ރިޕޯޓުއިހުތިރާމު އަދާކުރުމުގެ ކެމްޕެއިން: ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ސިޔާސީ އުކުޅެއް؟

އިހުތިރާމު އަދާކުރުމުގެ ކެމްޕެއިން: ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ސިޔާސީ އުކުޅެއް؟

ސަރުކާރުން ފެށި "އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން" އަކީ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ އަޑުކަނޑުވާލުމަށް ހިންގާ ސިޔާސީ އުކުޅެއްގެ ގޮތުގައި ސިފަކުރެވޭ. އަދި ވައުދުތަކާ މުއިއްޒު ހިލާފުވުމާއި ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރާއި އިހުތިރާމް އެމަނިކުފާނަށް ވަނީ ގެއްލިފައި.

ގްރެފިކްސް: ސާއިފް ޝިޔާދު
ގްރެފިކްސް: ސާއިފް ޝިޔާދު

ޖަޕާނުގައި، އެކަކު އަނެކަކާ ބައްދަލުވުމުން ކުޑަކޮށް ގުދުވެލުމަކީ އެމީހުންގެ ސަގާފަތުގެ ބައެކެވެ. އެމީހުންގެ ސަގާފަތުގައި އެއީ އެކަކު އަނެކަކަށް އިހުތިރާމު ކުރުމެވެ. އެކަން ކުރަނީ އެތައް ހާސް އަހަރަކުން ފެށިގެން އެ މުޖުތައުގައި އޮތް ތަރުބިއްޔަތެއްގެ މައްޗަށެވެ. ހަމަ އެގޮތަށް އިންޑިއާގައި، ހިންދޫއިން އެމީހުންނަށް ވުރެ ބޮޑެތި މީހުންގެ ރުހުން ހޯދުމަށްޓަކައި އެމީހުންގެ ކުރިމަތީގައި ގުދުވެ، ފައިގައި އަތްލުމަކީ އެމީހުންގެ ސަގާފަތުގެ ބައެކެވެ. އެ އެމީހުންގެ ދީން އަދި ސަގާފަތު ބާރު އަޅާކަމެކެވެ. މިކަންކަމަކީ ގާނޫނަކުން، ނުވަތަ ސަރުކާރުގެ ސިޔާސަތަކުން ހިންގާ ކެމްޕޭނެއްގެ ނަތީޖާއެއް ނޫނެވެ. 

އެ ސަގާފަތު ތަކުގައި މިއީ އިހުތިރާމުކުރުމުގެ އަމަލުތަކަކަށް ވިޔަސް، އެހެން ސަގާފަތެއްގައި އެކަން އެގޮތަށް ބަލައިނުގަތުމަކީ ވަރަށް ވެސް އާދައިގެ ކަމެކެވެ. ދަންނަވަން މިއުޅެނީ އިހުތިރާމު ކުރުމަކީ ކޮބައިކަން ބުނެދޭ އާލަމީ ގާނޫނެއް ނޯންނަ ވާހަކަ އެވެ. މިހެން އޮތްކަމެއްގައި، ވަކި ބައެއްގެ ނަޒަރުގައި އިހުތިރާމުގެ އަމަލުކަމަށް ފެންނަ ކަންކަން އެހެން މީހުންގެ މައްޗަށް ހިންގާން އުޅުމަކީ އެކަމުގެ ސަބަބުން އިތުރު ނުތަނަވަސް ކަމެއް އުފެދިދާނެ ކަމެކެވެ.

އިހުތިރާމު އަދާކުރުމުގެ ނަމުގައި ސަރުކާރުން ލޯންޗުކުރި "އިހުތިރާމު އަދާކުރުމުގެ ކެމްޕެއިން" އަކީ ރައްޔިތުންގެ މެދުގައި އަދަބުވެރިކަން ގާއިމުކުރުމަށްވުރެ ބޮޑަށް، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ އެންމެންގެ އަޑު ކަނޑުވާލައި، ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ހިންގާ ސިޔާސީ ޕްރޮޕަގެންޑާއެއް ގޮތަށް ސިފަކުރެވެ އެވެ. 

