ހުލާސާކޮށް އިއްޔެ: ހިތާމަވެރި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވުން

ހުލާސާކޮށް އިއްޔެ: ހިތާމަވެރި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވުން

އިއްޔެއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ އަލިފާނުގެ ހާދިސާ ނިއުޅިގެންދިޔަ ދުވަހެވެ. މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި މި ހާދިސާއާ ގުޅިގެން އިއްޔެ ގިނަ ހަބަރުތަކެއް "އަދަދު" ނޫހުން ގެނެސްދީފައިވާނެ އެވެ.

ފުރަތަމަ ރޯވީ ތިން ބުރީގެ އިމާރާތުގެ އެންމެ ތިރީ ބައިގަ އެވެ. މަތީ ދެ ބުރިއަކީ ބިދޭސީ މަސައްކަތު މީހުން ދިރިއުޅުމަށް ހަދާފައި ހުރި ދެ ބުރި އެވެ. ގާތްގަނޑަކަށް 10 ކޮޓަރީގައި 40 އާ ގާތްކުރާ އަދަދަކަށް މީހުން އުޅުނެވެ.

އިއްޔެ ފުލުހުންގެ އިސް އޮފިޝަލަކު 'އަދަދު' އަށް ވިދާޅުވީ މަރުވި މީހުންގެ ތެރެއިން މިހާތަނަށް އައިޑެންޓިފައި ކުރެވުނީ ނުވަ މީހުން ކަމަށެވެ. އޭގެ ތެރޭގައި، ހިމެނެނީ އިންޑިއާގެ އަށް ރައްޔިތަކާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އަދި މަރުވި މީހުންގެ ތެރެއިން އެކަކު ނިސްބަތްވާ ގައުމު އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ސަލާމަމްކުރި އިތުރު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ބަންގްލަދޭޝް ރައްޔިތަކަށެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ނޫހުން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު މަރުވި މީހުންގެ ތެރޭގައި ތިން އަންހެނަކު ހިމެނެ އެވެ. އަދި އެމީހުންގެ ތެރޭގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭކަން އެނގިފައިވެ އެވެ. މަރުވި އިންޑިއާ މީހުންގެ ތެރޭގައި ޖެނިލް އާއި ސުންދާރީގެ އިތުރުން ވެންކަޓަ ސަޓިޔަނަރަޔަނަ، 48، އެޑްވިން ޖެނިލް، 42، އާއި އޭނާގެ އަނބިމީހާ ސުންދާރީ، 47، އާއި ޕަޑަލަ އެޑުކޮންޑަލު، 43، އާއި މައްލޫލާ ނަނީ ޕަންޑޫ، 25، އާއި ސުޖާތާ (އުމުރު ނޭނގޭ) އާއި ތެންމޮޒީ (އުމުރު ނޭނގޭ) ހިމެނެ އެވެ.

މަރުވި މީހުން އަދި އެތަނުން ސަލާމަތްވި މީހުންނަށް މިހާރު ސަރުކާރާއި ޖަމިއްޔާތަކުން އެހީ ފޯރުކޮށްދެމުންދާއިރު، އެމީހުން ދަންނަ އަދި ގާތް ބައެއް މީހުން ބުނީ އަލިފާނުގެ އަސަރު ކުރި މީހުން ތިބީ ޝޮކެއްގައި ކަމަށެވެ. ބައެއް މީހުންނަށް އަދިވެސް ހާދިސާ އާއި މަންޒަރު ސިފަކޮށްދޭން ނޭނގޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން އިއްޔެ ބުންޏެވެ.

ފަހުގެ ތާރީހެއްގައި އެހާ މަރު ގިނަ އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް، އެ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އިއްޔެ ވިދާޅުވީ ރޯވި އިމާރާތް ހިމެނޭހެން ޖުމުލަ ހަތަރު ގެއަކުން މީހުން ހުސްކުރެވިފައިވާ ކަމަށެވެ.

