ހުސްނުވާ 99 އަހަރަށް ބޭރުގެ ބަޔަކަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ގޮވާލައްވައިފި އެވެ.
ސޯޝަލްމީޑިއާގައި މީކާއިލް ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބާ ހަމައަށްދާއިރު، ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ލިބޭނީ ހުސްނުވާ 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން ކަމަށެވެ.
"އެމްޑީޕީއަކީ މައި އޮޕޮޒިޝަން ޕާޓީއަށް ވީތީ މި ކަމުގައި އެމްޑީޕީގެ ދައުރާއި ޒިންމާ އިންތިހާއަށް ބޮޑެވެ. ރަސްމާލެ ވިއްކާލާ ބިލުގެ ބަހުސް އެޖެންޑާ ކޮށްފައި އޮއްވައި، ބްރަދާ އަބްދުﷲ ކަޅު ދަބަހަކާއެކު ރައްޔިތުންގެ މަޖިލީހަށް ވަންނަވައި އެ ވާހަކަ ދައްކައި އެންމެންގެ އަނގަ ބަންދުކުރަން އަބުރުގެ ގާނޫނު ފާސްކުރާއިރު، އެމްޑީޕީ މަޑުން އޮވެގެން ނުވާނެ،" މީކާއިލްގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.
ރަސްމާލޭ ޕްރޮޖެކްޓާމެދު ދެކޭ ގޮތް ބަލަން ވޯޓެއް ނުނަގައިފި ނަމަ މަގުތައް ފުރާލައި އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް
ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.
މީކާއިލް މިފަދަ ޕޯސްޓެއް ކުރައްވައިފައިވާއިރު، ޔޫއޭއީގެ އީގަލް ހިލްސްއަށް މަޝްރޫއުއެއް ހިންގުމަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމުގެ ކުރިން އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލުމަށާއި، އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި އެ މަޝްރޫއު ކުރިއަށް ގެންދާނަމަ، މުޒާހަރާ ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅައިފަ އެވެ.
ނަމަވެސް، މިއަދާ ހަމައަށް އެ ގަރާރުގެ އެއްވެސް މަސައްކަތެއް މަޖިލީހުގައި އެޖެންޑާކޮށްފައެއް ނުވެ އެވެ.