އަޅުގަނޑު ވެސް އެއްބަހެވެ. އެކަކު އަނެކަކަށް އިހުތިރާމް ކުރަން ޖެހެ އެވެ. ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިހުތިރާމް ކުރަންޖެހެ އެވެ. ނަމަވެސް އިހުތިރާމަކީ އެމީހަކު ދިިނުމުން އަނބުރާ ލިބޭ އެއްޗެކެވެ. އިހުތިރާމަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. ރާއްޖޭގައި އިހުތިރާމް އަދާކުރުމުގެ ނަމުގައި ކުރިން އޮތް ގިނަ އާދަތަކަކީ ވެރިންނަށް ބޯލަނބުވައި، ވެރިންނަކީ މާ ބޮޑު ބައެއް ގޮތުގައި ދެކުމެވެ. ނަމަވެސް މިއަދު ޒަމާން ބަދަލުވެއްޖެ އެވެ.

ގައުމީ މަޝްރޫއެއް ގޮތަށް ފަސް އަހަރުގެ މުއްދަތަށް ހިންގާ އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗުކުރިއިރު މިހާތަނަށްވެސް އެ ކެމްޕެއިން ކުރިއަށްގެންދާނެ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. މިސްރާބެއް އަދި ކޮޅުމެދެއް ނުފެންނަ ގޮތަށް ސަރުކާރުން މިފަދަ އެތައް ކަމެއް ދަނީ ކުރަމުންނެވެ. މިހާތަނަށް އެ ކެމްޕޭނުން ފެންނަނީ އެންމެ ނަތީޖާއެކެވެ. ދައުލަތުގެ ބަޖެޓުން އެތައް އިސްރާފު ކުރުމެވެ.

މިއަދު އެންމެ ބޮޑަށް އިހުތިރާމް ގެއްލިފައިވަނީ މުއިއްޒަށް

ރައީސް މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވެރިންގެ ތެރެއިން އެންމެ އަވަހަށް އޮފު ކެނޑުނު ރައީސް އެވެ. އެމަނިކުފާނަށް ރައްޔިތުން ކުރި އިތުބާރު ގެއްލިފައިވާކަން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އެންމެ ފަހުން ރައްޔިތުންގެ މެދުގައި ނެގި  ފެންނަ ނުފެންނަ ވޯޓުން ވަނީ ހާމަވެފަ އެވެ. ދެ އިންތިހާބު އެއްކޮށްލުމަކީ މުއިއްޒު ބޭނުންވި ގޮތެވެ. އެކަމާ ދެކޮޅަށް 70 ޕަސަންޓާ ގާތަށް ރައްޔިތުން ވޯޓުލި އެވެ. 

ކުރު މުއްދަތެއްގެ ތެރޭގައި މުއިއްޒަށް ރައްޔިތުންގެ އިހުތިރާމު ގެއްލުނީ އެތައް ސަބަބެއް މެދުވެރިވެގެންނެވެ. ވައުދާ ހިލާފުވާތީ އެވެ. ގަދަ ބާރުން ވެރިކަން ކުރައްވަން އުޅުއްވާތީ އެވެ.  އެމަނިކުފާނުގެ ބަހާއި އަމަލު ދިމާ ނުވާތީ އެވެ. "ކައްޒާބު" ގެ ލަގަބު އެމަނިކުފާނަށް ރައްޔިތުން ދިނީ އިންތިހާއަށް ދޮގު ހައްދަވާތީ އެވެ. "އެލް ސޯފާ" ގެ ލަގަބު އެމަނިކުފާނަށް ދެއްވި ސަބަބުވެސް ރައްޔިތުންނަށް އެނގޭނެ އެވެ. އެއީ މިއަދު އެމަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ހަގީގަތެވެ. 

