ޕެރިސް (ނޮވެމްބަރު 27) - ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ޗެލްސީގެ ތަރި އެސްޓެވާއޯ އަށް ބިޑްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީއެސްޖީގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޖޯޖިއާގެ ކްވިޗާ ކްވަރަޝްކޭލިއާ އާއި ފްރާންސްގެ ޑެޒީރޭ ޑޫއޭ އަށް ވަނީ ކަކުލުގެ ސީރިއަސް އަނިޔާއެއް ދިމާވެ ސީޒަން ނިމިފަ އެެވެ. ކްވަރަޝްކޭލިއާ އާއި ޑޫއޭ އަކީ ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭގެ ޕްލޭނުގެ މުހިންމު ދެ ކުޅުންތެރިންނެވެ. އެކަމަކު، ދެން މި ސީޒަނުގައި ކުޅެން ޖެހޭނީ އެ ކުޅުންތެރިން ނުލަ އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ގެންނަން ތައްޔާރުވަމުން އަންނައިރު، އެ ޓީމުގެ ޓްރާންސްފާ ލިސްޓުގައި ހިމެނޭ އެއް ނަމަކީ ޗެލްސީގެ ވިންގް، އެސްޓެވާއޯ އެވެ.
ޒަބީ އަލޮންސޯ، ޗެލްސީގެ ކޯޗުކަމާ ހަވާލުވި ފަހުން އެސްޓެވާއޯ އަށް އެ ޓީމުން ގަވާއިދުން ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އެ ގޮތުން، މި ސީޒަނުގައި ޗެލްސީގެ 11 މެޗެއްގައި ކުޅެފައިވާ އެސްޓެވާއޯ، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ތިން މެޗުގަ އެވެ. ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް އެސްޓެވާއޯ ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އީއެސްޕީއެން ބްރެޒިލް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އުމުރުން 19 އަހަރުގެ އެސްޓެވާއޯ، 2033 ގެ ޖޫން މަހުގެ ނިޔަލަށް ޗެލްސީއާ އެކު ކޮންޓްރެކްޓް އޮތް ނަމަވެސް މި ސީޒަނުގައި އަދި ގޯލެއް ޖެހިފައިނުވާއިރު، ލަނޑެއް ޖަހަން ފުރުސަތު ވެސް ހޯދައިދެވިފައިނުވެ އެވެ. އެހެންވެ، މީޑިއާ އާއި ސަޕޯޓަރުންގެ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ދާއިމީ ކޮންޓްރެކްޓެއްގައި ނޫން ކަމުގައި ވިޔަސް، ލޯން ޑީލެއްގައި އެސްޓެވާއޯ ގެންދަން ވެސް ޕީއެސްޖީން ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.
މީގެ ދެ އަހަރު ކުރިން އެސްޓެވާއޯ ޗެލްސީ އަށް ގެނައީ ޖުމްލަ އެކު، 65 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.







