ލަންޑަން (ނޮވެމްބަރު 11) - ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް، ޖޮއާއޯ ޕެޑްރޯ އަށް އަނިޔާވި ހަބަރު ލީކުވި މައްސަލައިގައި ޗެލްސީގެ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅުމުގައި ސަމާލުވާން އިންޒާރެއް ދީފި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން ޗެލްސީ ބަލިވި މެޗުގައި ޖޮއާއޯ ޕެޑްރޯ އަށް ނުކުޅެވުން ވެގެންދިޔައީ ކުއްލި ހަބަރަކަށެވެ. އެކަމަކު، ޖޮއާއޯ ޕެޑްރޯ އަށް އަނިޔާވުމާ އެކު، ޗެލްސީގެ ތަރި މޯގަން ރޮޖާސް އާއި އެ ޓީމުގެ ބައެއް ސްޓާފުން ވަނީ ޖޮއާއޯ ޕެޑްރޯ، އެ މީހުންގެ ފެންޓަސީ ޓީމުން ބާކީކޮށްފަ އެވެ. އެއާ އެކު، ޖޮއާއޯ ޕެޑްރޯ އަށް އަނިޔާވި ހަަަބަރު އޮތީ ލީކުވެފަ އެވެ.
އެ މެޗަށް ފަހު، ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯ ވަނީ ޖޮއާއޯ ޕެޑްރޯގެ އަނިޔާވެ ވާހަކަ މެޗުގެ ކުރިން ބޭރުވި ގޮތް ބަލައިފަ އެވެ. އަދި، އެ ހަބަރު ލީކުވީ ޗެލްސީގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމު މެދުވެރިކޮށް ކަމަށްވާތީވެ، ކްލަބްގެ ސީނިއާ މެނޭޖްމަންޓާ ހަމައަށް އަލޮންސޯ އެކަން ގެންދިޔައީ އެވެ.
އެއާ އެކު، ޗެލްސީގެ ސްޓާފުންނަށް ފޮނުވި އިންޓާނަލް އީމެއިލެއްގައި ވަނީ ފެންޓަސީ ޕްރިމިއާ ލީގު ކުުޅުމުގައި ކްލަބްގެ މުހިންމު މައުލޫމާތު ރައްކާ ކުރުމުގައި ސަމާލުވާން އަންގައިފަ އެވެ. އަދި، ކުރިއަށް އޮތްތަނުގައި އެކަން ވަަރަށް ގާތުން ކްލަބުން ބަލާނެކަން ވަނީ އަންގައިފަ އެވެ.
މިއީ، ޗެލްސީ އަށް މި ފަދަ ކަމެއް ދިމާވި ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ ލެގުގެ މެޗުތަކުގެ ކުރިން، ޗެލްސީގެ ޓީމު ލިސްޓުގެ ހަބަރުތައް ލީކުވި އެވެ. އަދި، އެކަން ހިނގި ގޮތް ބެލިއިރު، އެ ހަބަރުތައް ލީކުވުމާ ގުޅުނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުޅުމަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވި ސްޕެއިނުގެ ޑިފެންޑަރު، މާކް. ކުކުރޭއާގެ ބޯކޮށާ މީހާއާ އެވެ.