"އިހުތިރާމަކީ ދެކޮޅަށް ދުއްވާ މަގެއް. ރައްޔިތުންގެ އިހުތިރާމް ބޭނުންނަމަ ރައްޔިތުންނަށް އިހުތިރާމް ކުރަންޖެހޭ. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިނުވެ، ރައްޔިތުންނަށް ދޮގު ނުހަދައި، މުވައްޒަފުންނަށް ބިރު ދެއްކުން ހުއްޓާލުމުން ކޮންމެވެސް މިންވަރެއްގެ އިހުތިރާމެއް ލިބިދާނެ"

ސޯޝަލް މީޑިއާގެ ކޮންމެ މަންސައެއް ބަލައިލިޔަސް ފެންނަނީ މި ސަރުކާރަށް ނުވަތަ މުއިއްޒަށް ރައްޔިތުންގެ އެތައް ބަޔަކު ނަފުރަތުކުރާ މިންވަރެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ރައްޔިތުންގެ އެންމެ އަސާސީ ކަންކަން މިއަދު ނުކުރެވެ އެވެ. އާސަންދައެއް ނުލިބެ އެވެ. އަސާސީ ބޭސްތަކެއް ނުލިބެ އެވެ. ބޭސް ސިޓީއަށް ސަލާންޖަހާގޮތް މިވަނީ ޒަމާނީވެފަ އެވެ. ޑޮލަރު ނުލިބި ވިޔަފާރިތައް ބިކަވެ، ތަކެތީގެ އަގު އުފުލެމުންދަނީ އަތުފަތު ނުޖެހި އެވެ. މި ހުރިހާ ކަމަކާ ގުޅިގެން ރައްޔިތުންގެ ނަފްރަތު އަމާޒުވަނީ މުއިއްޒަށެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މުއިއްޒުހާ މަގުބޫލުކަން ދަށް ވެރިޔަކު ނުދެކޭ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގައުމު ފުނޑުފުނޑުކޮށްލައި، ވައްކަމާއި ކޮރަޕްޝަން ހިންގާފައި އިހުތިރާމް އަދާކުރަން ބުންޏަސް ރައްޔިތުން އިހުތިރާމު ނުކުރާނެ ކަމަށެވެ. 

"މިހާ އަންޕޮޕިއުލާ ވެރިޔަކު އަދިއެއް ދިވެހިރާއްޖޭގެ ތާރީހުގައިއެއް އެއްވެސް މީހަކު ނުދެކޭ. އަންޕޮޕިއުލާ މިވަނީ މިޒާޖުވެސް މީހުންނަށް ކަމުދާ ކަހަލަ މިޒާޖަކަށް ނުވޭ. ގާބިލެއް ނޫން. ގާބިލުނުވިތާކަށް ގައުމު ފުނޑު ފުނޑުކޮށްލައިފި. ދެން އަނެއްކާވެސް މިދަނީ ވައްކަމާއި ކޮރަޕްޝަންގެ ކަންތައް އެހާމެ ބޮޑު،" ފައްޔާޒް ވިދާޅުވި އެވެ. 

"މިހުރިހާ ކަމެއް ހުރެގެން ދެން އިހުތިރާމޭ ކިޔަކަސް އަދި  ރެސްޕެކްޓޭ ކިޔަކަސް ރެސްޕެކްޓް އެއީ ލިބޭ އެއްޗެއް ނޫން.  ކިހިނެއްތޯ ރެސްޕެކްޓް ލިބޭނީ. އެއްކޮޅުން މީހުންނަށް މަޖުބޫރު ކުރުވަނީ ކަލޭމެން ވަޒީފާގައި ހުރެވޭނީ މި ޕާޓީއަށް (ޕީއެންސީއަށް) ވަދެގެންނޭ. ދެން މި ބުނަނީ ރެސްޕެކްޓޭ. ދެން ކޮން ރެސްޕެކްޓެއްތޯ ކުރާނީ."

