Advertisement

ކޯސްޓްކިރު ދަޅެއްގައި ފުށް ހުރި މައްސަލަ ބީއެޗްއެމުން ބަލައިފި، އެއީ ވިއްކި މީހަކު ކުރިކަމެއް!

2 ޖުލައި 2023 - 21:50 1

ކޯސްޓް ކިރުދަޅުތަކެއް، ފޮޓޯ: ބީއެޗްއެމް


ކޯސްޓްކިރު ދަޅެއްގައި ފުށް ހުރި މައްސަލަ ބީއެޗްއެމުން ބަލައިފި، އެއީ ވިއްކި މީހަކު ކުރިކަމެއް!

2 ޖުލައި 2023 - 21:50 1

މީހަކު ގަތް ކޯސްޓްކިރު ދަޅެއްގައި ހިކި ކިރުގެ ބަދަލުގައި ގޮދަންފުށް ހުރި ވާހަކަ ފެތުރުމުން ބީއެޗްއެމް ޓްރޭޑާސް އިން އެ މައްސަލަ ބަލައިފި އެވެ.

ރާއްޖެއަށް ކޯސްޓް ކިރު އިމްޕޯޓްކުރާ ބީއެޗްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުށް އަޅާފައިވާ ކޯސްޓްދަޅު ގަތް މީހާ ދެނެގަނެ، އެ ދަޅު ހޯދައިގެން ބެލި އިރު އޭގައި ހަމަ ހަގީގަތުގައި ވެސް އެ ދަޅަށް ބަދަލު ގެނެސްފައި ހުރި ކަމަށެވެ. އެ ދަޅު ގަތްމީހާ ގަތީ ނުގަވައިދުން މަގުމަތީގައި އެއްޗެހި ވިއްކާ މީހެއްގެ އަތުންކަން، އިތުރަށް ބެލުމުން އެނގުނު ކަމަށާއި އެކަން ހިނގާފައި ވަނީ ކޯސްޓްކިރުގެ ސްޓޮކް މަދުވި ވަގުތެއްގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އެއީ 2022 ވަނަ އަހަރު އުފެއްދި ބެޗެއްގެ ދަޅެއްކަން، ދަޅުގައިވާ ބެޗްނަމްބަރު ބެލުމުން އެނގުނެވެ،" ބީއެޗްއެމްގެ ބަޔާނުގައި ބުންޏެވެ.

ކޯސްޓްކިރަކީ ބީއެމްއެޗްމުން ބުނި ގޮތުގައި ނެދަލޭންޑްގައި މަރުކަޒު ހުންނަ، ދުނިޔޭގެ އެންމެ ބޮޑެތި ޑައިރީ ކޯޕަރޭޓިވް ތަކުގެ ތެރެއިން ކޯޕަރޭޓިވް ކަމަށް ވާ ފްރީސްލޭންޑް ކެމްޕީނާގެ އުފެއްދުމެކެވެ. އެކުންފުނިން މިދިޔަ 150 އަހަރު ވެސް އެންމެ މަތީ ފެންވަރުގެ އުފެއްދުންތައް އެއް ފެންވަރެއްގައި އުފައްދަމުން އައިސްފައި ވާތީ ބޮޑު މަޝްހޫރުކަމަކާއި އިތުބާރެއް މުޅި ދުނިޔޭގަައި ވެސް އޮންނަ ކަން ބީއެޗްއެމުން ފާހަގަ ކުރި އެވެ.

"ހިކިކިރުގެ ބަދަލުގައި އެހެން އެއްޗެއް އަޅައިގެން ވިއްކުމާއި ލައިސަންސް ނެތި މަގުމަތީ ވިއްކުން ފްރީސްލޭންޑް ކެމްޕީނާއާ އެކު ބީއެޗްއެމް ޓްރޭޑާސް އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބީއެޗްއެމްގެ ބަޔާނުގައި ބުންޏެވެ.

އެކަހަލަ ކަންތައްތައް ކުރާ އަދި ލައިސަންސް ނެތި މަގުމަތީ އެއްޗިހި ވިއްކާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަަޅު އަޅަން، ކޮންޒިއުމާ އޮމްބަޑްސް ޕާސަންގެ އޮފީހަށާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ފުލުހުންނަށް ގޮވައިލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.