އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް "ބޮޑު ބަދަލު" ޓީމުގެ ކެންޑިޑޭޓުންނަށް ލިބުމަކީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި އެ ޓީމަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މި އިންތިހާބުގެ ނަތީޖާއާއެކު ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކަމަށެވެ.
"މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއް. ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް. އިރާދުކުރެއްވިއްޔާ އެމްޑީޕީ އެކުގައި ނުކުމެ އަޅުގަނޑުމެން މި ގައުމަށް އަނެއްކާވެސް ހެޔޮ ބޮޑުބަދަލެއް ގެންނާނަން،" ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން ފައްޔާޒް ވަނީ, އިއްޔެގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ހޫނު މަރުހަބާއެއް ދަންނަވައި، ނާކާމިޔާބުވި ކެންޑިޑޭޓުން ކުރެއްވި މަސައްކަތަށްވެސް ސާބަސް ދެއްވައި, އިންތިހާބުގެ ކަންކަން އިންތިޒާމުކުރި ޕާޓީގެ ސެކްރެޓޭރިއަޓަށާއި މުޅި އެމްޑީޕީން ކުރި މަސައްކަތް ފާހަގަކުރައްވާފައިވެ އެވެ.
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ބީދައަށް ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި "ބޮޑު ބަދަލު" ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް ހުށަހެޅި އެންމެ ބޮޑު ބަދަލަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ.
އެގޮތުން ގާނޫނުއަސާސީގައި އެކަށައަޅާފައިވާ މައިގަނޑު އުސޫލުތައް ރައްކާތެރި ކުރުމަށާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުގެ ބާރު ނުހިންގޭނެ ގޮތަށް ނިޒާމު ބަދަލު ކުރުން ވެސް "ބޮޑު ބަދަލު" ގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލުކޮށް, އަދި ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރެވޭނެ ގޮތެއް ހަދައި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭނެ މަގު ފަހި ކުރުން ވެސް އެ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.








