Advertisement

ނިމިދިޔަ ހަފްތާ: މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާގައި 10 ފުރާނަ ގެއްލުން

12 ނޮވެންބަރު 2022 - 06:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ނިމިދިޔަ ހަފްތާ: މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާގައި 10 ފުރާނަ ގެއްލުން

12 ނޮވެންބަރު 2022 - 06:30 0

ނިމިދިޔަ ހަފްތާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ އަލިފާނުގެ ހާދިސާ ނިއުޅިގެންދިޔަ ހަފްތާ އެވެ. މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި މި ހާދިސާއާ ގުޅިގެން އިއްޔެ ގިނަ ހަބަރުތަކެއް "އަދަދު" ނޫހުން ގެނެސްދީފައިވާނެ އެވެ.

މި ނޫހުން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު މަރުވި މީހުންގެ ތެރޭގައި ތިން އަންހެނަކު ހިމެނެ އެވެ. އަދި އެމީހުންގެ ތެރޭގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭކަން އެނގިފައިވެ އެވެ. މަރުވި އިންޑިއާ މީހުންގެ ތެރޭގައި ޖެނިލް އާއި ސުންދާރީގެ އިތުރުން ވެންކަޓަ ސަޓިޔަނަރަޔަނަ، 48، އެޑްވިން ޖެނިލް، 42، އާއި އޭނާގެ އަނބިމީހާ ސުންދާރީ، 47، އާއި ޕަޑަލަ އެޑުކޮންޑަލު، 43، އާއި މައްލޫލާ ނަނީ ޕަންޑޫ، 25، އާއި ސުޖާތާ (އުމުރު ނޭނގޭ) އާއި ތެންމޮޒީ (އުމުރު ނޭނގޭ) ހިމެނެ އެވެ.

މަރުވި މީހުން އަދި އެތަނުން ސަލާމަތްވި މީހުންނަށް ސަރުކާރާއި ޖަމިއްޔާތަކުން އެހީ ފޯރުކޮށްދެމުންދާއިރު، އެމީހުން ދަންނަ އަދި ގާތް ބައެއް މީހުން ބުނީ އަލިފާނުގެ އަސަރު ކުރި މީހުން ތިބީ ޝޮކެއްގައި ކަމަށެވެ. ބައެއް މީހުންނަށް އަދިވެސް ހާދިސާ އާއި މަންޒަރު ސިފަކޮށްދޭން ނޭނގޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން އިއްޔެ ބުންޏެވެ.

ފަހުގެ ތާރީހެއްގައި އެހާ މަރު ގިނަ އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް، އެ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އިއްޔެ ވިދާޅުވީ ރޯވި އިމާރާތް ހިމެނޭހެން ޖުމުލަ ހަތަރު ގެއަކުން މީހުން ހުސްކުރެވިފައިވާ ކަމަށެވެ.

ޗާގޯސް މައްސަލާގައި މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް އޮފީހުގައި އެކަމާ ގުޅިގެން ބާއްވާފަ އެވެ. ކަނޑުގެ އިމުގެ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވަނީ ދެ ފަރާތަށް ހަމަހަމަ ވާގޮތަށްކަން، އދ. އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ފާހަގަ ކުރެއްވިއިރު، ރާއްޖޭން ކަނޑައަޅާފައިވާ ސަރަހައްދުތައް ހޯދުމުގައި ދެމި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ މޮރިޝަސް އިން އެ ގައުމުގެ މެރިޓައިމް ބައުންޑަރީގެ ބޭސް ލައިން ގޮތުގައި އެ ގައުމުން ދެކޭ ސަރަހައްދަކީ ތިލަ ދިޔަވަރުގައި ފަރެއް ފެންނަން އޮތް ސަރަހައްދު ކަމަށެވެ. އެއީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުން، ކަނޑައެޅޭނެ ސަރަހައްދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި މައްސަލާގައި ރާއްޖޭގެ ދިފާއު ބިނާ ކުރުމުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކޮށް އެއަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހާ ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް ބުނެ މަޖިލީހުން މިދިޔަ ހަފްތާގައި ބަޔާނެއް ވެސް ވަނީ ނެރެފަ އެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަންނަވައި ފޯޅަވައްސަކީ ރާއްޖޭގެ ސިޔާދަތީ ބާރު އޮންނަން ޖެހޭ ތަނެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފަ އެވެ. އެ މައްސަލައާ ގުޅޭގޮތުން މިދިޔަ ހަފްތާގައި ނެރުއްވި ބަޔާނެއްގައި ނަޝީދު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން ވެގެންދާނީ މަސްވެރިކަމަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގަ އެވެ.

