ހއ. ވަށަވަރުގެ އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވަން މިއަދު ބޭއްވި ބައި-އިލެކްޝަނުން ވެރިކަން ކުރާ ޕީއެންސީ ބަލިވުމުން، ސަރުކާރުން ވަޒީފާ ދީފައި ތިބި ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ މެންބަރުންތަކެއް މަގާމުން ވަކިކޮށްފި އެވެ.
އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.
ވަށަފަރަކީ މުއިއްޒުގެ ބައްޕާފުޅު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. ވަށަވަރު ޑަބްލިއުޑީސީ ގޮނޑި ގެއްލުމާއެކު ހަމަ މިއަދުގެ ވަގުތެއްގައި މުއިއްޒު ވަނީ ވަށަފަރަށް ނިސްބަތްވާ މުއިއްޒުގެ އާއިލީ މެންބަރުން ސަރުކާރުގެ ވަޒީފާތަކުން ވަކި ކުރިކަން އަންގައި ސިޓީ ފޮނުވަމުންނެވެ.
އެގޮތުން، ނައިބު ރައީސްގެ ރެސިޑެންސްގެ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދު އާއި ރައީސްގެ ރަސްމީ ގެ މުލީއާގޭގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމް އާއި އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ހަނީފް ވަނީ މިއަދު ވަޒީފާއިން ވަކިކޮށްފަ އެވެ.
ވޯޓު ފޮށިތަކުގެ ތަފްސީލީ ނަތީޖާއަށް ބަލާއިރު، ވަށަފަރުގައި ބެހެއްޓި ފޮށިން ރިޝްމާ އާދަމްއަށް 126 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 124 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮށިން ރިޝްމާ އާދަމް 107 ވޯޓު ހޯއްދެވިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 66 ވޯޓެވެ.
މީގެ އިތުރުން ހުޅުމާލޭގައި ބެހެއްޓި ފޮށިން ރިޝްމާ އާދަމްއަށް 45 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 31 ވޯޓެވެ.
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ކުރިއަށްގެންދިޔަ ބައި-އިލެކްޝަނުންވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ސުޖާއު އަލީ ވަނީ ޕީއެންސީ ކެންޑިޑޭޓުގެ ކައިރިން ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.









