ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް ސަރުކާރުން ތަރައްގީކުރާނެ ކަމަށް ބުނެފައިވާ ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން ބައެއް ރިސޯޓުތަކުގެ މަސައްކަތް މި މަހު ފަށަން ސަރުކާރު ނުކުޅެދިއްޖެ އެވެ.
ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް މި މަހުގެ ތެރޭގައި ފަށްޓަވާނެކަމަށް މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރު 7، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ދުވަހު މުއިއްޒު ވިދާޅުވީ 10 ރިސޯޓު ތަރައްގީކުރަން ބޭނުންވާ ތަންތަން ސެޕްޓެމްބަރު 11، ގެ ކުރިން ނިމޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު 10 ރިސޯޓު ގާއިމުކުރުމަށް މާލެ އަތޮޅާއި އެކި އަތޮޅުތަކުން ބިންތަކާއި ފަޅުތަކާއި ރަށްތައް ކަނޑައަޅާ ނިމި، މި ހަފުތާ ތެރޭގައި ނިމި، ދެން އަޅުގަނޑުމެން އޭގެ ދެން ހުރި މަސައްކަތްތަކަށް ގޮސް، އިރާދަކުރެއްވިއްޔާ ހަމަ އުއްމީދަކީ ހަމަ ނޮވެމްބަރު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މީގެ ބައެއް މަޝްރޫއުތައް ފެށިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، މި މަސް ނިމެން އެންމެ ދުވަހަކަށްވެފައިވާއިރު، ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ ތެރެއިން އެއްވެސް ރިސޯޓެއްގެ އަމަލީ މަސައްކަތެއް މިހައިތަނަށް ނުފަށަ އެވެ. އަދި، ރިސޯޓުތައް ތަރައްގީ ކުރަން ނިންމާފައިވާ ތަންތަނާއި އެ ރިސޯޓުތައް ތަރައްގީ ކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް އަދި، އެކަމަށް ހަރަދު ކުރާނެ ގޮތެއް ނުވަތަ ފައިސާ ހޯދާނެ ގޮތެއް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ އަމަލީ މަސައްކަތް ނުފެށި ނަމަވެސް، އެ މަސައްކަތް ކުރުމަށް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ވަނީ "ދިވެހީންގެ ރިސޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި މި މަހު ކުންފުންޏެއް އުފައްދަވައިފަ އެވެ. އެކަމަކު، އެ ކުންފުނީގެ ބޯޑަށް ވެސް އަދި، ކުންފުނި ހިންގުމަށް ވެސް އެއްވެސް ބޭފުޅަކު ސަރުކާރުން މިހައިތަނަށް އަައްޔަނުކޮށްފައެއް ނުވެ އެވެ. އަދި، އެ ކުންފުންޏަށް އެއްވެސް މުވައްޒަފަކު ވެސް މިހައިތަނަށް ނަގައިފައެއް ނުވެ އެވެ.
ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށާނެ: މުއިއްޒު
ހުރިހާ ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓު ތަރައްގީކުރަން ބޭނުންވާ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާއިރު، ތިން އަހަރު ދުވަހުގެ ތެރޭގައި މި ރިސޯޓުތަކުގެ މަސައްކަތް އެއްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.
ދިވެހިން ހިއްސާވާ ރިސޯޓުތަކަކީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު އިއުލާންކުރެއްވި ކަމެކެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ 10 ރިސޯޓެއް ތަރައްގީކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޭރު ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.
"މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ދޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން،" ފެބްރުއަރީ 5، ގައި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެ ދުވަހު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ތަރައްގީ ކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ގާނޫނަކުން ހުރިހާ ރައްޔިތުންނަށް ވެސް ބައްސަވާނެ ކަމަށެވެ.
"އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި ހަމަހަމަކަމާއެކު ގާނޫނަކުން ކަނޑައަޅައި ހަމަޖައްސާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
"މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ދިވެހި ރައްޔިތެއްގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް، ހަމަހަމަކަމާއެކު، އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތުންވެ، ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ،" މުއިއްޒު ވިދާޅުވި އެވެ.
ރިސޯޓުތަކެއް ތަރައްގީކޮށް، ރައްޔިތުންނަށް ހިއްސާ ބަހައި، ޑޮލަރުން ފައިސާ ބަހަން މުއިއްޒު ވައުދުވެވަޑައިގެންފި
"އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް. ހިސާބު ހަދާލާއިރު އެވްރެޖްކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ."
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ރިސޯޓުތައް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިސާ ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާވާން ފަށާނެ ކަމަށެވެ.
"އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް. ހިސާބު ހަދާލާއިރު އެވްރެޖްކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. "މިކަން ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ހަލުވިކަމާއެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން."
ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމުގައި ރިސޯޓު ލައިފުން އަންދާޒާ ކުރާ ގޮތުގައި، 100 އެނދުގެ ޕްރީމިއަމް ނުވަތަ ހަތަރު ތަރީގެ ރިސޯޓެއް ތަރައްގީކުރަން މަދުވެގެން 40 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. މިހެންކަމުން މި ރޭންޖުގެ 10 ރިސޯޓު ތަރައްގީކުރަން މަދުވެގެން 400 މިލިއަން ޑޮލަރު ބޭނުން ވާނެ އެވެ.








