ތ. ވޭމަންޑޫ އާއި ކިނބިދޫ ގުޅާލުމަށް އަޅާ ކޯޒުވޭގެ މަސައްކަތް ބިލާހަކަށް ވިޔަނުދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮއްވައި، އެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިންމޭނެ ކަމުގެ ޔަގީންކަމެއް ދެވެން ނެތް ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ކިނބިދޫ-ވޭމަންޑޫ ކޯޒުވޭއަކީ ވަރަށް ދިގު އަދި ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން ސަރުކާރު ފެށުނީއްސުރެ މަސައްކަތް ކުރީ، އެ ދެ ރަށުގެ ދެމެދުގައި އޮންނަ ފަޅުރަށެއް އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ދީގެން އެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ދެ ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަމަށް މުއްތަލިބު ފާހަގަކުރެއްވި އެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުންދަނީ ވީހާ ވެސް ހަރަދު ކުޑަ ގޮތަކަށް އެ ކޯޒުވޭ ޑިޒައިން ކުރެވޭތޯ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހަގީގަތުގައި މި ދަންނަވާ ގޮތަށް ދައުލަތުގެ ބަޖެޓުން އެއްފަހަރާ މިވަރުގެ ބޮޑު ޕްރޮޖެކްޓަކަށް ހަރަދުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެންކަމަށް ވެއްޖެއްޔާ އެހެން މުހިންމު ބައެއް ޕްރޮޖެކްޓުތައް ޖެހޭނީ މަޑުޖައްސައިލަން. އެހެންވީމާ އަޅުގަނޑުމެންނަށް މިހާރު ޓާގެޓު މި ކުރަނީ އިރާދަކުރެއްވިއްޔާ މަސައްކަތް ފެށުމަށް މި ދައުރުގެ ތެރޭގައި. އެހެން ނަމަވެސް އެއްކޮށް ނިންމައިލެވޭނެ ކަމަށް އަޅުގަނޑަށް ޔަގީން ކަމެއް ދޭކަށް ނުކެރޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
ކިނބިދޫ އާއި ވޭމަންޑޫ ކޯޒުވޭއަކުން ގުޅާލުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތ. އަތޮޅަށް ކުރެއްވި ދަތުރުގައި ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވެފައި ވަނީ، ސީދާ ދައުލަތުގެ ބަޖެޓުން (ޕީއެސްއައިޕީގެ ދަށުން) ހޭދަކުރުމުގެ ބަދަލުގައި، އެ ދެ ރަށް ކައިރީގައި އޮންނަ އެލާ، އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ދީގެން ކްރޮސް ސަބްސިޑީ މޮޑެލަކަށް އެ މަޝްރޫއު ކުރިއަށް ގެންދިއުން މާ ފީޒިބަލް ވާނެ ކަމަށެވެ.
އެއް ފަޅެއްގައި އޮތް ވޭމަންޑު އާއި ކިނބިދުއާ ދެމެދު 3 މޭލް (4.8 ކިލޯމީޓަރު) ހުރެ އެވެ. ކޯޒްވޭ އަކުން އެ ދެ ރަށް ގުޅާން ކުރިން ވެސް ޕްލޭންކޮށްފައި ވާއިރު، އެދެމެދުގައި އޮތް ފަޅުރަށް، އެލާ ވަނީ މިދިޔަ ވެރިކަމުގައި ސަރުކާރަށް ނަގައިފަ އެވެ. އެ ކޯޒްވޭގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީވެ މުއިއްޒު ވިދާޅުވެފައިވަނީ އެކަން ބިލާހަކަށް ވިޔަ ނުދެއްވާނެ ކަމަށެވެ.
"ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް ހަގީގަތަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން،" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި 2024 ގެ ފެބްރުއަރީގައި ތ. ކިނބިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.








