ޓިއުރިން، އިޓަލީ (ނޮވެމްބަރު 27) - އަންނަ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، އޮސްޓްރޭލިއަން އޯޕަން އިން ދުނިޔޭގެ ރޭންކިން ދެ ވަނައިގައި އޮތް އިޓަލީގެ ޖަނިކް ސިނާ ނަން ނަގައިފި އެވެ.
ކަކުލަށް ލިބިފައިވާ އަނިޔާއަކުން ފަރުވާ ހޯދަން އެތައް ގޮތަކުން މަސައްކަތް ކުރުމަށް ފަހު، އުމުރުން 25 އަހަރުގެ ސިނާ ވަނީ ދާދި ފަހުން އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި، އެ އޮޕަަރޭޝަނަށް ފަހު، ސިނާ އަށް ޖެނުއަރީ 17 ވަނަ ދުވަހު ފަށާ އޮސްޓްރޭލިއަން އޯޕަން އަށް އެނބުރި އާދެވޭނެ ކަމަށް ބެލެވުނެވެ. އެކަމަކު، އޭނާ ވަނީ މިހާރު މުބާރާތުން ވަކިވެފަ އެވެ.
ޓެނިސް އޮސްޓްރޭލިއާގެ ޗީފް އެގްޒެކްޓިވް، އެންޑްރޫ އަބްޑޯ ވިދާޅުވީ، ސިނާއާ އެކު ގަވާއިދުން ވާހަކަ ދެކެވެމުން އައި ކަމަށާއި އަދި މި ފަހުން އޭނާ ކުރި އޮޕަރޭޝަނަށް ފަހު، ކުރެވުނު މަޝްވަރާތަކަށް ބަލާއިރު، ސިނާ ވަނީ އޮސްޓްރޭލިއަން އޯޕަންގައި ވާދަނުކުރެވޭނެކަން ޔަގީންކޮށްދީފައި ކަމަށެވެ.
މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގަައި ސިނާ ބަލިވީ ސެމީ ފައިނަލުގައި ނޮވަކް ޖޮކޮވިޗް އަތުންނެވެ.
އިތުރު ގޮތެއް ނެތިގެން ސިނާ އޮޕަރޭޝަނެއް ކޮށްފި
ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބުމުން، އިޓަލީގެ ޓެނިސް ތަރި ޖަނިކް ސިނާ އޮޕަރޭޝަނެއް ކޮށްފިއެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ އަމާޒަކީ އަންނަ ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަން މުބާރާތަށް ފިޓްވެގެން އެނބުރި ކޯޓަށް ނުކުތުމެވެ.
ސިނާ، މިދިޔަ ސީޒަން ފެށީ ވަރަށް ތަފާތު ފޯމެއްގަ އެވެ. އެ ގޮތުން، 44 މެޗުން މޮޅުވިއިރު، ބަލިވީ ތިން މެޗުންނެވެ. ފަސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިނާ ވަނީ މި ފަހަރުގެ ޓެނިސް ސީޒަނުގައި، މާސްޓާސް 1000 ގެ ޖެހިޖެހިގެން ފަސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، މާޗް މަހުން ފެށިގެން، މެއި މަހުގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތްތަކުގަ އެވެ.
މިދިޔަ ޖުލައި މަހު، 12 ވަނަ ދުވަހު، ވިމަބްލަޑަން ޓެނިސް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރި ފަހުން ސިނާ އަށް ރަސްމީ މެޗެއްގައި ކުޅެވިފައިނުވެ އެވެ. އެއީ، ކަކުލަށް ލިބުނު އަނިޔާ އިން ރިކަވާވެގެން އެނބުރި ކުޅުމަށް އަންނަން ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބިފައިނުވާތީ އެވެ. ދެން، އެންމެ ފަހުން އޭނާ ނިންމީ އޮޕަރޭޝަނެއް ކުރާށެވެ.
އޮޕަރޭޝަނަށް ފަހު، އެނބުރި އާދެވޭނެ ސީދާ ތާރީހެއް ސިނާ އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.







