ރަސްމާލެ ހޯދުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ޔޫއޭއީގެ މުހައްމަދު އަލައްބާރު ފައިސާ ދިން ކަމަށް ބުނާ "ބްރަދާ އަބްދުﷲ" ގެ މައްސަލަ ތަހުގީގުކޮށް، އެމީހެއްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ކުރަންޖެހޭނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ, އަލައްބާރު, "ބްރަދާ އަބްދުالله" އަށް ފައިސާ ދިން ވާހަކައަކީ ތެދެއް ކަމުގައިވާނަމަ އެ މައްސަލަ ވަގުތުން ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި އެއީ ދޮގެއް ކަމުގައިވާނަމަ އަލައްބާރަކީ ދޮގުވެރިއެއް ކަމަށާއި، ދޮގުވެރިއަކަށް ދިވެހިން އިތުބާރު ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލައްބާރު ބްރަދާ އަބްދުﷲ އަށް ދިނީ ކިހާ ފައިސާއެއްތޯ، ދިނީ ކީއްކުރަންތޯ އެބަޖެހޭ ބަލަން. އަދި އެއީ ދިން ފައިސާއެއް ކަމަށް ވަންޏާ ބްރަދަރ އަބްދުﷲ އެ ފައިސާ ޖަމާކުރަން ޖެހޭނީ ދައުލަތުގެ އެކައުންޓަށް. އެއީ ދައުލަތުގެ ފައިސާ، ރަސްމާލެއާ ގުޅިގެން ދިން ފައިސާ. ބްރަދަރ އަބްދުﷲ އެ ފައިސާ ދައުލަތުގެ އެކައުންޓަށް ނުވައްދާ ކަމުގައި ވަންޏާ މަނީ ލޯންޑަރިންގގެ ދައުވާ ކުރަންޖެހޭނެ. ހިޔާނާތްތެރިކަމުގެ ދައުވާ ކުރަންޖެހޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ވިދާޅުވީ, ރަސްމާލެ މަޝްރޫއަކީ އިގްތިސާދީ މަސައްކަތެއް ކަމަށް ސަރުކާރުން ބުނާއިރު، 350 ބިލިއަން ރުފިޔާގެ އަގުހުރި އެހާ ބޮޑު ބިމެއް ބޭރުގެ ފަރާތަކަށް ހިލޭ ތާއަބަދަށް ދޭނެ ކަމަށް ސަލާމަތް ބުއްދި ހުރި އެއްވެސް އިންސާނަކު ގަބޫލު ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ އެ ބިން ދިނީ ހިލޭ ނޫންކަން. އަލައްބާރު އެބަ ބުނޭ ތިމަންނަ ކިތަންމެ ބައިވަރެއް ކިތަންމެ ފަހަރަކު ބްރަދާ އަބްދުﷲ އަށް ދިނީމޭ. ނެގި މީހަކު ފައިސާ ނަގައިފި. އެ ފައިސާގެ މުއާމަލާތް މިހާރުވެސް ކުރަމުން އެބަދޭ. ދިވެހިންގެ ފައިސާ، ދިވެހިންނަށް ހައްގުވާ، ރައްޔިތުންގެ ފައިސާ މި ސަރުކާރަށް ނިސްބަތްވާ ބްރަދާ އަބްދުﷲ ނަގައިފި،" އަލީ ހުސެއިން ވިދާޅުވި އެވެ.
ކަންމިހެން އޮތް އިރު, ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މި ބޮޑު މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރުމަށް ރޭގެ އެއްވުމުގައި އަލީ ހުސެއިން ވަނީ ގޮވާލައްވާފަ އެވެ.








