ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ އެކި ސަގާފަތްތަކާއި ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމަށް ސަރުކާރުން ރާވަމުންދާ ކަމަށް ބުނާ ކަންކަމާ ދެކޮޅަށް، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމެއް ނެގުމަށް ގޮވާލައި އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ސަގާފަތާއި ދީނާ ނުގުޅޭ، ތަފާތު ނަސްލުތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ އެއްވެސް ހަރަކާތެއް ހިންގަންވާނީ ދިވެހި ރައްޔިތުންގެ ސީދާ ބަހެއް ހޯދުމަށްފަހު ކަމަށެވެ.
"ވަކިން ހާއްސަކޮށް ޒައިނިސްޓު ޔަހޫދީން މިތާ ވަޒަންވެރިކުރުމަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ދިވެހި ރައްޔިތަކަށް ވެވޭނެ މީހުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ސުންނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށް އޮންނަ އޮތުމަކީ މި ގައުމުގެ އިސްލާމީ ތަސައްވުރު ރައްކާތެރިކުރުމަށް އޮތް އެންމެ ބޮޑު ބާރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލޭގައި ހިންގަން ރާވާފައިވާ ކަންކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަންކަމެވެ. އެހެންކަމުން، މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް އެ ހަރަކާތުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
މުއިއްޒަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ކަންކަން ފަސޭހަކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އައްޑޫ ސިޓީގައިވެސް އެފަދަ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން އޭނާ ހަނދާންކޮށްދެއްވި އެވެ.
ނޮވެމްބަރު ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަކީ ރިފަރެންޑަމަކަށް ތާއީދުކުރާ ރައްޔިތުން އެކަން ހާމަކުރުމަށް ބާއްވާ ބޮޑު ހަރަކާތެއް ކަމަށާއި މި އެއްވުމުގައި މާލެއާއި އަތޮޅުތެރޭގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް "ގައުމީ ހަރަކާތުން" ވަނީ އިލްތިމާސްކޮށްފަ އެވެ. އިމްރާން ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ދީނީ ވަހުދަތު ހިމާޔަތްކުރުމަށްޓަކައި ރައްޔިތުން ނުކުމެ، މި ޑިމާންޑްތައް ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހު ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި ރާއްޖޭގައި ބިދޭސީން ވަޒަންވެރިކުރުވުމަށް ސަރަހައްދެއް ދޫނުކުރެވޭނެ ކަމަށެވެ.