"ހަތަރު ގެއަކުން 30 ދިވެހިން ވަނީ މާފަންނު ދަނޑުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާއަށް ގެންދެވިފަ، އަދި ބިދޭސީންގެ 28 މީހަކު ގެންދެވިފަ، ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ، އަދި އިންޑިއާ ރައްޔިތުން،" ހިސާން އިއްޔެ ވިދާޅުވި އެވެ.

ހަބަރު ނުވާ ބިދޭސީންގެ މައުލޫމާތު ހޯދަނީ

އިއްޔެ ރެއިން ފެށިގެން ހަބަރު ނުވާ ބިދޭސީންގެ މައުލޫމާތުގެ އިތުރުން ފުލުހުން ވަނީ މ. ނިރުފެހި ގެއާއި، މ. ސޭންޑްރޯޒްގޭގައި ދިރިއުޅޭ މީހުންނާއި، އެގޭގެއަށް ރޭ ގޮސްފައިވަ ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު ވެސް ހޯދަން އެދިފަ އެވެ.

އެ މައުލޫމާތުތައް ހޯދުމަށް ފުލުހުން އެދިފައި ވަނީ، އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި، އަނިޔާވެ، ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމަށެވެ. ނިރުފެހިގެ އަނދާފައިވާއިރު އެގެއިން ނެރުނީ 10 މީހުންގެ ފުރާނަ ނެތް މަސްގަނޑެވެ. އެތަނުގައި އިތުރު މީހަކު ހުރިތޯ ނެތްތޯ އަދި ކަށަވަރުވެފައެއް ނުވެ އެވެ.

އެ ގޭގައި އުޅޭ ބިދޭސީންނާއި، އެގެއަށް ދިޔަ ބިދޭސީންގެ އިތުރުން ރެއިން ފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ގަރާޖުތައް މާލެއިން ބަދަލުކުރަން ރައީސް އެންގެވުން

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި އެވެ. އެތަނުގައި ހުންނަވާ ރައީސް ނޫސްވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ.

"އެހާތަނަށް އައިރުގައި ކެމިކަލް ގުދަންތައް ހުރީ ގޭގޭގެ ތިރީގައާއި ފިހާރަތަކުގެ ތެރޭގައި، އެހެންނަމަވެސް އެ ހާދިސާއާ ގުޅިގެން ވަގުތުން ފިޔަވަޅުތަކެއް އަޅައި މާލެއިން ހުރިހާ ކެމިކަލް ގުދަންތަކެއް ބަދަލުކުރެވުނު،" އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައިގެން ރައީސް އިއްޔެ ވިދާޅުވި އެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން ރަނގަޅަށް މޮނީޓާ ކުރަން ރައީސް ސޯލިހު އެދިވަޑައިގެންނެވީ ހާދިސާ ހިނގި ސަރަހައްދަށް ހެނދުނު ވަޑައިގެންނެވުމަށްފަހު، އެމަނިކުފާނުގެ އޮފީހުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ވީހާ ވެސް ހާމަކަންބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަހުގީގު ކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.

އެ ހާދިސާއާ ގުޅިގެން ހާލުގައިޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދެވުމަށް ރައީސް ވަނީ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފަ އެވެ.

އޭގެ އިތުރުން، މާލޭގައި ހުރި ވޯކްޝޮޕް ގަރާޖު ފަދަ ތަންތަން އަވަސްގޮތެއްގައި އެހެންތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރު ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

އިދިކޮޅުން ގޮވާލީ ހާދިސާ އޮއްބާނުލުމަށް

އިއްޔެ އިދިކޮޅު ކޯލިޝަނުން ބުނީ މީގެ ކުރީގައިވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތަށް ވާހަކަތަކެއް ދެއްކުމަށްފަހު ކަންކަން އޮއްބާލައި ކަމަށެވެ. އެހެންކަމުން އެ އުސޫލު ދޫކޮށްލައި، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

އޭގެ އިތުރުން، ހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް އެ ކޯލިޝަނުން ގޮވާލި އެވެ.