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިނަކީ ސިޔާސީ އުކުޅެއް 

ދުނިޔޭގެ ތާރީހަށް ބަލާއިރު، މިފަދަ ކެމްޕެއިންތަކަކީ އާންމުކޮށް ހުދުމުހުތާރު ވެރިކަންތައް ކުރާ ގައުމުތަކުގައި ބޭނުންކުރާ އުކުޅެކެވެ. މިސާލަކަށް، ބައެއް ކޮމިއުނިސްޓް ގައުމުތަކާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި "އަދަބުވެރިކަން" އިސްކުރުމުގެ ނަމުގައި ހިންގާ ކެމްޕެއިންތަކުގެ އަސްލު މަގްސަދަކީ ވެރިކަމާ ދެކޮޅަށް ތެދުވާ މީހުންނަކީ އަދަބުކުޑަ ބައެއްގެ ގޮތުގައި ދައްކައި، އެމީހުންގެ އަޑު ކަނޑުވާލުމެވެ. 

ތާރީހުގައި މިފަދަ ކެމްޕޭންތައް ގިނައިން ހިންގާފައިވަނީ ވެރިކަމުގެ ބާރު ބައްކުރުމަށް މަސައްކަތްކުރި ސަރުކާރުތަކުންނެވެ. ތުރުކުމެނިސްތާނުގެ ނިޔާޒޮވް "ރޫހްނާމާ" ފޮތް ސްކޫލުތަކުގައި ކިޔަވައިދުމަށާއި، އެ ފޮތަށް އަހުލުވެރި މިންވަރަށް ބަލައިގެން މެނުވީ ވަޒީފާ ނުދިމުމަށް ވެސް އެ ގައުމުގައި ނިންމި އެވެ. ސޯވިއެޓް ޔޫނިއަނުން 1961 ވަނަ އަހަރު "ކޮމިއުނިޒަމް ބިނާކުރާ މީހާގެ އަހުލާގީ ކޯޑެއް" ފާސްކުރި އެވެ. ޗައިނާއިން 2001 ވަނަ އަހަރު "ސިވިކް މޮރަލިޓީ" ޕްރޮގްރާމެއް ފެށިއިރު، މިހާރު "12 އަސާސީ ސޯޝަލިސްޓް އަގު" ގައުމުގެ ހުރިހާ ހިސާބެއްގައި ފެންނަން ހުރެ އެވެ. އުތުރު ކޮރެއާއިން ވެސް ބޭރުގެ ސަގާފަތަށް ހަނިކަން ގެނައި ގާނޫނުތައް ފާސްކޮށްފައި ވެ އެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ސިފަ އަށަގަންނުވަން ޖެހޭ ކަމަށާއި، ހާއްސަކޮށް ވެރިންނާއި މުއައްސަސާތަކަށް ކުރާ އިހުތިރާމް އިތުރުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިފަދަ ވާހަކަތަކަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ދައްކާ ބަހަނާއެއްކަން، މި ސަރުކާރުގެ އަމަލުތަކުން އެ ދަނީ ހާމަވަމުންނެވެ.

"ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާއިރު، އެކަކު އަނެކަކަށް އިހުތިރާމު އަދާކުރާ، އެކަކު އަނެކަކުގެ ލެޔާއި، މުދަލާއި އަބުރު ރައްކާތެރިކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. އަޅުގަނޑުމެންގެ އިސްލާމްވަންތަކާއި ދިވެހިވަންތަކަމުގެ ރޫހަކީ، އިހުތިރާމުކުރުމާއި، އެކަކު އަނެކަކަށް ގަދަރުކުރުންކަން އަބަދުވެސް ހަނދާންކުރަންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ. 

"އެކަކު އަނެކަކުގެ ކަރާމާތާއި ގަދަރަށް ކުޑަވެސް އުނިކަމެއް އަންނާނޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުކަން ދޭންޖެހޭ. މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތްކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާންޖެހޭ."

