ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ކުރިއަށްގެންދިޔަ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ސުޖާއު އަލީ މިއަދު ކާމިޔާބު ކުރައްވައިފި އެވެ.
މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.
މި ބައި-އިލެކަޝަން ބާއްވަން އިލެކަޝަނުން ކަނޑައަޅާފައިވަނީ, ތިނަދޫ ކައުންސިލު ކުރީގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމާ ގުޅިގެންނެވެ.
މި އަހަރުގެ އޭޕްރީލް މަހު 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ.
ނަމަވެސް، ގާނޫނީ ގޮތުން ލާޒިމުކުރާ އަދަދަށް މެންބަރުން ނެތުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އުވައިލިކަން އޭޕްރިލް 11، 2026 ގައި އޮތީ އިލެކްޝަންސް ކޮމިޝަނުން އަންގައިފަ އެވެ.
ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅިއިރު، އެ ދުވަހާ ހަމައަށް އޭނާ ހުރީ ކައުންސިލް ރައީސްގެ މަގާމުތަކުން އެއްކިބާ ކޮށްފަ އެވެ. ޝުޖާއުއަކީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކޮށްގެން ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލަރެވެ.





