"ފުކެއް ވެސް ދޫނުކުރާނެ، ލިބޭ އެންމެ ބޮޑު ސަރަހައްދެއް ހޯދާނަން"

Nov 8, 2022, 5:43 PM
މިރޭގެ ޕްރެސް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ޕްރެސް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމުގައި ވަކާލާތު ކުރަމުން ގެންދާނެ ކަމަށާއި، "ފުކެއް ވެސް ދޫނުކުރައްވާނެ" ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗާގޯސްގެ މައްސަލައާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ މައްސަލައިގައި މި ސަރުކާރުގެ ސިޔާސަތު އެއްގޮތަށް ވެސް ބަދަލު ނުކުރާ ކަމަށެވެ.

ޗާގޯސްގެ އިލްކުވެރިކަމުގެ މައްސަލައިގައި 2019 ވަނަ އަހަރު އދ. ގައި ކުރިއަށް ގެންދިޔަ ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނީ ކީއްވެގެންކަން އދ. ގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެ ގޮތަށް ވޯޓު ލީ ޗާގޯސްގެ މިނިވަންކަން ގަބޫލު ނުކުރާތީ ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ ގަރަރާ ދެކޮޅަށް ދިން ވޯޓު ބިނާވެފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ހުށަހަޅާފައިވާ ކޮންޓިނެންޓަލް ޝެލްފުގެ މައްސަލައިގައި މޮރިޝަސްއިން އިދިކޮޅު ހަދާފައި އޮތުމުންނެވެ.

މޮރިޝަސް ސަރުކާރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅަކީ ޗާގޯސްގެ މައްސަލައިގައި ސިޔާސަތު ބަދަލުވުން ކަމަށް ބުނެ ވާހަކަ ދައްކަނީ، ހަގީގަތް އޮޅުވާލަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އަލުން މިފަދަ ގަރާރެއް އދ. ގެ މަޖިލީހަށް ހުށަހަޅައިފި ނަމަ އެ ގަރާރާ ދެކޮޅު ނުހައްދަވާނެ ކަމަށް. އެއީ އިސްތިއުމާރީ ބާރުތަކުން މިނިވަންކުރަން ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާތީ،" އޭނާ ވިދާޅުވި އެވެ.

ކަނޑުގެ އިމުގެ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވަނީ ދެ ފަރާތަށް ހަމަހަމަ ވާގޮތަށްކަން، އދ. އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ފާހަގަ ކުރެއްވިއިރު، ރާއްޖޭން ކަނޑައަޅާފައިވާ ސަރަހައްދުތައް ހޯދުމުގައި ދެމި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖެ އަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބޭ އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ދިވެހިރާއްޖޭން ރާއްޖޭން ވަކާލާތުކުރުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

ޗާގޯސްގެ މައްސަލައިގައި ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ބައެއް ކަންކަން ޝާހިދު ހިއްސާކުރެއްވެވި އެވެ. އެގޮތުން ޗާގޯސްގައި މިލްޓަރީ ބޭސްއެއް އޮތުމުން ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބެންޖެހޭ ސަރަހައްދު ބޮޑުވާން ޖެހޭނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ގަބޫލުކޮށް އެކަމަށް ސްޓްރެޓެޖީއެއް ކަނޑައެޅުމަށް 1998 ވަނަ އަހަރު ބާންޑާރަ ނައިބުގެ އޮފީހާ ހަވާލު ކުރި އެވެ.

އެއަށް ފަހު 2004 ގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ބުނެފައި ވަނީ ކުރިން ހަވާލުކުރި ސްޓްރެޓެޖީ ނިންމައި ލިބިފައި ނުވާ ކަމަށެވެ. އޭގެ ފަހުން ވެސް އެފަދަ ކަރުދާހެއް ނިންމާފައި އޮތްކަން ލިޔެކިޔުމުން ފެންނަން ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޗާގޯސް މައްސަލައިގައި ކުރީގެ ރައީސުން ފާޑުވިދާޅުވެފައި ވާއިރު، ޝާހިދު ވިދާޅުވީ އެ މައްސަލައާ ގުޅޭ ސްޓްރެޓެޖީ ކުރިއަށް ގެންދިޔަ ނަމަ މިއަދު މި ވާހަކަ ދައްކަން ނުވެސް ޖެހޭނެ ކަމަށެވެ.

