ދިވެހިންނަށް ބޯހިޔާވަހިކަން ދިނުަމަށް ހިއްކަމުންދާ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ސަރުކާރުން ދޫކޮށްލުމުގެ ކުރިން އެކަމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައި ގަރާރެއް ފާސްކޮށްފައި ވަނިކޮށް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުން ގައުމުގެ އިސްތިގުލާލަށް އަސަރު ނުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު އެކްސް ގައި ވިދާޅުވީ ގައުމުތަކަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުން އަސަރު ކުރުމުގެ ބަދަލުގައި އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، އެ ބާރުގައި އިސްތިގުލާލު ހިމާޔާތް ކުރުމުގެ ފެންވަރު ލިބި، ބައިނަލްއަގުވާމީ ދަނޑުގައި ޖާގަ ކަށަވަރުވި ކަމަށެވެ.
"ސިންގަޕޫރު ނުވަތަ ސައުތު ކޮރެއާގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަކުން އަސަރެއް ނުކުރޭ. އޭގެ ބަދަލުގައި އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، އެ ބާރުގައި އިސްތިގުލާލު ހިމާޔަތްކުރުމުގެ ފެންވަރު ލިބި، ބައިނަލްއަގުވާމީ ދަނޑުގައި ޖާގަ ކަށަވަރުވި،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކީ ގައުމުތަކަށް ކަމަށާއި އެ އިންވެސްޓްމަންޓަކީ ރޯ މެޓީރިއަލް ނެގުން އެކަނި ކަމަށް ވެގެން ނުފުދޭ ކަމަށެވެ. އެގޮތުން އެ ޕްރޮސެސްކޮށް، އުފެއްދުންތެރިކަމަށް މަގުފަހިވުން ލާޒިމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނޮވެމްބަރު 1، ގައި ފާސްކުރީ ރަސްމާލެ ވިއްކާލުމުގެ ކުރިން އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލަ އެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާކުރަންވެސް އެ ޕާޓީގެ ގަުއުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ.
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ދިވެހިންގެ ބިން ދިވެހިންނަށް ގައުމީ ހަރަކާތުން މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމުގައިވެސް އެ ޕާޓީން ބައިވެރިވެފައިވެ އެވެ.
އެމްޑީޕީން ރަސްމާލެ ވިއްކާލުމާ ދެކޮޅުކަން ރަސްމީކޮށް ނިންމާފައިވީ ނަމަވެސް، އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ދަނީ އެ ޑީލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މެޖޯރިޓީ މެންބަރުން ޑީލާ ދެކޮޅެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.