މިދިޔަ ހަފްތާއަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މޫސުމީ ބަދަލުތަކާ ގުޅޭ ސަމިޓު ކަމަށްވާ ކޮޕް27 ބޭއްވި ހަފްތާ އެވެ. އެ ސަމިޓުގައި ރާއްޖޭގެ ވަފްދުގެ އިސްވެރިޔަކަށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ސަމިޓާ ގުޅިގެން ދިވެހިންގެ މެދުގައި އެންމެ ބޮޑު ބަހުސެއް އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ވަފްދުގައި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވުމުންނެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ. މުނައްވަރު "އަދަދު" ނޫހަށް މިދިޔަ ހަފްތާގައި ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދި މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އިހްލާސްތެރިވާން ވާނީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

މަޖިލިސް ރައީސްކަމުގައި ހުންނަވާ، ރާއްޖޭން ވެސް ބައިވެރިވާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި، އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި އެމަނިކުފާނު ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ކުރިއަރާފައިވާ ގައުމުތަކުގައި ކަމަށާއި އެގައުމުތަކުން ފުރިހަމައަށް އެކަން ގަބޫލުކޮށް މި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުދި ޖަޖީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ކޮޕް27 ގައި ގޮވާލައްވާފަ އެވެ.

ސަރުކާރުން ހަރަދުކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި، ހައުސިން ލޯނުތަކަށް ނަގާ އިންޓަރެސްޓަށް ހެޔޮ ބަދަލެއް ގެނައުމާއެކު އަމިއްލަ ހިއްސާއަށް ބޭނުންވާ އަދަދު ނުވަތަ ލޯނުގެ އިކުއިޓީ ހަމަޖެއްސުމަށް ދިގު މުއްދަތުގެ ސޭވިން ޕްރޮގްރާމެއް ފަށަން ސަރުކާރުން ނިންމާފައިވާކަން "އަދަދު" އިން ރިޕޯޓުކުރީ ނިމިދިޔަ ހަފްތާގަ އެވެ. ފިނޭންސުން ބުނާ ގޮތުގައި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް މައިގަނޑުގޮތެއްގައި ހިންގަމުންދަނީ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމުގައިވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރުއުޅުން ކޯޕަރޭޝަން މެދުވެރިވެގެނެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމާއި އެ ޕާޓީގެ ސްލޮޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި މޫސާ މަނިކު (ރީކޯ މޫސަ) އަނެއްކާ ވެސް އެ ޕާޓީއަށް ސޮއިކުރެއްވީ މިދިޔަ ހަފްތާގަ އެވެ. މޫސާ މަނިކު އެމްޑީޕީއާ އަލުން ގުޅިވަޑައިގަނެ، މެމްބަޝިޕް ފޯމް ހަވާލުކުރީ ރައީސްގެ ރަސްމީގެކޮޅު މުލިއާގޭގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.

