މިދިޔަ ދުވަސްތަކުގެ ތެރޭ ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު މަސް ނުކިރޭތީ މަސްވެރިން ވަނީ ވަރަށް ބޮޑަށް ސަރުކާރާ މެދު ނިމިދިޔަ ހަފްތާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބޮޑު ބަހުސެއް ކޮށްފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން މިދުވަސް ވަރު ރަނގަޅުވެފައި ވާއިރު މަސްގަންނަ މިންވަރު ލިމިޓްކޮށްފައި ވާތީ މަސްކިރުވަން، މަސްވެރިން އެތައް ދުވަހަކު ކިއުގައި ތިބެން ޖެހޭ ކަމަށެވެ. މަސްވެރިކަމަށް ބޭނުންވާ އައިސް ހޯދާށާއި މަސްދޯނި ފަހަރަށް އަޅާނެ ތެޔޮ ހޯދަން ވެސް އެގޮތަށް ކިއުގައި ތިބެން ޖެހޭ ކަމަށް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.
ދަރަނި ނެގުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ދަރަނި ނަގަނީ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ދަރަނި ނަގައިގެން ކަންކަން ކުރަނީ، ކުރިއަށް އޮތް ޖީލުތަކަށް، އެބައެއްގެ އަމިއްލަ ވަޒަނުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ހޯދައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރަން ރާއްޖޭގެ ގާބިލުކަން އެބަހުރި ކަމަށާއި އިގްތިސާދު އޮތީ ގަދަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާ އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ދެއްވީ ނިމިދިޔަ ހަފްތާގަ އެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓާއި، މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްރޮޖެކްޓާއި، [އެހެން ޕްރޮޖެކްޓުތައް] ވެސް އަވަސް ކުރަން މަސައްކަތްކުރާނަން. އެއީ ވީހާވެސް އަވަހަށް އެ ޕްރޮޖެކްޓުތަކުގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ލިއްބައިދިނުމަށް،" ސަފީރު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުންދާ ކަމަށާއި އެހެން ނަމަވެސް އާ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ދުނިޔޭގައި ތަކެތީގެ އަގުތައް އުފުލުމާއި ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން އާ ރިސްކުތަކެއް ކުރިމަތިވެފައިވާ ކަމަށާއި ތަކެތީގެ އަގު އުފުލުމުން އެކްސްޓާނަލް ރިޒާވުތަކަށާއި ސަރުކާރުގެ ކޭޝްފްލޯއަށް އަންނަނީ އަސަރު ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެއިން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން، 27، އެންމެ ފަހުން ފެނުނީ ހުޅުމާލެއިން ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން ހާމަކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. އެއަށްފަހު އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައިވާއިރު އަދިވެސް އޭނާ ފެނިފައެއް ނުވެ އެވެ.
އިސްލާމް ދީނަކީ ގައުމިއްޔަތުގެ ތަނބު ކަމަށާއި ޓެރަރިޒަމްއަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމް ދީނަކީ ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު ކަމަށާއި ޓެރަރިޒަމް ފަދަ ކުށްތަކަކީ "ދިވެހިން ދަންނަ ކަމެއް ނޫން" ކަމަށެވެ. ދިވެހިންނަކީ އިސްލާމް ދީނަށް ލޯބި ކުރާ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދިވެހިން ބޭނުންވަނީ ސުލްހަވެރި ދިރިއުޅެއް އުޅެން ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އެއްދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދޭން ނުފެށިވަނީ އެކަމަށް އެކަށީގެންވާ ބަޖެޓު ނެތުމުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ. މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި އެއްދަންފަޅިއަށް ބަދަލު ކުރުން ނޫން ކަމަށާއި ނަމަވެސް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމުގެ ކޮންސެޕްޓުގެ ދަށުން 44 ސްކޫލެއް އެގޮތަށް ފަށައިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ގޮތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ހާމަކުރީ ނިމިދިޔަ ހަފްތާގަ އެވެ. އެ ކޮމިޝަނަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށްޓަކައި، ކަމާ ގުޅޭ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް މި ހިނގަމުންދާ މަޖިލިސް ދައުރަށް ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އޭޖީން ބުނެ އެވެ.
ޕީޕީއެމްގެ ރަސްމީ ވިިސްނުން؛ ޔާމީނަށް ވާދަނުކުރެވޭ ގޮތަށް އިންތިހާބު ބޭއްވިޔަ ނުދިނުން
Comment