ރިޕޯޓުތިން އަހަރު ތެރޭ ބައިނަލްއަގުވާމީ 25 މުބާރާތަށް ސަރުކާރުން 41 މިލިއަން ރުފިޔާ

ތިން އަހަރު ތެރޭ ބައިނަލްއަގުވާމީ 25 މުބާރާތަށް ސަރުކާރުން 41 މިލިއަން ރުފިޔާ

ފާއިތުވި ތިން އަހަރު ތެރޭގައި ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ 25 ކުޅިވަރު މުބާރާތަކަށް ސަރުކާރުން 41 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ސްޕޯޓްސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ މީގެ ތެރެއިން އެންމެ ގިނަ މުބާރާތް ބާއްވާފައިވަނީ 2024 ވަނަ އަހަރު ކަމަށްވާއިރު، އެ އަހަރު ބޭއްވި 11 މުބާރާތަށް 19.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ.

ސްޕޯޓްސް މިނިސްޓްރީން 2023، 2024 އަދި 2025 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް މުބާރާތްތަކުގެ ގްރެފިކްސް، މިދިޔަ ދެ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރުން، ރާފިއު އާއި މަހުލޫފްގެ ފޮޓޯއާ އެކު.
ސްޕޯޓްސް މިނިސްޓްރީން 2023، 2024 އަދި 2025 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް މުބާރާތްތަކުގެ ގްރެފިކްސް، މިދިޔަ ދެ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރުން، ރާފިއު އާއި މަހުލޫފްގެ ފޮޓޯއާ އެކު.

ފާއިތުވި ދެ ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާއިން ރާއްޖޭގައި އެކި ކުޅިވަރުތަކުގެ ބައިނަލްއަގުވާމީ 25 މުބާރާތް ބޭއްވުމަށް 41 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. މިއީ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިންޓަނޭޝަނަލް މުބާާރާތްތައް ބޭއްވުނު ފަހަރެވެ. 

ސްޕޯޓްސް މިނިސްޓްރީން ބަޖެޓް ދީގެން، 2023 އާއި 2024 އަދި 2025 ވަނަ އަަހަރު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ކްލަބް ޖަމިއްޔާތަކުން ގިނަ އިންޓަނޭޝަނަލް މުބާރާތްތަކެއް ބޭއްވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު ސްޕޯޓްސް"  އިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީން ހާމަކުރި ހިސާބުތަކަށް ބަލާއިރު، މި ތިން އަހަރު ތެރޭ، 25 އިންޓަނޭޝަނަލް މުބާރާތެއް މިނިސްޓްރީން ބަޖެޓް ދީގެން ވަނީ ރާއްޖޭގައި ބާއްވައިފަ އެވެ. މިއީ، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ކުޅިވަރަށް ކުރެވުނު ބޮޑު އިންވެސްްޓްމަންޓެކެވެ. 

Advertisement

އެ ގޮތުން، 2023 ވަނަ އަހަރު ރާއްޖޭގައި ވަނީ ބައިނަލްއަގުވާމީ އަށް މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތްތަކަށް ޖުމްލަ އެކު، 13،367،205.51 ރުފިޔާ ހަރަދުކޮށްފަ އެވެ. އެ އަހަރު މިނިސްޓްރީން ބަޖެޓް ސަޕޯޓް ދީގެން ބާއްވާފައިވާ އިންޓަނޭޝަނަލް މުބާރާތްތަކަކީ، މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕް، ފައިވް ނޭޝަންސް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް، 13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް، ފޯ ނޭޝަންސް ކަޕް (ވޮލީބޯޅަ)، އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސް އާއި ބެޑްމިންޓަން އިންޓަނޭޝަނަލް ޗެލެންޖް އަދި އައިބީސީ ވިޒިޓް މޯލްޑިވްސް ޕްރޯ އެވެ. 

އޭގެ ފަހުން، 2024 ވަނަ އަހަރަކީ ރާއްޖޭގައި އެންމެ ގިނަ އިންޓަނޭޝަނަލް މުބާރާތް މިިނިސްޓްރީގެ އެހީއާ އެކު ބޭއްވިގެންދިޔަ އަހަރެެވެ.

ޖުމްލަ އެކު، 11 މުބާރާތް 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނުއިރު، 19،767،635.50 ރުފިޔާ މިނިސްޓްރީން ވަނީ ހަރަދުކޮށްފަ އެވެ. މިއީ، ރާއްޖޭގެ ކުޅިވަރު ތާރީހަށް ބަލާއިރު، އެއް އަހަރު ތެރޭ ރާއްޖޭގައި އެންމެ ގިނަ ބައިނަލްއަގުވާމީ މުބާެރާތް ބޭއްވުނު އަހަރެވެ. 

އެ ގޮތުން، 2024 ވަނަ އަހަރު ބޭއްވުނު މުބާރާތްތަކަށް ބަލާއިރު، ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް، 14 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް، ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތް، ކާވާ އަންހެން ވޮލީބޯލް ޗެލެންޖް ކަޕް، ކާވާ ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް، މޯލްޑިވްސް އޯޕަން (ޕޫލް ބިލިއާޑް)، އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތް - ސުޕަ ކަޕް، އޭޝިއަން ޓެނިސް ފެޑެރޭޝަންގެ މޯލްޑިވްސް އޯޕަން އަދި އައިބީސީ ވިޒިޓް މޯލްޑިވްސް ޕްރޯ އެވެ. 

