އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އެެތެރޭގެ އިންތިހާބުގެ ވޯޓުލުން މިރޭ 09:00 ޖަހަންދެން އިތުރުކޮށްފި އެވެ.
މިއަދު މެންދުރު 02:30 އިން ރޭގަނޑު 08:00 އާ ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާ ވޯޓުލުމުގެ މުއްދަތު 09:00 ޖަހަންދެން އިތުރުކުރީ ބައެއް ފޮށިތަކުގައި ވޯޓުލުން ގަޑިއަށް ނުފެށޭތީ އެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތްކަން ފާހަގަކުރެވެ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި 53,000 އަށްވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ.
ގައުމީ މަޖިލިސްގެ މި އިންތިހާބުގައި 1،102 މަގާމަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އޭގެ ތެރޭގައި ގައުމީ މަޖިލީހުގެ މެންބަރުންނާއި، ރަށްރަށުގެ ދާއިރާ ނައިބު ރައީސުންނާއި، އަންހެން ސެކްރެޓަރީންނާއި، ޒުވާނުންގެ ސެކްރެޓަރީން އިންތިހާބުކުރުން ހިމެނެ އެވެ.
އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑިއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އެ މަގާމުތަކަށް 774 މީހުން ވާދަކުރާއިރު އޭގެ ތެރޭގައި 112 އަންހެނުން ހިމެނެ އެވެ.
މުޅި ޖުމުލަ އިންތިހާބުގައި 1،612 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރޭގައި 368 އަންހެނުން ހިމެނެ އެވެ. ނޮވެމްބަރު 30، ގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ވަނީ ހަމަޖެހިފަ އެވެ.








