Advertisement

ނިމިދިޔަ ހަފްތާ: މ. އަތޮޅު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ރައީސަށް

3 ސެޕްޓެންބަރު 2022 - 09:10 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ނިމިދިޔަ ހަފްތާ: މ. އަތޮޅު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ރައީސަށް

3 ސެޕްޓެންބަރު 2022 - 09:10 0

މ. އަތޮޅަށް މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި މ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެން ރައްޔިތުންނާ އަދި ކައުންސިލްތަކާ އެމަނިކުފާނު ބައްދަލުކުރެއްވި އެވެ. އަދި، ބައެއް ރަށްރަށުގައި ނިމުނު މަޝްރޫއުތައް އިފްތިތާހުވެސް ކޮށްދެއްވި އެވެ.

ހަމައެހެންމެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ކުރި މައްޗަށް ގެންނަ ކުރެހުންތަކާއި ޕްލޭންތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާ، ކަންކަން ކުރާނީ ކޮން ބައެއްތޯ ފުންކޮށް ވިސްނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މ. ދިއްގަރުގައި މިދިޔަ ހަފްތާގައި ވާހަކަ ދައްކަވަމުން އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތީ ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރާނެ އަހަރެއް ކަމަށާއި ތަފާތު ވިސްނުމާއި ފިކުރުގެ މީހުން އެކި ޕްލޭންތަކާއި ކުރެހުންތައް ހިފައިގެން ރައްޔިތުން ކުރިމައްޗަށް އަންނާނެ ކަމަށެވެ. ނަމަވެސް, ގޮތް ނިންމާއިރު ވަރަށް ފުންކޮށް ވިސްނުމަށްފަހު އެ ޕްލޭންތަކަށް އަމަލުކުރާނެ ބަޔަކު އިންތިހާބު ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތަށް ހުރަސް އަޅައި ހިނގި ހަމަނުޖެހުންތައް ބެލުމަށް އެކުލަވާލި ވަޒީރުންގެ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވާ ގޮތަށް ދީނީ ހިލާފުތަކާ މެދު އަމަލު ކުރާނެ ސިޔާސަތެއް އެކުލަވާލަން ސަރުކާރުން ނިންމީ ނިމިދިޔަ ހަފްތާގަ އެވެ. ސަބް ކޮމެޓީގެ އެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ހިމަނާފައިވެ އެވެ. އެ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅާފައިވެ އެވެ.

މަތީ ތައުލީމަށް ފަހިކޮށްދޭން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފެށި ހިލޭ ޑިގްރީ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު 15،000 އަށް އަރައިފި ކަމަށް ސަރުކާރުން ހާމަކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. ހިލޭ ޑިގްރީ ސްކީމުގައި 15،000 ދަރިވަރުން ބައިވެރިވުމާ ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން ދަނީ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަބްދުﷲ އަލީ މަނިކާއި މުހައްމަދު ތަސްލީމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް ސިއްރިއްޔާތުގައި ނެގޭނެ ގޮތް ހަމަނުޖެހިގެން އެންމެ ފަހުން ހެކިބަސް ނުނަގައި އަޑުއެހުން ނިންމާލަން ޖެހުނީ ވެސް މިދިޔަ ހަފްތާގަ އެވެ. ދޮޅު ގަޑިއިރެއްހާއިރު މަސައްކަތް ކުރުމަށް ފަހު، އެ ކަން ހަމަނުޖެހުން ޝަރީއަތް ދެން އެެހެން ދުވަހަކަށް ފަސްކުރަން ނިންމާފައިވާ ކަން ކޯޓުގެ އިދާރާއިން އަޑުއެހުމަށް ހާޒިރުވެ ތިބި މީހުނަށް އެންގި އެވެ.

ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި ތައުބާވުމުން އަދަބު ކުޑަކުރުމަށްފަހު ޖަލު ހުކުމެއް އިއްވީ މިދިޔަ ހަފްތާގަ އެވެ. އަލަމްގީރްގެ އިއުތިރާފާއި ތައުބާއަށް ރިއާޔަތްކުރުމަށްފަހު އަދަބު ލުއި ކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އިއްވެވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަވަސް ނިޔާގައި މައްސަލަ އެއް ހަފުތާގެ ތެރޭ ކުރިމިނަލް ކޯޓުން މި ނިންމީ, އިއުތިރާފުވާ މައްސަލަތަކުގައި އެގޮތަށް އަމަލުކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި، އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޗެކު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައެޅީ ވެސް މިދިޔަ ހަފްތާގަ އެވެ. އެންމެ ފުރަތަމަ ތަންފީޒުކުރެވޭ ނިންމުމަކީ ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި ބަޔާނުގައި ބުންޏެވެ.