މިދިޔަ އަހަރު ރާއްޖޭގައި މިނިސްޓްރީން ބަޖެޓް ސަޕޯޓް ދީގެން އިންޓަނޭޝަނަލް ހަ މުބާރާތެއް ބޭއްވި އެވެ. އެ މުބާރާތްތަކަށް ޖުމްލަ އެކު، 7،918،713.20 ރުފިޔާ ދޫކުރި އެވެ. އެ މުބާރާތްތަކަކީ، ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް، 7 ވަނަ ކެރަމް ވޯލްޑް ކަޕް، ކާާވާ މެންސް ޗެމްޕިއަންސް ލީގު، ކާވާ ކަޕް ފޯ ވިމެންސް، 16 އަަހަރުން ދަށުގެ ސާބާ ބާސްކެޓްބޯލް ޗެމްޕިއަންޝިޕް އަދި ދި ބެޑްމިންޓަން ކްލަބުން ބޭއްވި އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތް ހިމެެނެ އެވެ. 

ސްޕޯޓްސް މިނިސްޓްރީން 2023،2024 އަދި 2025 ވަނަ އަހަރު ބޭއްވި މުބާރާތްތަކުގެ ހަރަދުގެ ތަފާސްހިސާބުތަކެއް.
ސްޕޯޓްސް މިނިސްޓްރީން 2023،2024 އަދި 2025 ވަނަ އަހަރު ބޭއްވި މުބާރާތްތަކުގެ ހަރަދުގެ ތަފާސްހިސާބުތަކެއް.

ވަކިވަކި ކުޅިވަރުތަކުގެ އިންޓަނޭޝަނަލް މުބާރާތުގެ އަދަދުތައް

މި ތިން އަހަރު އިންޓަނޭޝަނަލް މުބާރާތްތައް މިނިސްޓްރީގެ ބަޖެޓް ސަޕޯޓާ އެކު ބާއްވާފައިވާ ކުޅިވަރުތަކަކީ، ވޮލީބޯލް (5 މުބާރާތް)، ޕޫލް ބިލިއާޑް (2 މުބާރާތް)، ބާސްކެޓްބޯލް (3 މުބާރާތް)، ބޮޑީބިލްޑިން (3 މުބާރާތް)، ބެޑްމިންޓަަން (3 މުބާރާތް)، ބޮޑީބޯޑިން (3 މުބާރާތް)، ކެރަމް (2 މުބާރާތް)، ސާފިން (2 މުބާރާތް)، ޓެނިސް (1 މުބާރާތް)، އަދި ބީޗްހޭންޑްބޯލް (1 މުބާރާތް) އެވެ. 

މިނިސްޓްރީން ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ތިން އަހަރުގެ ތެރޭގައި، މިނިސްޓްރީން މާލީ އެހީފޯރުކޮށްދީގެން އެންމެ ގިނަ އިންޓަނޭޝަނަލް މުބާރާތް ރާއްޖޭގައި ބާއްވާފައިވަނީ ވޮލީބޯޅަ އިންނެވެ. އެއީ، ފަސް މުބާރާތެވެ. އެ މުބާރާތްތަކަށް ޖުމްލަ އެކު، 4،483،870.11 ރުފިޔާ އެވެ. 

ބޮޑީބިލްޑިންގެ ތިން މުބާރާތެއް އެ ތިން އަހަރުތެރޭ ރާއްޖޭގައި ވަނީ ހޯސްޓްކޮށްފަ އެވެ. އެއީ، 2023 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާރާއި 2024 ވަނަ އަހަރު ބޭއްވި 14 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތުގެ އިތުރުން، 2024 ވަނަ އަހަރު ބޭއްވި ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތެވެ. މި ތިން މުބާރާތުން ރާއްޖެ އަށް ގިނަ މެޑަލްތަކެއް ލިބިގެންދިޔައިރު، ޖުމްލަ އެކު، ތިން މުބާރާތަށް ދައުލަތުން ވަނީ، 9،616،800 ރުފިޔާ އެެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ، ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތަށެވެ. އެ މުބާރާތް ބޭއްވުމަށް، 6.616،800 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. 

މޫދުކުޅިވަަރުތަކަށް ބަލާއިރު، ސާފިން އާއި ބޮޑީބޯޑިން އިން އިންޓަނޭޝަނަލް މުބާރާތްތައް ބާއްވައިގެން ގިނަ ކާމިޔާބީތަކެއް ވަކިވަކި އެތުލީޓުންނާއި ޓީމުން ވެސް ވަނީ ހޯދައިފަ އެވެ. އޭޝިން ސާފިން ޗެމްޕިއަންޝިޕް ދެ ފަހަރު ބޭއްވިއިރު، ޖުމްލަ އެކު، 5،513،983 ރުފިޔާ ވަނީ މި ދެ މުބާރާތަށް ސަރުކާރުން ފޯރުކޮށްދީފަ އެވެ. އަދި، މި ތިން އަހަރު ތެރޭ ބޮޑީބޯޑިންގެ މޯލްޑިވްސް ޕްރޯ ބޭއްވި ދެ ފަަހަރު (2023 އާއި 2024 ގައި)، 5،800،00 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 

ކެރަމް އަށް ބަލާއިރު، އޭޝިއާގެ މުބާރާތް 2024 ވަނަ އަހަރު ބޭއްވުމަށް، 1،500،000 ރުފިޔާ އަދި މިދިޔަ އަހަރު ކެރަމް ވޯލްޑް ކަޕް ބޭއްވުމަށް، 2،600،000 ރުފިޔާ ވަނީ ދައުލަތުން ފޯރުކޮށްދީފަ އެވެ. އެއީ، ދެ އިންޓަނޭޝަނަލް މުބާރާތަށް 4،100،000 ރުފިޔާ އެވެ. 

އައްޒާމް އަލިފުޅު

ސްޕޯޓްސް އެޑިޓަރ

އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ފަސް ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 އާއި 2024 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox