުގެ ތާއީދާއެކު، ޔޫއޭއީން ވަނީ 80 ބޯޓު ގަތުމަށާއި އޭގައި އިސްރާއީލުގެ ސޮފްޓްވެއާ ބޭނުންކުރުމަށް އެއްބަސްވެފަ އެވެ. މި ނިންމުން ނިންމާފައިވަނީ، މި ވިޔަފާރީގެ ސަބަބުން އިސްރާއީލުގެ އަސްކަރީ ކުރިއެރުމަށް ބުރޫއަރާފާނެތީ އެކަމާ ބެހޭގޮތުން ކްލިންޓަން ސަރުކާރުން މެދުވެރިވެގެން ބޭއްވި ސިއްރު މަޝްވަރާތަކަށް ފަހުގަ އެވެ.
ލިޔުންތެރިއަކަށް އަނިޔާކޮށް މަރާލުން
އިސްރާއީލާއެކު އޮންނަ ގުޅުން ޔޫއޭއީން ރަސްމީކޮށް ހާމަކުރުމާ ގުޅިގެން، އެ ގައުމުގެ އެތެރޭގައި އެކަމާ ދެކޮޅު ހަދާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. ކޯލް ލިޔެފައިވާ ގޮތުގައި، އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ ދެކޮޅަށް ކޮލަމެއް ލިޔުނު ޔޫއޭއީގެ ޝާއިރު ހަބީބު އަލް ސާއިގަށް އަނިޔާކޮށް، 2019 ވަނަ އަހަރު ވަނީ މަރާލާފަ އެވެ.
ސާއިގަކީ ޔޫއޭއީ އާއި ސައުދީން ގަތަރާ ދެކޮޅަށް ހިންގި ބޮއިކޮޓް ދިފާއުކޮށް ވާހަކަދެއްކި، އެ ގައުމުގެ ނުފޫޒުގަދަ މީހެކެވެ. އޭނާއަކީ "އަލް ޚަލީޖް" ނޫހުގެ އެޑިޓަރެއްގެ ގޮތުގައާއި އަރަބި ލިޔުންތެރިންގެ އިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި، ޔޫއޭއީގެ މަތީ ފަންތީގެ މީހެއް ކަމަށް އެ ފޮތުގައި ބުނެފައިވެ އެވެ.
ނަމަވެސް، އިސްރާއީލާ ގާތްވުމާ ބެހޭ ގޮތުން ސާއިގު ގެންދިޔައީ މަތީ ފަންތީގެ މަޖިލިސްތަކުގައި ފާޑުކިޔަމުންނެވެ. ހަނުހުރުމަށް އިންޒާރު ދީފައިވަނިކޮށް، އޮގަސްޓް 2019 ގައި އޭނާ ވަނީ "އިސްރާއީލަކީ އަހަރެމެންގެ ހަގީގީ ދުޝްމަނު އަދި ނުރައްކާތެރި މަޝްރޫއެއް" މި ސުރުޚީގެ ދަށުން ކޮލަމެއް ލިޔެފަ އެވެ.
އެ ލިޔުން ޝާއިއުކުރުމާ ގުޅިގެން، މުހައްމަދު ބިން ޒައިދުގެ އަމުރަށް ސަލާމަތީ ބާރުތަކުން ސާއިގު އޭނާގެ ގެއިން ވަގަށް ނެގި ކަމަށް ކޯލް ލިޔެފައިވެ އެވެ. އޭނާއަށް އަނިޔާކުރުމަށްޓަކައި ދަތް އުފުރާ އާލަތެއް ބޭނުންކޮށްގެން ދަތްތައް އުފުރައި، ތޫނު ދަގަނޑުކޮޅެއް ހަރުކޮށްފައިވާ ބެލްޓަކުން ޖަހައި އަނިޔާކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ސާއިގަށް ތިން ދުވަސް ވަންދެން އަނިޔާކުރި އެވެ. އޭނާ މަރުވިއިރު، ހަށިގަނޑު އޮތީ ކާކުކަން ނޭނގޭ ވަރަށް ހަލާކުވެފައި ކަމަށް މުހައްމަދު ބިން ޒައިދުގެ އަރިސް ބޭފުޅަކު ސިފަކުރި ކަމަށް ކޯލް ލިޔެފައިވެ އެވެ.
ސާއިގު ދެކޮޅު ހެދުމުގެ ސަބަބުން، މުހައްމަދު ބިން ޒައިދު އާއި ކުޝްނާ އަދި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މަޝްވަރާ ކުރަމުންދިޔަ ބޮޑު ޑިޕްލޮމެޓިކް އެއްބަސްވުމަކަށް ހުރަސްއެޅުނެވެ. ފަހުން ސައުދީން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް ފަސްޖެހުނު ނަމަވެސް، އެ އެއްބަސްވުމުގެ އަސްލަކީ ގަލްފުގެ ގައުމުތަކުން އިސްރާއީލު ބަލައިގަނެ، ފަލަސްތީނުގެ މައްސަލަ އެއްފަރާތް ކުރުމެވެ.
