ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި، ފުރަތަަމަ ބުރުގެ ކުޅުން ނިމޭއިރު ގަދަ ހައެއްގެ ތެރޭގައި އޮންނަން ބޭނުންވާ ކަމަށް ބިސް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު، އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.
ލީގުގައި ހަތް ވަނަ މެޗު ހަފްތާ ނިންމާލިިއިރު، ބިސް ބުރު އޮތީ ތިން ވަނައިގަ އެވެ. އެކަމަކު، މިއަދު އޮޑި ސްޕޯޓްސް ކްލަބުން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ބަލިކުރުމުން، ބިސް ބުރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.
ބިސް ބުރަށް ފުރަތަަމަ ބުރުގައި ބާކީ އޮތީ މާދަމާ ނިއުއާ ކުޅޭ މެޗުގެ އިތުރުން އޮޑިއާ ބައްދަލުކުރާ މެޗެވެ.
"އަޅުގަނޑުމެން ޓީމު މިހާރު މި އޮތް ހިސާބުން އެބަޖެހޭ އަދި އިތުރަށް ތަންކޮޅެއް މަސައްކަތް ކޮށްލަން. ކުރިއަށް އޮތް ދެ މެޗުން އެއް ޕޮއިންޓް ނަމަވެސް ހޯދަން. އެ މަސައްކަތް ކުރަން ޖެހޭ، ކުރިއަށް މީދަ ނިއު ރޭޑިއަންޓް މެޗުގައި ވެސް މަސައްކަަތްކޮށްގެން ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރާނަން އެއް ޕޮއިންޓް ނަމަވެސް،" ނިއު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ނާދު ބުންޏެވެ.
"ފުރަތަަމަ ބުރު ނިމޭއިރު އެންމެ ބޮޑު އުންމީދަކީ ހަމަ ގަދަ ހައެއްގެ ތެރޭގައި، އިނދެވޭތޯ މަސައްކަތް ކުރުން. މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ."
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން، ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމަށް ފުރުސަތު ދޭން މަހެއްހާ ދުވަހަށް މެދުކެނޑާލުމަށް ފަހު، އަލުން ފެށިއިރު، ބިސް ބުރު ޓީމަށް ކުދިކުދި މައްސަލަ ދިމާވި ކަމަށް ނާދު ވަނީ ބުނެފަ އެވެ.
ހާއްސަގޮތެއްގައި ޓީމުގެ ފުރަތަަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ރަށްރަށަށް ދިއުމުން އެ އައި އުނދަގޫތައް ނާދު ވަނީ ފާހަގަކޮށްފަ އެވެ.
"މި ކަހަލަ ދަތި އެބަހުރި، އެހެންވީމަ ތައްޔާރުވުމަށް ތަންކޮޅެއް އުނދަގޫތަކެއް އައި، މިހާރު ހުރިހާ ޕްލޭޔަރުން އެއްވެ، ނަތީޖާ ނެރެން ވަރަށް މަސައްކަތް ކުރޭ މިހާރު ތިބި ޕްލޭޔަރުންތައް، އުންމީދަކީ ނިއު ރޭޑިއަންޓް މެޗުގައި ވަރަށް ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް. ރަނގަޅު ކުޅުމެއް ވެސް ފެނިގެންދާނެހެން ހީވަނީ،" ނާދު ބުންޏެވެ.
ބިސް ބުރުން ފުރަތަަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގައި ކުޅޭއިރު، ފުރަތަަމަ ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އަދި، ތިން މެޗުން ވަނީ މޮޅުވެފަ އެވެ.
ނާދު ވަނީ، ބިސް ބުރުގެ ސްކޮޑުގައި ތިބި ކުޅުންތެރިން ޕްރެކްޓިހާއި މެޗުތަކުގައި ކުރާ މަަސައްކަތުގެ އަގުވަޒަންކުރާ ކަމަށް ބުނެފަ އެވެ. ކުރިއަށް އޮތް ޓްރާންސާފާގައި އިތުރު ކުޅުންތެރިން ގެނެސްގެން ޓީމު ވަރުގަދަ ކުރުމަށްޓަކައި މެނޭޖްމަންޓާ ވާހަކަ ދައްކާ ކަމަށް ނާދު ވަނީ ބުނެފަ އެވެ.
"އެއީ، އަދި މި ވަރަކުން ނިންމާލެވޭކަށް ނެތް. އަދި، މި އަށް ވުރެން ރަނގަޅުކުރަން އެބަޖެހޭ. އެހެންވީމަ، އަޅުގަނޑު، މެނޭޖްމަންޓާ ވާހަކަ ދައްކަމުން މި ދަނީ. އިތުރު ޕްލޭޔަރުން ކޮޅެއް ގެނެސް، އަދި ބޭރު ޕްލޭޔަރެއް ވެސް ލައިގެން މި އަށް ވުރެން ވަރުގަދަ ކުރަން،" ނާދު ބުންޏެވެ.
ފުރަތަަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނާދު ބުނީ، ބިސް ބުރުގައި މި ވަގުތު މި ތިބި ކުޅުންތެރިން ދައްކާ ކުޅުމަށް ބަލާއިރު، ބިސް ބުރަކީ ފުރަތަަމަ ޑިވިޝަނުގައި އޮންނަން ޖެހޭ ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ނިއުގެ އެސިސްޓަންޓް ކޯޗު، އާފިއު މުހައްމަދު ބުނީ، އެންމެ ފަހުން ކުޅުނު މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ބަލިވުމުން ނިއު އިން ކަނޑައަޅާފައިވާ އަމާޒަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ކުރިއަށް އޮތް މެޗުގައި ކުޅެން ޖެހޭ ބިސް ބުރު އަކީ ލީގުގައި މި ފަހަރު އަލަށް ވާދަކުރާ ޓީމެއް ނަމަވެސް، އެ ޓީމުން ނެރެމުން އަންނަ ނަތީޖާތަކަށް ބަލާއިރު ފަސޭހަ ކޮށްލެވެން ނެތް ކަމަށް އާފިއު ވަނީ ބުނެފަ އެވެ.
ނިއު އާއި ބިސް ބުރު ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 15:50 ގަ އެވެ.







