"އިންސާނިއްޔަތަށްޓަކައި" ކަމަށް ބުނެ ދައުލަތުގެ ބަޖެޓުން އިލްޔާސް އިބްރާހިމްއަށް ދެމިލިއަން ހަތް ލައްކަ ރުފިޔާގެ ހިލޭ އެހީއެއް

އިލްޔާސް އާއި މުއިއްޒު

އިލްޔާސް އާއި މުއިއްޒު

ދިވެހިރާއްޖޭގެ އެންމެ މުއްސަނދި އަދި އެންމެ ބިން ގިނަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމް އަށް ދޮޅުލައްކަ ސިންގަޕޫރު ޑޮލަރު (116,265 ޑޮލަރު) ގެ ބޮޑު އެހީއެއް ސަރުކާރުން ދީފި އެވެ. މިއީ މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާއިރު، ދެމިލިއަން ހަތްލައްކަ ފަސްދޮޅަސް އެއްހާސް ދުއިސައްތަ ނުވަދިހަ ތިން (2,761,293) ރުފިޔާ އެވެ. 

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން ވަޒީރުކަމުގެ މަގާމުގައި އަދި މަޖިލިސް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިލްޔާސް، 81، އޮޕަރޭޝަނެއް ކުރައްވަންވެގެން އޭނާއަށް ފައިސާގެ އެހީ ދޭން ފިނޭންސް މިނިސްޓްރީއަށް އަންގާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. 

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް އެޑްރެސްކޮށް މި ހިނގާ ނޮވެމްބަރު 19، ގައި ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން އިލްޔާސްއަށް ފައިސާގެ ބޮޑު އެހީއެއް ދިނުމަށް އެންގީ ސީދާ ރައީސް މުހައްމަދު މުއިއްޒެވެ. 

"އެމަނިކުފާނަށް ސީރިއަސް ސިއްހީ ހާލަތެއް މެދުވެރިވެ، އެހީތެރިކަމަށް އެދިވަޑައިގެންފައިވާތީ، އިންސާނިއްޔަތުކަމުގެ ގޮތުން ހަމަޖައްސަވާ އިނާޔަތެއްގެ ގޮތުގައި އެމަނިކުފާނުގެ އޮޕަރޭޝަނަށް ހަރަދުވާ 150،000 ސިންގަޕޯ ޑޮލަރު ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ހާއްސަ އެހީއެއްގެ ގޮތުގައި ހަމަޖައްސައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" އެ ސިޓީގައި ބުނެފައިވެ އެވެ. 

މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ "ގާނޫނުން އުފެދޭ ޒިންމާއެއްގެ ދަށުން ހޭދަކުރަންޖެހޭ ފައިސާއަކަށް ނުވާ ގޮތަށް ނުވަތަ ގާނޫނީ އިލްތިޒާމެއް އުފުލުމުގެ ގޮތުން އަދާކުރަންޖެހޭ ފައިސާއަކަށް ނުވާ ގޮތަށް، ހާއްސަ އެހީގެ ގޮތުގައި ދައުލަތުގެ ފައިސާއިން މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެހީއެއް ދެވިދާނެ" ކަމަށެވެ.

އިލްޔާސްގެ މިލްކިއްޔާތުގައި މާލޭގެ ގިނަ އަދަދެއްގެ ބިންތައް ހިމެނޭ ކަމަށް މަސްދަރުތަކުން ބުނެ އެވެ. އޭގެ ތެރޭގައި ސީޓްރެކް ބިލްޑިންގު، އަލިދޫގެ އަދި އަލިވާގެ ހިމެނެ އެވެ. އަލިދޫގެއަކީ އެތައް މިލިއަން ރުފިޔާއެއް މަހަކު ޖެނެރޭޓު ކުރާ 7000 އަކަފޫޓުގެ ބޮޑު ބިމެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް އިލްޔާސްގެ ނަމުގައި ބިން އޮންނަ ކަމަށްވެ އެވެ. އޭގެ ތެރޭގައި ލާމު އަތޮޅުގައި އޮންނަ ބޮޑު ބިމެއް ވެސް ހިމެނޭކަން އެނގިފައިވެ އެވެ. 

ބޭރު ފައިސާއިން އިލްޔާސްއަށް ބޮޑު އެހީއެއް ދިނުމަށް ސަރުކާރުން ނިންމިއިރު، ދިވެހިރާއްޖޭގައި ޑޮލަރުގެ ދަތިކަން މިވަގުތު ވަރަށް ބޮޑެވެ. ޑޮލަރެއްގެ އަގު މިވަގުތު އުޅެނީ 23 ރުފިޔާއިން މަތީގަ އެވެ. އަދި ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސް އެންމެ އަސާސީ ބޭސް ހޯދުން ވެސް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށްވެފަ އެވެ. 

އެ ސިޓީގެ ސައްހަކަން އަދަދު އިން ވާނީ ދެ މަސްދަރަކުން ކަށަވަރުކޮށްފަ އެވެ. ނަމަވެސް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޖަވާބެއް ނުދެއްވާތީ ރައީސް އޮފީހުގެ ރަސްމީ ކޮމެންޓެއް މި ހަބަރަކަށް ނުލިބުނެވެ. 

އިލްޔާސް ވަނީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ހެލްތު މިނިސްޓަރުކަމުގެ މަގާމާއި ހޯމް މިނިސްޓަރުގެ މަގާމް އަދާކުރައްވައިފަ އެވެ. އެސްޓީއޯ އާއި އެއާޕޯޓްސް ކޮމްޕެނީ ހިންގުމާ ވެސް އޭނާ ހަވާލުވެވަޑައިގެން ހުންނެވި އެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރަށް އަދި 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox