ސަރުކާރުން ކުރާ ވިޔާނުދާ ކަންތައްތަކަށް ރައްޔިތުން ތިބީ ކެތްތެރިވެގެން ކަމަށް ހީނުކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު މުއިއްޒަށް އިލްތިމާސްކުރައްވައިފި އެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިން ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރު އެއްވެސް އަގަކާ ނުލައި ދާއިމަށް ހިލޭ ދިނުމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ތަންދޮރު ދަންނަ ބައެއް ކަމަށާއި ދިވެހިންގެ މަސްލަހަތާ ގުޅުން ދުރު ކަންތައްތައް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
"މުއިއްޒު ގަބޫލުކުރައްވާށޭ ރާއްޖޭގެ ހުރިހާ ދިމާލެއްގައި ތިބި ރައްޔިތުންނަށް މިހާރު މި ސަރުކާރުން މި ހިނގާ ވިޔާނުލާ ކަންތައްތައް ނޫނިއްޔާ ދިވެހި ރައްޔިތުންގެ މަސްލަހަތާ ގުޅުން ދުރު ކަންތައްތައް ހަމަ ހުރިހާ ރައްޔިތުންނަށް އެބަ އެނގޭ. ހަމަ ތަންދޮރު ދަންނަ ރައްޔިތުން، އެކަމަކު ރައްޔިތުން ކެތްތެރިވެ ތިބި ކަމަށް ހީފުޅު ނުކުރައްވާށޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް ނޭނގޭނެ ކަމަށް ދެކުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ވެސް އެނގޭ ކަމަށެވެ. އެގޮތުން ރައްޔިތުން އެދިއެދި ތިބީ ހާލަތު ބަދަލުވާނެ ދުވަހަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންނަކީ ކިޔަމަންތެރި ރައްޔިތެއް. އެކަމަކު އެމީހުން އަބަދުވެސް އެދިއެދި އެތިބީ މި ހާލަތު ބަދަލުވާނެ ދުވަހަކަށް. އެވާހަކަ މިރޭ ވެސް މިތަނުގައި އައްޑޫ ރައްޔިތުން ދެއްތޯ ދެއްކީ. އަޅުގަނޑުމެން އެކަންޏެއް ނޫން މި ވާހަކަ މިދައްކަނީކީ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ އެއްވެސް ސަރުކާރަކުން އެއްވެސް ލީޑަރަކު ގަބޫލުނުކުރައްވާ ރައްޔިތުންނަށް އެ ސަރުކާރަކުން ކުރާ ކަންތައް ރަނގަޅަށް ރައްޔިތުންނަށް ފަހުމުވާ ވަރަށް ކިޔާދީފައި ހުއްޖަތް ދައްކާލީމަ ނޫނީ ކުރާ ކަންކަމުގެ ސައްހަ މައުލޫމާތު އެމީހުންނަށް ނުލިބޭނެ ކަމަށް ގަބޫލުކުރުމަކީ ގޯހެއް."
އައްޑޫ ސިޓީއަށް ޔާމީން ކުރައްވާ ދަތުރުގައި އެ ސިޓީގެ އެކި ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ދަނީ ބައްދަލުކުރައްވަމުންނެވެ. އޭގެއިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ.
މީގެ ދެ އަހަރު ފަހުން 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާންކުރައްވާފައިވާ ޔާމީންގެ ޕާޓީ ޕީއެންއެފް އިން އަންނަނީ ކޮންމެ ހަފްތާއަކު ވެސް އެކި ހަރަކާތްތައް ބާއްވަމުންނެވެ.













