އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، އޮތް ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީން ވެސް ބަޖެޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާއިރު މިއަދުގެ ޖަލްސާގައި އެ ރިޕޯޓަށް އެމްޑީޕީގެ ފަރާތުން އިސްލާހުތަކެއް ހުށަހެޅި އެވެ. އެ ޕާޓީން ހުށަހެޅި 21 އިސްލާހުގެ ތެރެއިން ތަޅުމަށް ހުށަހަޅަން ފުރުސަތު ލިބުނީ ހަތް އިސްލާހެވެ.
ބަޖެޓު ފާސްކުރީ 65 މެންބަރުންގެ ވޯޓާއެކު އެވެ. އެމްޑީޕީގެ 13 މެންބަރުން ބަޖެޓަށް ވޯޓު ދެއްވާފައި ނުވެ އެވެ. އަދި އެ ޕާޓީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެ އެވެ.
އަންނަ އަހަރަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރުގެ 64.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ނަމަވެސް ސަރުކާރު ހިންގުމާއި ތަރައްގީގެ ކަންކަމަށް ކުރާ ހަރަދު ވަނީ 3.3 ބިލިއަން ރުފިޔާ އިތުރުވެ، 52.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ބަޖެޓުގައި ޖުމުލަ އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާއަށް ބޮޑުވެފަ އެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީން ނިންމިއިރު، މަރުކަޒީ ބޭންކް (އެމްއެމްއޭ) އަދި އޮޑިޓާ ޖެނެރަލް ވަނީ މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް ހިލޭ އެހީ ނުލައި ލިބޭ އާމްދަނީގެ 101 ޕަސެންޓު ހިންގުމުގެ ހަރަދަށް ދިއުމާއި، ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދާނެ ސާފު ޕްލޭނެއް ނެތުން އެ ފަރާތްތަކުން ފާހަގަކުރެއްވި އެވެ.
އެހެން ނަމަވެސް، މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް ކޮމިޓީ މަރުހަލާގައި އެއްވެސް އިސްލާހެއް ގެނެސްފައި ނެތެވެ.
ޕީއެންސީން ބޭރުކޮށްލި އެމްޑީޕީގެ އިސްލާހުތައް
މެންބަރު މުހައްމަދު އަމީން ފައިސަލް ހުށަހެޅުއްވީ ކޮންޓިންޖެންސީ ބަޖެޓުން 250 މިލިއަން ރުފިޔާ ސިއްހީ އަދި ތައުލީމީ ދާއިރާއަށް ހާއްސަކުރުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ އެ ދެ ދާއިރާގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ހަމަޖެއްސުމާއި، ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އިތުރުކުރުމެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އިތުރުގަޑީގެ ފައިސާއަށް އަޅާފައިވާ 10 ޕަސެންޓުގެ ސީލިން އުވާލައި، އިންސާނީ ވަސީލަތްތަކުގެ އޮޑިޓެއް ހެދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާގެ ތަފްސީލު ހާމަކުރުމަށް ގޮވާލައްވައިފަ އެވެ. އެގޮތުން ބަޖެޓު ފާސްކުރުމުގެ ކުރިން ކޮންމެ މަޝްރޫއެއް ހިންގާ ރަށާއި މުއްދަތު މަޖިލީހަށް ހުށަހެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ޕޭ ހާމަނައިޒޭޝަނާ އެކު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައަށް ކޮންޓިންޖެންސީން 100 މިލިއަން ރުފިޔާ ދިނުމަށާއި، އައްޑޫ އެއާޕޯޓު މަޝްރޫއު ނިންމަން ފައިސާ ހަމަޖެއްސުމަށް ވެސް ހުށަހެޅުއްވި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ އެހީތައް ބަޖެޓުގައި ރަސްމީކޮށް ހިމެނުމަށެވެ. އެގޮތުން އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތަށް އައިލެންޑް އޭވިއޭޝަނަށް ސަބްސިޑީގެ ގޮތުގައި 399 މިލިއަން ރުފިޔާ ކަނޑައެޅުމަށް އޭނާ އެދިވަޑައިގަތެވެ. ހަމައެއާ އެކު ރޯޑް ކޯޕަރޭޝަނަށް ސަރުކާރުން ދީފައިވާ 60 މިލިއަން ރުފިޔާގެ ލޯނު ކުރީ އަހަރުތަކުގެ ބަޖެޓުގައި ހިމަނާފައި ނުވާތީ، އެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ރަސްމީކޮށް ހިމެނުމަށް ވެސް ހުށަހެޅުއްވި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ހުށަހެޅުއްވީ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން 200 މިލިއަން ރުފިޔާ ނުނިމި ހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމުމަށް ހާއްްސަކުރުމަށެވެ.