މި ރޭވުމުގެ ދަށުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ތިން މިލިއަން ފަލަސްތީނު މީހުންގެ ތެރެއިން ގިނަ ބަޔަކު އުރުދުންއަށް ބަދަލުކޮށް، އެ ސަރަހައްދުގެ އާބާދީ 90 އިންސައްތަ މަދުކުރުމަށް އޮތީ ރާވާފަ އެވެ. އޭގެ ފަހުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފަލަސްތީނުގެ ކުޑަ ދައުލަތެއް ބަލައިގަންނާނެ ކަމަށް ކޯލް ލިޔެފައިވެ އެވެ. އެ ދައުލަތަށް ނަގަބު ސަހަރާ އާއި އުރުދުންގެ ބައެއް ބިންތައް ދިނުމަށް ވެސް އޮތީ ރާވާފަ އެވެ.
ޖެރެޑް ކުޝްނާ އާއި ޓޮމް ބަރަކްގެ ވާދަވެރިކަން
ކޯލްގެ ފޮތުން ގަލްފުގެ ވެރިންގެ ދިރިއުޅުމުގެ އިތުރުން، ޓްރަމްޕް ސަރުކާރުގެ މުހިންމު ބޭފުޅުންގެ މައުލޫމާތު ވެސް ހާމަވެ އެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ސަރުކާރުގައި ނެތް ނަމަވެސް، ގިނަ ބަޔަކީ އަދިވެސް މެދުއިރުމަތީގެ ކަންކަމުގައި އިސް ދައުރެއް އަދާކުރާ ބޭފުޅުންނެވެ.
ޖެރެޑް ކުޝްނާގެ އިތުރުން، މި ފޮތުގައި ޓޮމް ބަރަކްއާ ބެހޭގޮތުން ދިގުކޮށް ވާހަކަދައްކާފައިވެ އެވެ. ލުބުނާނަށް ނިސްބަތްވާ އެމެރިކާގެ އިންވެސްޓަރެއް ކަމަށްވާ ބަރަކްއަކީ މިހާރު ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރުގެ އިތުރުން އިރާގާއި ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ޔޫއޭއީ އާއި ސައުދީގެ ވެރިންނާ ޓްރަމްޕާ ދެމެދު ގުޅުން އުފެއްދުމުގައި އިސްކޮށް އުޅުއްވީ ބަރަކް ކަމަށްވާތީ، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. މި ފޮތުގައި އެ ގުޅުންތަކުގެ ވާހަކަ ދައްކާފައިވާއިރު، ސަރުކާރުގެ ތެރޭގައި ކުޝްނާގެ ނުފޫޒު ގަދަވަމުން ދިއުމުން ބަރަކް ހިތްހަމަނުޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ.
ކޯލް ބުނާ ގޮތުގައި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕް އާރާސްތުކުރި "މާޝަލް ޕްލޭން" ފަދަ މަޝްރޫއެއް މެދުއިރުމައްޗަށް ގެނައުމަށް ބަރަކް ބޭނުންވި އެވެ. އަބޫދާބީ އާއި ރިޔާދުގެ ފައިސާއިން މި މަޝްރޫއު ކުރިއަށް ގެންދަން އޭނާ ރޭވި ނަމަވެސް، ކުޝްނާ ހުއްދަ ދިނީ ހަމައެކަނި މިސްރުގެ ބައި ބެލެހެއްޓުމަށެވެ. ފަހުން ބަރަކް ވަނީ، މެދުއިރުމަތީގެ މަންދޫބަކަށް އޭނާ ބޭނުންވާ ކަމަށް ކުޝްނާ ގާތު ބުނުމަށް ޔޫއޭއީއަށް ލޮބީކޮށްފަ އެވެ.
"ބަރަކްއަށް ދިން މެސެޖަކީ ސާފު މެސެޖެއް: އެމްބީއެސް އާއި އެމްބީޒެޑާއެކު ވައިޓް ހައުސްއިން ބާއްވާ ގުޅުންތަކުގައި ކުޝްނާ އެހެން މީހަކު ބައިވެރިއެއް ނުކުރާނެ،" މުހައްމަދު ބިން ސަލްމާން އާއި މުހައްމަދު ބިން ޒައިދަށް އިޝާރާތްކޮށް ކޯލް ލިޔެފައިވެ އެވެ.
ޖޫން 2017 ގައި ސައުދީ އާއި ޔޫއޭއީން ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއިރު ވެސް ބަރަކް އާއި ކުޝްނާގެ މެދުގައި މައްސަލަ ޖެހުނެވެ. އޭރު ރިޔާދު އާއި އަބޫދާބީ އޮތީ އެއްގަލަކަށް އަރާފަ އެވެ. ނަމަވެސް ފަހުން ޔަމަން ހަނގުރާމަ އާއި އީރާނުގެ މައްސަލައިގައި އެ ދެ ގައުމުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފަ އެވެ.
ސައުދީ އާއި ޔޫއޭއީއާއެކު ވިޔަފާރީގެ ގުޅުން އޮތް ނަމަވެސް، ބަރަކް މަސައްކަތް ކުރީ ގަތަރާއެކު ވެސް ގުޅުން ބޭއްވުމަށެވެ.
މި ފޮތުގައިވާ ގޮތުން، ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ތާއީދު ހޯދުމަށް ޔޫއޭއީ އާއި ސައުދީން ކުޝްނާއަށް ލޮބީ ކުރިއިރު، އެކަމުގައި ބައިވެރިނުވުމަށް އެދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަސަންއާއެކު ބަރަކް ވަނީ ޓްރަމްޕަށް ބާރުއަޅުއްވާފަ އެވެ.
ތަރުޖަމާ: މިޑްލް އީސްޓް އައި (އެމްއެމްއީ)