ޗާގޯސް މައްސަލައިގައި ކުރީގެ ވެރިކަންތަކުގައި ކޮށްފައިވާ ކަންކަމާއި މުއާމަލާތްތަކުގެ ލިޔުންތައް އެބަ ހުރި ކަމަށާއި ކުރީގެ ރައީސުން މި މައްސަލައިގައި ވާހަކަ ދައްކަވަނީ އެ ލިޔުންތައް ހުރިކަން، ނުވަތަ ކުރެވިފައި ހުރި ކަންކަން ހަނދުމަފުޅުން ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިން ވަކިކުރުމުގެ މައްސަލައިގައި ވެސް، ވޯޓުލުމުގެ މައްސަލައިގައި ވެސް، ރާއްޖޭގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ހިންގުމުގެ މައްސަލައިގައި ވެސް މިއަދުގެ ސަރުކާރުން އެއްވެސް ކަމެއް ބަދަލުކޮށްފައެއް ނެތް. ގާނޫނު އަސާސީ ލާޒިމުކުރާ ގޮތަށް ރާއްޖޭގެ ސަރަހައްދު ދިފާއު ކުރުމުގައި މި ސަރުކާރު އަބަދުމެ އަމަލު ރައްވާނެ. ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކަށް ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމުގައި މިއަދުގެ ސަރުކާރުން ވަކާލާތު ކުރަމުން ގެންދަވާ. ކޮންޓިނެންޓަލް ޝެލްފުގެ މައްސަލައިގައި ދިވެހިރާއްޖެއިން ފުކެއް ވެސް ދޫނުކުރައްވާނެ،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭން އެންމެ ވެލި ފުކެއް ވެސް މި ސަރުކާރުން ދޫކޮށްނުލާނެ ކަމަށް ވިދާޅުވެ، ޝާހިދުގެ ބަހުގެ ހަމަލާތައް ދޫކޮށްލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

ރާއްޖޭގެ އަތޮޅުތައް ވަކިވަކިން ވިއްކާލަން ނިންމެވީ ޔާމީން ކަމަށާއި، ނަމަވެސް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފު ހިމާޔަތްކޮށް ދޭނީ ރައީސް ސޯލިހުގެ ޒައާމަތުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިހެން ވިދާޅުވުމުގެ ކުރިން ވެސް ޔާމީނަށް ހަމަލާއެއް ދޫކޮށްލެއްވި އެވެ. އދ. ގައި 2017 ވަނަ އަހަރު ޗާގޯސްއާ ގުޅޭ ގޮތުން ނެގި ވޯޓުގައި ދެކޮޅަށް ވޯޓު ދިނުމަށް ފަހު އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށާއި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުންވާނަމަ، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި އެ މައްސަލަ ކުރިއަށް ދިޔައިރު ތަދައްހުލު ވީސް ކަމަށެވެ.

"އެ ގަރާރާ އިދިކޮޅަށް ވޯޓު ލާފައި އޭރު ދިވެހި ސަރުކާރުން، އެ ސަރުކާރުގެ ރައީސް އެ ދައްކަވާ ވާހަކަފުޅަކީ ހިތުގެ އަޑިން ދައްކަވާ ވާހަކައެއް ނަމަ އެ ފުރުސަތު ނަގައެއް ނުލައްވާނެ،" ޝާހިދު ވިދާޅުވި އެވެ.

ޖާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްތޯ ބަލާއިރު އެންމެ ދުވަސްވީ ލިޔުމަކަށް އޮތީ ހަސަން ނުވަ ވަނަ ރަސްގެފާނުގެ ލިޔުމެއް ކަމަށާއި އޭނާ އަކީ މާތްވެގެންވާ އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން ހިޔާރުކޮށް ގޯވާގައި ހުރެ ދިވެހި ދައުލަތާ ދެކޮޅަށް ޕޯޗުގޯޒުން ފޮނުވައި ދިވެހިން ކްރިސްޓިއަން ދީނަށް ވައްދަން އުޅުއްވި ބޭފުޅެއް ކަމަށެވެ. އެ ރަސްގެފާނު އެ ވާހަކަތައް ދެއްކެވީ އަޅުވެތިކަމުގެ ތެރެއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox