ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިއްކަމުންދާ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމަށް މަގުފަހިވާގޮތަށް ފަރުމާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އާއި އޭނާގެ ރަނިންމޭޓު މާލޭގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން އެ ސިޓީ އެޑްރެސްކުރައްވާފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރަން އެދުނީ އެ ބިލުގެ ސަބަބުން ބޮޑެތި ގެއްލުންވާނެތީ ކަމަށެވެ.
ފައިސަލް ވިދާޅުވީ ރިއަލްއެސްޓޭޓް ބިލަކީ ވަކި ބަޔަކާއެކު މުއާމަލާތެއް ހިންގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި އޭގެ މަގްސަދަކީ މިހާރު ހަދައިގެން އުޅޭ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ދައްކަން ކުރާ ކަމެއް ކަމަށެވެ.
ނަމަވެސް ސަރުކާރުން އީގަލް ހިލްސްއާއެކު ހެދި އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެކަމާ ގުޅިގެން ހަދަންޖެހޭ ގާނޫނުތައް ނަހަދައި އެއްބަސްވުމުގައި ސޮއިކުރުމުން އެއީ ފެށުމުގައިވެސް ބާތިލު އެއްބަސްވުމެއް ކަމަށެވެ.
މީގެއިތުރުން ރިއަލް އެސްޓޭޓް ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނަމަވެސް، އެ ބިލު ފަރުމާކުރީ ސީދާ ކޮންބައެއްކަން އެނގެން ނެތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެގޮތުން އެކަމުގައި އީގަލް ހިލްސްގެ ބައިވެރިވުން އޮތީ ކިހާވަރަކަށްކަން ވެސް ނޭނގޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި ބިޑު ވެސް ނުކޮށް، ކަމުގެ ހަގީގަތް ނޭނގޭ ސިއްރު ވެރި ގޮތެއްގަ އެވެ. އެ ބިން އީގަލް ހިލްސް އަށް ކުއްޔަށް ދެނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުންޏަސް، އީގަލް ހިލްސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ރަސްމާލެ ލިބެނީ ދާއިމީ ގޮތެއްގަ އެވެ.
އެއީ 99 އަހަރަށް ކުއްޔަށް ހިފުމަށް ފަހު، އެ ބިން ވާރުތައިން ނުވަތަ ވިއްކައިގެން ވިޔަސް އެހެން ބަޔަކަށް ދިނުމާ އެކު އިތުރު 99 އަހަރުގެ މުއްދަތެއް ގުނަންޖެހޭ ގޮތަށް އޮތުމުން ކަމަށް، އީގަލް ހިލްސް ކުންފުނިން ވަނީ ބުނެފަ އެވެ. ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވެސް ބުނެފައިވަނީ، ހައުސިން މިނިސްޓަރު ބްދުﷲ މުއްތަލިބުގެ އެ ގުޅުމުގެ މެމްބަރުންނަށް މައުލޫމާތު ދެއްވި އިރު ވެސް، އެކަން ބަޔާންކުރައްވާފައިވާ ކަމަށް އެ ގުޅުމުން ބުނެ އެވެ.
ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ދަނީ ގޮވާލަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް ބޭއްވުމަށް އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ.