ބައެއް މުހިންމު ހަބަރުތައް

  • އަންނަ އަހަރު ސިޔާސީ މަގާމުތައް ވެސް މުސާރަ ހަރަދު ވެސް އިތުރު
  • މެއި6 ހަމަލާގެ ޝަރީއަތުގައި ސިއްރު ހެކިވެރިޔަކު ނަން ހާމަކުރުން
  • ޔާމީން ކެމްޕޭނުގައި އައްޑޫގައި
  • އަރަބިއްޔާގެ ޕްރިންސިޕަލް އެންއައިއީއަށް ބަދަލުކުރުން
  • އެމްޑީޕީ ޕްރައިމަރީގައި ޝާހިދުގެ ތާއީދު ރައީސް ސޯލިހަށް
  • އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތަށް ފަހު ފުރުސަތު
  • މަޖިލީހުގެ މެންބަރުކަމުން ނަޝީދު ވަކިކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް
  • ބަޖެޓު ބަހުސްގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  • އދ. ގެ ރިޔާސަތުގައި ޝާހިދުގެ ދައުރާ އެކު އޭރު އުފެދުނު ބަހުސް ވެސް ހިނދިފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ވަފްދުގައި ހިމެނިވަޑައިގެން ކޮޕް27 އަށް ވަޑައިގެންނެވުމާ އެކު އެމަނިކުފާނުގެ މަގާމާ ގުޅޭގޮތުން އުފެދުނު ސުވާލުތަކާއި ގާނޫނީ ގޮތުން އެހެން ގައުމެއް ތަމްސީލު ކުރުމާ ގުޅޭ މައުލޫމާތުތައް މުހައްމަދު ވިޝާމްގެ މި ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.
  • ގައިންގަޔަށް ނަރާ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރި ސާވޭގެ ނަތީޖާއިން، ދިވެހި ސިއްހަތު އޮތީ ބޮޑު ނުރައްކަލެއްގައި ކަމާއި، ވައްޓަފާޅިއާ ގުޅިފައިވާ އާދަތަކުގެ ސަބަބުން ބޮޑެތި ބަލިތަކުގައި މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފައިވާކަން ހާމަވެފައިވާކަން ހުސައިން ފިޔާޒުގެ މި ރިޕޯޓުގައި ގެނެސްދީފައިވެ އެވެ. ކުރީން ފެށިގެން ގަބޫލު ކުރެވިފައި އޮތް ގޮތަށް، ބޮޑެތި ބަލިތައް ގުޅިފައި އޮތީ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަތަކާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ.
  • މ. ނިރުފެހިގޭގައި ހިތާމަވެރި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން މަރުވެގެންދިޔައިރު އެ ގޭގެ ހާލަތު ހުރީ މިފަދަ ހާދިސާއަކަށް ހުށަހެޅިދާނެ ފަދަ ގޮތަކަށްކަން ނާޒިމް ހަސަންގެ މި ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް ގެނެސްދީފައިވެ އެވެ. އޭނާ ސިފާކުރާ ގޮތުގައި އެ ގެއަކީ ހުމާލާއި އަޅާނުލުމުން ނުރައްކަލަށް ދޫކޮށްލާފައި އޮތް ބޮޑު "ހާއްޔެކެވެ".

ދިރާސާތަކުން ކިޔާލުމަށް

ހެލްތު ރިސާޗް ޕްރިއޯރިޓީސް 2022-2025

މިއީ 2022 އިން ފެށިގެން 2025 ގެ ނިޔަލަށް ރާއްޖޭގައި ސިއްހީ ދިރާސާތައް ކުރިއަށްގެންދިޔުމުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭން ޖެހޭ ދާއިރާތައް ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ރާއްޖޭގެ ހެލްތު މިނިސްޓްރީ ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ.

އެގޮތުން، ކްލިނިކަލް ރިސާޗު ހަދަން ޖެހޭ އެންމެ މުހިންމު 10 ދާއިރާ އާއި ހެލްތު ރިސާޗު ކުރިއަށްގެންދަން ޖެހޭ އެންމެ މުހިންމު 10 ދާއިރާ ވަނީ ދެނެގަނެފަ އެވެ. އަދި، ރާއްޖޭގައި މިފަދަ ދިރާސާއެއް ކުރިއަށްގެންދިޔުމުގައި ހުރި ގޮންޖެހުންތައް ވެސް ވަނީ ދެނެގަނެފަ އެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުން ކެންސަރާއި ހިތުގެ ބަލިތަކާ ގުޅޭ ދިރާސާތައް ކުރުމަށް ހާއްސަ އިސްކަމެއް ވަނީ ދޭން ޖެހިފަ އެވެ.

މި ދިރާސާގެ އަލީގައި ސިއްހީ ދާއިރާއަށް ކުރާ އިނެވެސްޓުމަންޓުތަކުން އެންމެ ބޮޑު ފައިދާއެއް ނެރުމަށް މަގުފަހި ކުރެވޭނެ ކަމަށް ސަރުކާރުން ދެކެ އެވެ. އަދި، ގައުމީ ފެންވަރުގަ އާއި ބައިނަލްއަގްވާމީ ގޮތުން މިފަދަ ދާއިރާތައް ކުރިއެރުވުމަށް ލިބޭ މާލީ އެހީ އެންމެ އެކަށޭނެ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ވެސް މި ދިރާސާގައި ހިމަނާފައިވެ އެވެ.