އެއީ ގަރާޖުގައި ރޯވި ތިންވަނަ ފަހަރު

އެ އިމާރާތުގެ ތިރީ ފްލޯގައި ހިންގަމުން ދިޔައީ ގަރާޖެކެވެ. މީގެކުރިން ވެސް އެ ގަރާޖުގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާއިރު އެކަމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ ކޮމާންޑަރު ކާނަލް އިބްރާހިމް ރަޝީދު ވަނީ ދެ ފަހަރެއްގެ މަތިން އެމްއެންޑީއެފަށް ވެސް އެ ރިޕޯޓުތައް ލިބުނުކަން ކަށަވަރުކޮށްދީފަ އެވެ.

"އެ ފަހަރު ވެސް އެ ހާދިސާގައި ވެސް މި ތަނުގައި [ރޭ އަލިފާން ރޯވި ގަރާޖުގައި] ގޭސް ކަޓަރު އެއްޗެހި ބޭނުންކުރުމުގެ އިހުމާލުވެގެން ހިނގާފައި އޮތް ހާދިސާއެއް. މިއަހަރުގެ މެއި މަހު ހިނގާފައި އޮތް ހާދިސާއެއް އެއީ،" ކާނަލް ރަޝީދު އިއްޔެ ވިދާޅުވި އެވެ.

މީގެ އިތުރުން، ތިންވަނަ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ވެސް ބައެއް މީހުންގެ ފަރާތުން ލިބުނު ކަމަށާއި އެހެން ނަމަވެސް އެއީ އެމްއެންޑީއެފަށް ރިޕޯޓުކުރި ހާދިސާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ރޭ ހިނގި ހާދިސާގައި އަލިފާން ރޯވި ސަބަބު ހޯދުމަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ގަރާޖުގައި އެކި ބާވަތުގެ ގޭސް ސިލިންޑަރުތައް ހުރިއިރު، މަތީގައި މީހުން ދިރިއުޅުނު ކޮޓަރިތަކުގައި ކައްކާ ގޭސް ހުރި ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުން އަންނަނީ ވެރިކަމެއް ނޫން ކަމަށާއި ހިންގަމުން އަންނަނީ ވައްކަމާއި ހިޔާނާތް ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކުރެއްވީ އިއްޔެ އެވެ.
  • އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރުވި މައްސަލައިގައި، އޭނާ ހައްޔަރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށް، މޭރީ މެރިކަމުގެ ދައުވަ ލިބޭ ހަލީމަތު ލަމްހާ މީހެއްގެ ކައިރި ބުނި ކަމަށް ޝަރީއަތުގައި ހެކިވެރިއަކު ބުނީ އިއްޔެ އެވެ.
  • ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނުވާތީ ދިރާގު ޓީވީގެ ރީބްރޯޑްކާސްޓިން ލައިސެންސް އާ ނުކޮށްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުން މަޑުޖައްސައިލުމަށް ސިވިލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ރިޔާސީ ދައުރެއް ދިނުމާ ގުޅޭގޮތުން އިއްޔެގެ މަޖިލިސް ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ:

ބަހާއި އަމަލާ ދިމައެއް ނުވޭ، ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ، ބުނާ އެއްޗެއް ހަނދާނެއް ނުހުރޭ، އަމިއްލަ ދުލުން ނިކުންނަ ބަހެއްގެ އިތުބާރެއް ނެތް، ދެން އަޅުގަނޑުމެން ކިހިނެއްތޯ ދެ ވަނަ ދައުރެއް ދޭނީ،

ދުވަހުގެ ފޮޓޯ

މ. ނިރުފެހިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން މަސައްކަތް ކުރަނީ. އެ ހާދިސާގައި 10 މީހުން މަރުވެފައިވާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އިއްޔެ ފަތިހުގެ ވަގުތެއްގައި. ---- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މ. ނިރުފެހިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން މަސައްކަތް ކުރަނީ. އެ ހާދިސާގައި 10 މީހުން މަރުވެފައިވާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އިއްޔެ ފަތިހުގެ ވަގުތެއްގައި. ---- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މ. ނިރުފެހިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން މަސައްކަތް ކުރަނީ. އެ ހާދިސާގައި 10 މީހުން މަރުވެފައިވާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އިއްޔެ ފަތިހުގެ ވަގުތެއްގައި. ---- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox