ބޭސް ނުލިބޭ މައްސަލައަށް ހައްލެއް ހޯދޭނެ ތާރީހެއް ވިދާޅުނުވެ، މިހާރު ވެސް ރާއްޖެއަށް ބޭސް އެތެރެކޮށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު، ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ގީލާ އެހެން ވިދާޅުވީ ބޭހުގެ މައްސަލައަށް ހައްލެއް ހޯދޭނެ ތާރީހަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ގީލާ ވިދާޅުވީ ސްޓޭޓް ފާމާ އުފެއްދީ ބޭހުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ.
"ބޭހުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސްޓޭޓް ފާމާ އުފައްދަވައި، އަދި، ސްޓޭޓް ފާމާއިން ވަނީ މިހާރު ބޭސް އެތެރެކުރުމުގެ މަސައްކަތްތައް ކުރެވެމުން އެބަ ގެންދެވޭ، އަދި، ހަމަ އެހެންމެ އަތޮޅުތެރެއަށް އަޅުގަނޑުމެންނަށް މި ލިބެމުންދާ ބޭސްތައް ފާމަސީތަކަށް ފޯރުކޮށްދީ އަދި ހަމަ ބޭނުންވާ ކޮންސިއުމަބަލްސް ވެސް ހަމަ ފޯރުކޮށްދެވެމުން އެބަ ގެންދެވޭ،" ގީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގެ ލެބޯރިޓީތަކަށް ބޭނުންވާ ކޮންސިއުމަބަލްސް ވެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ކުރަމުންދާ ކަމަށެވެ.
ބޭސް ނުލިބޭ މައްސަލައާ ގުޅިގެން އެއް މެންބަރަކަށްވުރެ ގިނައިން މިއަދު ގީލާއާ ސުވާލުކުރި އެވެ. ނަމަވެސް، އެއިން އެއްވެސް ސުވާލަކަށް ދެއްވި ޖަވާބުގައި ބޭސް ނުލިބޭ މައްސަލައަށް އޭނާ އިޝާރާތެއް ނުކުރެއްވި އެވެ. އަދި، ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ތާރީހެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.
ރާއްޖެއިން ބޭސް ނުލިބުމުގެ މައްސަލަ މިހައި ބޮޑަށް ދަތިވެފައި މި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގަ އެވެ. އެކަން ފެށުނީ ވެރިކަމުގެ ފުރަތަމަ ކޮޅު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އިއުލާނު ކުރެއްވި އިންޑިއާއާ ދުރުވުމުގެ މަގުޗާޓަށްފަހު އެވެ. މުއިއްޒު ބޭނުންވެވަޑައިގަތީ އިންޑިއާއިން ބޭސް ގެނައުން ހުއްޓާލުމަށެވެ.
"އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން، ޔޫރަޕާއި އެމެރިކާއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރާ ގޮތަށް އަޅުގަނޑުމެން ބަދަލު ކުރާނަން،" ޖެނުއަރީ 13، 2024، ގައި މުއިއްޒު ވިދާޅުވި އެވެ.
އޭގެ ފަހުން ބޭހުގެ މައްސަލަ ބޮޑުވުމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ދިމާވަނީ ބޭހުގެ ވިޔަފާރި ކުރާ މީހުން ގަސްދުގައި ބޭސް އެތެރެނުކޮށް ދަތި ކުރާތީ ކަމަށެވެ.
"އެހެންވީމާ، އެކަން [ބޭހުގެ އަގުތައް] ރަނގަޅުކުރަން، އަޅުގަނޑުމެން އަގުތައް ކެޕްކޮށްލީ. ކުޑަކޮށްލީ. ކުޑަކޮށްލީމާ، މީގެ ރިޕަކަޝަނެއް ގޮތުގައި، ބައެއް ވިޔަފާރިވެރިން، ބޭހުގެ ވިޔަފާރިވެރިން، އަޅުގަނޑު އެދެން އެބޭފުޅުން އަޅުގަނޑަށް މާފުކުރައްވާނެ ކަމަށް. އެކަމަކު ހަގީގަތް ދަންނަވާލަން. ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް. ހަމަ ޗޯކް ކޮށްލަންވެގެން. ހުއްޓާލީމާ ތާށިތަކެއް ދިމާވީ،" މެއި 3، 2025، ގައި މުއިއްޒު ވިދާޅުވި އެވެ.
އެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ސެޕްޓެމްބަރު 9، 2025، ގައި ސްޓޭޓް ފާމާގެ ނަމުގައި ދައުލަތުގެ ބޭސް ކުންފުންޏެއް އުފައްދައިފަ އެވެ. އޭގެ ފަހުން ވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ.