އިސްލާމް ދީނާއި ގައުމިއްޔަތަކީ މުއިއްޒު ގެންގުޅުއްވާ ސިޔާސީ އައްޑަނަ އެވެ. އެއަށް އިތުރުކުރި ބޮޅަކަށް ވެގެން މިދިޔައީ އިހްތިރާމް އަދާކުރުން ކަމަށްވާއިރު، އޭގެއިން ހާސިލުކުރަން ބޭނުންވަނީ ވެރިންނާއި ސަރުކާރަށް ފާޑުކިޔާ މީހުންނަކީ ވަރަށް ދަށް އަދި މުޖުތަމައުގައި ބާކީކޮށްފައި ތިބޭ ބައެއް ގޮތުގައި ބޭތިއްބުމެވެ. އެކަމަކު ސަރުކާރަށް ސަނާ ކިޔާ މީހުންނަކީ އިހުތިރާމް ކުރާ ބައެއްގެ ގޮތުގަ އެވެ. 

ނަމަވެސް މިއަދު ދިވެހި ރައްޔިތުން ތިބީ އެއަށްވުރެ ލޯ ހުޅުވިފަ އެވެ. ރައްޔިތުންގެ އަނގަބަންދުކުރަން ޖަހާ ކޮންމެ މަޅިއަކަށް އެ ރައްޔިތުން އެދަނީ ނޫނެކޭ ބުނަމުންނެވެ. އިހުތިރާމް އަދާކުރުމުގެ ކެމްޕެއިންވެސް މިވަނީ ބޮޑު "މީމް" އަކަށްވެފަ އެވެ. އެކަން މަޖާ ކަމަކަށް ރައްޔިތުން ހެދީ މުއިއްޒުގެ އިސްނެގުމަށް އެކަން ފެއްޓެވުމުންނެވެ. 

އިހުތިރާމް އަދާކުރަން ފަށަންވީ މަތިން ތިރިއަށް

އިހުތިރާމު އަދާކުރުމުގެ ކެމްޕެއިނުގެ ދަށުން ސަރުކާރުން ބާރުއަޅަމުންދަނީ ސޯޝަލް މީޑިއާގަ އާއި އާންމު މައިދާންތަކުގައި އަދަބުވެރިކަމާއެކު މުހާތަބުކޮށް، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށެވެ. މިއީ ރައްޔިތުންގެ އަނގަ ބަންދުކޮށް، ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އާނބަސް ބުނާ ބަޔަކަށް ރައްޔިތުން ހެދުމަށް ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. 

ނަމަވެސް އޭގެ ބަދަލުގައި މިފަދަ ކެމްޕެއިންތައް ހިންގަން އެންމެ އައުލާކަންބޮޑީ ސަރުކާރުގެ ވެރިންނަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ޓީވީތައް މެދުވެރިކޮށް ދުރަށް ދައްކާ ޖަލްސާތަކަށްވާއިރު، އެ ޖަލްސާތަކުގައި ބޭނުންކުރާ ބަސްތަކާއި އިހުތިރާމް ކުޑަކޮށް ކުރާ އެތައް ކަމެއް ފާހަގަކުރެވެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް މި ކެމްޕެއިން ނުހިންގާ އާންމު ރައްޔިތުންނަށް އަމާޒުކޮށް މި ކެމްޕެއިން ހިންގުމުގެ އެއްވެސް ސަބަބެއް ނެތެވެ. 

ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުން އެކަކު އަނެކަކަށް އިހުތިރާމްކޮށް، ރައްޔިތުންނަށްވެސް އިހުތިރާމްކުރާނަމަ އެ އެޅުނީ އިހުތިރާމް އަދާކުރުމަށް އެންމެ ވަރުގަދަ ބިންގަލެވެ. އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗުކުރިތާ ހަފްތާއެއްވާން ކައިރިވާއިރު ފެނިގެން މިދަނީ އެ ކެމްޕެއިން ހިންގާނެ ގޮތުގެ ޕްލޭނެއް އަދި އެއްވެސް ތަފްސީލެއް ހާމަނުކޮށް ދެއަތް އުރާލައިގެން ތިބޭ މަންޒަރެވެ. 

