ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ގާއިމުކޮށްފައިވާ އީ-ގޭޓްތަކުން ފަތުރުވެރިންނަށް މިއަދު ހިދުމަތްދޭން ފަށައިފި އެވެ.
އެ ހިދުމަތް ފެށުމަށް ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު ފަސީހު ވިދާޅުވީ އީ-ގޭޓްސްތައް ހުޅުވުމާ ގުޅިގެން އިމިގްރޭޝަންގެ އިންޓަރެކްޝަން މަދުވެ، އީ-ގޭޓް މެދުވެރިކޮށް ގޮސްފިނަމަ ފުރާއިރު ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ކަމަށެވެ.
"މިހާރު މި އީ-ގޭޓްސްތައް ހުޅުވުމާ ގުޅިގެން އަޅުގަނޑުމެންގެ އިންޓަރެކްޝަން ވަރަށް ބޮޑަށް މަދުވެގެންދާނެ. ދެން އީ-ގޭޓްސް މެދުވެރިކޮށް ހުރަސްކޮށްފިއްޔާ ދެން އިތުރަށް އެމީހާ ފުރާއިރަކު ނުޖެހޭނެ ޕާސްޕޯޓެއްވެސް ޖައްސާކަށް. އޭގެ މާނައަކީ ސީމްލެސްކޮށޭ އެމީހާ ފުރައިގެންދާނީ،" އޭނާ ވިދާޅވުި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އީ-ގޭޓްގެ ހިދުމަތް މި ސަރަހައްދުގައިވެސް މިހާ ފުޅާކޮށް ދެވޭ ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށާއި އަލަށް ގާއިމުކުރި ސިސްޓަމް މެދުވެރިކޮށް ގައުމަކުން ރާއްޖެ އަންނަން ޗެކިން ކުރުމުން އިމުގާ ސިސްޓަމް މެދުވެރިކޮށް އެމީހަކަށް އީ-ގޭޓަށް ވަދެވޭނެކަމުގެ ކްލިއަރެންސް ލިބޭނެކަމުގެ ވެރިފިކޭޝަނެއް ދާނެ ކަމަށެވެ.
"ހަމައެއާއެކު އެމީހަކު އެ ހުންނަ ގައުމަކުން ޗެކިން ކުރުމާ ހިސާބުން ފެށިގެން އިމިގްރޭޝަންގެ އިމުގާ ސިސްޓަމް މެދުވެރިކޮށް އެމީހަކަށް އީ-ގޭޓަށް ވަދެވޭނެކަމުގެ ކްލިއަރެންސް ލިބޭނެކަމުގެ ވެރިފިކޭޝަނެއް ދާނެ. އަދި އީ-ގޭޓް ކްލިއާކުރާ ހިސާބުން ފެށިގެން އީ-ވިސާއެއް ވަގުތުން އެ އީމެއިލަށް އިޝޫކުރެވިގެންދާނެ. މިއީ މުޅިން ކުރީގައި އޮތް ނިޒާމާ ވަރަށް ބޮޑަށް ތަފާތު ކަމެއް،" އިހުސާން ވިދާޅުވި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އީ-ގޭޓްގެ ހިދުމަތް ކުރިން ދިވެހިންނަށް އެކަނި ހާއްސަވިޔަސް، އަލަށް ގެނައި ބަދަލާއެކު ކަނޑައެޅިފައިވާ 31 އެއާލައިނަކުން ދަތުރުކުރާ 39 ގައުމެއްގެ ޝަރުތުހަމަވާ ފަތުރުވެރިންނަށް ހިދުމަތް ލިބޭނެ ކަމަށެވެ.
ވީއައިއޭގައި ޖުމްލަ 35 އީ-ގޭޓް ގާއިމުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖެ އަންނަ މީހުންނަށް ހާއްސަ 20 ގޭޓާއި، ފުރާ މީހުންނަށް ހާއްސަ 15 ގޭޓް ހިމެނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝަރުތުހަމަވާ އިލެކްޓްރޯނިކް ޕާސްޕޯޓް ބޭނުންކުރާ ފަރާތްތަކަށް އެ ދެ ބައިން ވެސް އޮޓޮމޭޓެޑް ނިޒާމުގެ ތެރެއިން އިމިގްރޭޝަން މަރުހަލާތައް ނިންމާލެވޭނެ އެވެ.








