ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންތަކެއްދޭ ސޫތްޕެއް ކަމަށްވާ ރެޑް ޕާމް ވީވިލް (ރަތްމަޑި) އައްޑޫ ސިޓީގައި ހުރި ރުއްތަކުން ފެނުމުން އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން މަނާކޮށްފިއެވެ.
ރެޑް ޕާމް ވީވިލް ނުވަތަ ރަތްމަޑިއަކީ ރުކާއި، ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ ގަސްތަކަށް ބޮޑެތި ގެއްލުންތަކެއްދޭ ނުރައްކާތެރި ސޫތްޕެކެވެ. މި މަޑީގެ ނުރައްކާތެރިކަން ބޮޑުވަނީ އޭގެ ފަނީގެ މަރުހަލާގަ އެވެ. މި މަރުހަލާގައި މަޑީގެ ފަނިތައް ރުކުގެ ކަނދުތެރޭގައި ހުންނަ މަޑު ބައިތައް ކާން ފަށަ އެވެ.
ނަމަވެސް، ކަނދުގެ އެތެރެއަށް ލިބޭ މި ގެއްލުންތައް ބޭރަށް ފެންނަން ނުހުންނާތީ، ރުކަށް ގެއްލުން ލިބޭކަން ގިނަ ފަހަރަށް ފާހަގަވަނީ މަޑި ވަރަށް ބޮޑަށް އަށަގަނެ ރުކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ފަހުންނެވެ. މި މަޑީގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ، އެންމެ ފަހުން މުޅި ރުއް އެއްކޮށް މަރުވެގެންދެ އެވެ.
މި ނުރައްކާތެރި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އެގްރިކަލްޗާ މިނިސްޓްރީން މިހާރު ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން، މަޑި އަށަގަނެފައިވާ ރުއްތައް ދެނެގަތުމާއި، ގަވާއިދުން ރުއްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޭގެއިތުރުން މިހާރުވެސް އައްޑޫގެ ބައެއް ރަށްރަށުގައި މަޑި ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ އިންސެކްޓިސައިޑެއް ބޭނުންކުރަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މަޑި ކޮންޓްރޯލް ކުރުމަށް ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ޕެރޮމޯން ޓްރެޕްސް ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި މަޑިއަކީ ރުއްތަކަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށް ވާތީ، މިއީ ރާއްޖޭގެ އެހެން ރަށްތަކަށް ފެތުރުނަ ނުދީ ހިފެހެއްޓުން ވަރަށް މުހިންމު ކަމެކެވެ.
މި މަސައްކަތުގައި އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް، މިނިސްޓްރީން ވަނީ މިކަމަށް ހުރިހާ ފަރާތްތަކަކުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.