މި ސަރުކާރުން މިފަދަ އެތައް ކަމެއް ބޮޑު ހަރަދުކޮށްގެން ލޯންޗުކޮށްފި އެވެ. އެކަމަކު ހަމަ ކުރިއަކަށް ނުކަނޑަ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާއެއް މިލިއަނުން އިސްރާފުވެއްޖެ އެވެ. ކެމްޕެއިންތަކާއި އެހެނިހެން ކަންކަން ލޯންޗުކުރުމަށްފަހު ފުރަތަމަވެސް ބަލަނީ ރައްޔިތުން އެއާމެދު ދެކެނީ ކިހިނެއްތޯ އެވެ. އެއަށްފަހު ކެމްޕެއިންގެ ތެރެއަށް އެބައިތައް ލަނީ އެވެ. 

އޭގެ ބަދަލުގައި ކަމެއް ކުރުމުގެ ކުރިން ރަނގަޅު ދިރާސާތަކެއް ހަދަން ޖެހެ އެވެ. އޭގެއިތުރުން މިފަދަ ކަމެއްކުރާއިރު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއްވެސް ކުރަން ޖެހެ އެވެ. ރައްޔިތުންގެ ހިޔާލު ހޯދަން ޖެހެ އެވެ. އެގޮތުން މިފަދަ ކެމްޕެއިންތައް ލޯންޗުކުރަނީ އެއަށްފަހު އެވެ. އެކަމަކު ރާއްޖޭގައި ފެނިގެން މިދަނީ މިފަދަ ކެމްޕެއިންތައް އަވަސް އަރުވާލައި ސިޔާސީ މަންފާއަށް ލޯންޗުކުރާ ތަނެވެ. 

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ވަކިވަކި ދާއިރާތަކަށްވެސް ހިންގަ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ ސިޔާސީ ދާއިރާއަށް ހިންގިދާނެ އެވެ. ފުރަތަމަވެސް ހުރިހާ ރައްޔިތުންނަށް އަމާޒުކޮށް ހިންގަން އުޅުމުން މަގުސަދާމެދު ސުވާލު އުފެދޭނެ އެވެ. ބައެއް ގައުމުތަކުގައި މިފަދަ ކެމްޕެއިންތައް ވަކި ދާއިރާތަކަށް ހަނިކޮށް ހިންގުމަށްފަހު، ދެން ފުޅާކުރަނީ އެވެ. 

އިހުތިރާމްގެ ނަމުގައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ސަރުކާރުގެ ނުފޫޒު ފަތުރަން މަސައްކަތް ކުރުމަކީ މިނިވަން މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ހާއްސަކޮށް މި ސަރުކާރުން ހައްގަކަށްފަހު ހައްގެއް ނިގުޅައިގަންނަމުންދާއިރު، މިފަދަ ކެމްޕެއިންތައް އިފްތިތާހު ކުރުމަކީ ކުރިއަށް މުސްތަގުބަލަށްވެސް އޮތް ނުރައްކަލެކެވެ. 

މި ކެމްޕެއިނަކީ ސީދާ ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ހިންގާ ޕްރޮޕަގެންޑާ ހަރަކާތެކެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި، "އިހުތިރާމް" އުނގަންނައިދިނުމުގެ ނަމުގައި ސަރުކާރުން ކުރާ މި މަސައްކަތަކީ ހަގީގަތުގައި ރައްޔިތުންގެ ފާޑުކިޔުންތަކުން ރެކުމަށް ޖަހާ ސިޔާސީ މަޅިއެކެވެ. މިފަދަ ކެމްޕެއިންތަކުގެ ސަބަބުން މުޖުތަމައުތަކުގައި ބައިބައިވުން އުފެދި، ހިޔާލު ފާޅުކުރުމަށް ރައްޔިތުން ފަސްޖެހޭނެ ފަދަ މާހައުލެއް އުފެދުމުގެ ފުރުސަތު ބޮޑެވެ. 

ލީވާން އަލީ ނާސިރު

ޖާނަލިސްޓް

ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox