ކަނޑުގެ ސަރަހައްދުން ބައެއް ދޫނުކުރަންވީ ގަވާއިދާ ހިލާފު މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް: ނަޝީދު

ކަނޑުގެ ސަރަހައްދުން ބައެއް ދޫނުކުރަންވީ ގަވާއިދާ ހިލާފު މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް: ނަޝީދު

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މިހާރު ބައިނަލްއަގްވާމީ ކަނޑުތަކުގެ ޓްރައިބިއުނަލްގައި ހިނގަމުންދާ އިމުގެ މައްސަލާގައި ރާއްޖޭން އެއްވެސް ސަރަހައްދެއް ދޫކޮށްލުމަށް އެއްބަސްވުން ވެގެންދާނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ދެވޭނެ ފުރުސަތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗާގޯސް ޖަޒީރާގައި މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ދާދި ފަހުން ފޮނުއްވި ސިޓީއަކާ އެކު އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެއީ، އެގޮތަށް ރާއްޖޭން އެއްބަސްވުމާ އެކު ކަނޑުތަކުގެ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލަ ރާއްޖެއާ ދެކޮޅަށް ނިމުމުގެ ފުރުސަތު އޮތުމުންނެވެ. ނަމަވެސް، ސަރުކާރުން ވަނީ އެއްވެސް ބައެއް ދޫކޮށްލުމަށް އެއްބަސްފައިނުވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހާ ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް ބުނެ މަޖިލީހުން މިއަދު ބަޔާނެއް ވެސް ވަނީ ނެރެފަ އެވެ. ނަޝީދު ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަންނަވައި ފޯޅަވައްސަކީ ރާއްޖޭގެ ސިޔާދަތީ ބާރު އޮންނަން ޖެހޭ ތަނެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން މިއަދު ނެރުއްވި ބަޔާނެއްގައި ނަޝީދު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން ވެގެންދާނީ މަސްވެރިކަމަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގަ އެވެ.

"އިންޑިއާ ކަނޑުގައި މަހުގެ ސްޓޮކު ހުރި މިންވަރު ކަންބޮޑުވާން ޖެހޭ މިންވަރަށް ވެއްޓިފައި މިވަނީ ގައުމުތަކުން ދާ އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ދެމުން ދާތީ. އިންޑަސްޓްރިއަލް މަސްވެރިކަން މަނާކޮށްފައި އޮތް އިންޑިއާ ކަނޑުގެ ހަމައެކަނި ސަރަހައްދުތަކަކީ ރާއްޖެ އާއި ޗާގޯސްގެ ސަރަހައްދު،" އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އަދި، ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ގޮތަށް ކަން ނަޝީދު ތަކުރާރު ކުރެއްވި އެވެ.

ޗާގޯސްގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވެ ނަޝީދު ވަނީ އެ ސަރަހައްދު ދާއިމީ ގޮތެއްގައި ބެލެހެއްޓުމަށް ރާވަން ޖެހޭ އިންތިޒާމުތައް ރޭވުމަށް ރާއްޖޭގެ ސަރުކާރާ އެކު އިނގިރޭސި ސަރުކާރުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، މޮރިޝަސް ސަރުކާރާ ޗާގޯސް ހަވާލުކުރުމުގެ ކަންކަން ނިމެން ދެން ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ރާއްޖެ ހިމެނޭހެން އިންޑިއާ، މޮރިޝަސް، ލަންކާ އަދި ސީޝެލްސްއިން އެއްބަސްވުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ސަރަހަދެއް ދޫކޮށްލުން ވެގެންދާނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ދެވޭ ފުރުސަތަކަށް،" ނަޝީދުގެ ކަންބޮޑުވުން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.

ނަމަވެސް، އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox