ރައީސް މުހައްމަދު މުއިއްޒު ހުންނެވީ ފައިސާ ނަންގަވައިގެން ކަމަށާއި ގައުމުގެ ވެރިކަން މިއަދު ކުރައްވަނީ އެހެން ބައެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިރޭ ވިދާޅުވެއްޖެ އެވެ.
ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން އެއްބައި ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި މައުރޫފް ވިދާޅުވީ މުއިއްޒު ހުންނެވީ ފައިސާ ނަންގަވައިގެން ނަގޫ ފިތިފައި ކަމަށެވެ.
"މިއަދު މި ގައުމު ހިންގަނީ ރައީސް މުއިއްޒެއް ނޫން. މި ގައުމު ހިންގަނީ ރައީސް މުއިއްޒެއް ނޫން. އެހެން ފަރާތްތަކެއް. ރައީސް މުއިއްޒު ފައިސާ ނަންގަވައިގެން ނަގޫ ފިތިފައި ހުރީ. އެހެންވީމަ އަޅުގަނޑު އަލައްބާރަށް ގޮވާލަން އޮތީ ރައީސް މުއިއްޒަށް ގޮވާލާށޭ ދިވެހި ރައްޔިތުން މިކަމާ ކަންބޮޑުވެއޭ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ބާރު އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު އަންގަވައިގެން ހުއްޓުވާފައިވާ ކަމަށާއި މިހާރު އިދިކޮޅު އެމްޑީޕީއަށް މަޖިލީހަށް ގަރާރެއްވެސް ހުށަނޭޅޭ ކަމަށެވެ.
"އަލައްބާރަށް ދަންނަވަން އޮތީ ތިބޭފުޅާ ބުނާ ގޮތަށް މިއަދު ގާނޫނު ހަދަން ފަށައިފިއޭ. އަޅުގަނޑުމެންނަށް ގާނޫނުހަދާ މަޖިލީހުގައި ގަރާރު ހުށަހެޅުމުގެ ބާރު ތިބޭފުޅާ އަންގައިގެން ހުއްޓުވާލައިފިއޭ. އަޅުގަނޑުމެންނަށް މިހާރު ގަރާރެއް ހުށަހެއެއް ނޭޅެއޭ،" އޭނާ ވިދާޅުވި އެވެ.
އީގަލް ހިލްސްއަށް ރަސްމާލެއިން އެއްބައި ދޫކޮށްލަން ސޮއިކުރިޔަސް އެކަމާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ އެކަމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި ރަސްމާލޭގައި އެއްކަމެއްވެސް ކުރެވުނު ނުދޭނެ ކަމަށެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި ބިޑު ވެސް ނުކޮށް، ކަމުގެ ހަގީގަތް ނޭނގޭ ސިއްރު ވެރި ގޮތެއްގަ އެވެ. އެ ބިން އީގަލް ހިލްސް އަށް ކުއްޔަށް ދެނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުންޏަސް، އީގަލް ހިލްސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ރަސްމާލެ ލިބެނީ ދާއިމީ ގޮތެއްގަ އެވެ.
އެއީ 99 އަހަރަށް ކުއްޔަށް ހިފުމަށް ފަހު، އެ ބިން ވާރުތައިން ނުވަތަ ވިއްކައިގެން ވިޔަސް އެހެން ބަޔަކަށް ދިނުމާ އެކު އިތުރު 99 އަހަރުގެ މުއްދަތެއް ގުނަންޖެހޭ ގޮތަށް އޮތުމުން ކަމަށް، އީގަލް ހިލްސް ކުންފުނިން ވަނީ ބުނެފަ އެވެ. ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވެސް ބުނެފައިވަނީ، ހައުސިން މިނިސްޓަރު ބްދުﷲ މުއްތަލިބުގެ އެ ގުޅުމުގެ މެމްބަރުންނަށް މައުލޫމާތު ދެއްވި އިރު ވެސް، އެކަން ބަޔާންކުރައްވާފައިވާ ކަމަށް އެ ގުޅުމުން ބުނެ އެވެ.