އެންމެ ފަހުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ކަނޑައަޅާފައިވާ ރޭޓުތަކުގައި އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސް ނަގާ ގޮތަށް ޓޫރިޒަމް ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގަ މަޖިލިހަށް ބިލު ވެއްދީ މިދިޔަ ހަފްތާގަ އެވެ. ސަރުކާރުން ގާނޫނު އިސްލާހުކުރަން ހުށަހަޅަނީ، މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ބަޔާންކުރާ ރޭޓުތަކުގައި އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ނަގާ ގޮތަށެވެ. އެހާތަނަށް ޓެކްސް ނަގާނީ ކުރިން ޓެކްސް ނަގަމުން އައި ރޭޓުތަކުގައި، ރިސޯޓުތަކާއި ސަފާރީތަކާއި ހޮޓާތަކުން ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ރެއަކަށް ހަ ޑޮލަރު މަގުން އަދި ގެސްޓްހައުސްތަކުން ތިން ޑޮލަރު މަގުންނެވެ.

އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރު ކުރީ ދޫކޮށްލާފައި އޮތް ދަބަހެއްގެ ތެރޭގައި އިން ގަމީހެއްގައި ބަޓަން ކެމެރާއެއް އޮތުމުން އެ މައްސަލައިގައި ކަމަށް ފުލުހުން ހާމަކުރީ ވެސް މިިދިޔަ ހަފްތާގަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ދެ ބިދޭސީންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ. އެއީ، ކޮން ގައުމެއްގެ ބަޔެއް ކަމަށް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ ރައްޔިތުންނަށް ފަރުވާ ލިބޭނެ ގޮތް ފަސޭހަ ކޮށްދިނުމަށް، އެ ފަރުވާ އާސަންދައިގެ ނިޒާމުގެ ތެރޭގައި ހިމެނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ގަލޮޅު ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވާ ގޮތުގައި މި މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވައިދުން ހޯދަން ޖެހޭ ބައެއް ބޭސްތައް ރާއްޖޭން ހޯދުމަށް ތަފާތު އުނދަގޫތައް ކުރިމަތިވާ ކަން އެ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވެމްކޯގެ އެމްޑީއަކަށް ސިރާޖު ހަމަޖެއްސުން
  • ފްލައިޓް ޓިކެޓު އަގު ބޮޑު ކުރި ވާހަކަ އައިލެންޑް އޭވިއޭޝަނުން ދޮގުކުރުން
  • މަޝްހޫރު އެކްޓަރު ފައުޒިއްޔާ ނިޔާވުން
  • މާލޭގެ ސްކޫލުތަކަށް 1،500 ދަރިވަރުން ބަދަލުވުން
  • މަސްދޯނިތައް ލައިސެންސް ނަގަންޖެހޭ ގޮތް ހެދުން
  • ނަޝީދާއި ޝާހިދު، އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރެއްވުން
  • އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބަށް 1.1 މިލިއަން ރުފިޔާ ދޭން ހުކުމްކުރުން
  • ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނެގުން

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  • ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތިން އަތޮޅުގައި މިހާރު ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ސްޕީޑު ފެރީގެ ހިދުމަތާ އެކު އެ އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހަތަކާއި ހަރަދު ކުޑަވެގެންދިޔަ މިންވަރު ނާޒިމް ހަސަންގެ މި ރިޕޯޓުގައި ވަނީ ގެނެސްދީފަ އެވެ.
  • ރާއްޖޭގައި 2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ޕެންޝަނުގެ ނިޒާމުގައި ހުރި ބާގަނޑުތަކެއްގެ ތެރެއިން ބައެއް އޮފީސްތަކުން ޑަބަލް ޕެންޝަން ދެމުންދާ ކަމާއި އަދި އެކަމުގެ ސަބަބުން ދައުލަތުން މާލީ ބޮޑު ބުރައެއް އުފުލަން ޖެހިފައިވާކަން މުހައްމަދު ވިޝާމްގެ މި ރިޕޯޓުން އެނގެ އެވެ.
  • މި ރިޕޯޓުގައި ހަސަން މުހައްމަދު ވަނީ ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް އުފެދިފައިވާ ދީނީ ހިލާފުތަކާއި އެކަންކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެފަދަ ހިލާފުތައް އެއްގޮތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އިލްމުވެރިންގެ ބަހާއެކު މައުލޫމާތުތައް ގެނެސްދީފަ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"ސިޓުއޭޝަނަލް އެނަލިސިސް އޮފް ދަ ޕާތުވޭސް ޓު ސޯޝަލް ރީއިންޓެގްރޭޝަން ފޯ އޮފެންޑާސް އެންޑް ޑްރަގް ޑިޕެންޑަންޓު ޕާސަންސް އިން ދަ މޯލްޑިވްސް 2022"

މިއީ ރާއްޖޭގައި ކުށްކުރާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމައުއަށް އަލުން އެނބުރި އައުމަށް ހުރި މަގުތަކާއި އަދި އެފަދަ މީހުން މުޖުތަމައުއިން އަލުން ބަލައިގަތުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ދައުލަތުގެ ކަމާގުޅޭ އިދާރާތަކާ އެކު ހަދާފައިވާ ދިރާސާއެކެވެ.