އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ އެންޑް އެންޑޯސްކޯޕީ ޔުނިޓުން ވަރަށް ކާމިޔާބު ކަމާއެކު ކުއްލި ހާލަތުގައި ހަދަންޖެހޭ އީއާރުސީޕީ ޕްރޮސީޖާއެއް ފުރިހަމަކޮށްފި އެވެ.
މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި، ހާއްސަކޮށް ބަނޑުގެ ބަލިތަކަށް ފަރުވާދޭ ދާއިރާއިން ހޯދި ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި އޮޕަރޭޝަނަކީ ފިތުގެ ނޭފަތުގައި ހިލަ އުފެދި، އޭގެ ސަބަބުން ފިތުގެ ހޮޅި ދުޅަވެ، ބަލިމީހާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ކުއްލި ފަރުވާއެކެވެ. މި ޕްރޮސީޖަރގެ ތެރެއިން އެންޑޯސްކޯޕިކް ސްފިންކްޓަރޮޓޮމީ ހަދައި، ބިލިއަރީ ސްޓެންޓެއް ވަނީ ލައްވާފަ އެވެ. މިއީ ބަލިމީހާގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި ކުރަންޖެހޭ ވަރަށް ނާޒުކު އަދި ފަންނީ މަސައްކަތެކެވެ.
މި ކާމިޔާބީގެ އެންމެ ހާއްސަ ކަމަކީ، މިއީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގެ ދިވެހި ޓީމަކުން މިފަދަ ޕްރޮސީޖަރއެއް ފުރިހަމަކުރި ފުރަތަމަ ފަހަރު ކަމަށް ވުމެވެ. މި މަސައްކަތުގައި މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ ޓީމުގެ އިތުރުން، ސާޖަރީ ޑިޕާޓްމަންޓާއި އެނެސްތީސިއާ ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވެއެވެ. މިއީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ގުޅިގެން ކުރި ނަމޫނާ މަސައްކަތެކެވެ.
މި ތާރީހީ ކާމިޔާބީން ދޭހަކޮށްދެނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި މާހިރުންގެ ގާބިލުކަން އިތުރުވަމުންދާ މިންވަރެވެ. އަދި މިއީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މިފަދަ ފަރުވާތައް ރާއްޖޭގައި ދެވެން ފެށުމަކީ، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އައިޖީއެމްއެޗް އިން ހާމަކުރި ގޮތުގައި، އެ ހޮސްޕިޓަލުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ އެންމެ ޒަމާނީ އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރާއްޖޭގައި ތިބެގެން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ކާމިޔާބީ ހާސިލުކުރުމުގައި ބައިވެރިވި ހުރިހާ ޓީމުތަކަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ މަރުހަބާ ކިޔައި، އެ ފަރާތްތަކުގެ އިހުލާސްތެރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.







