ނަފުސާނީ ބަލިތައް ތަހަންމަލުކުރާ މީހުންނަށް ދޭންޖެހޭ ފަރުވާ އާއި އެފަދަ މީހުންގެ ހައްގުތައް ކަށަވަރުކުރުމާބެހޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު، މުސްތަފާ ހުސައިން އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ވަނީ ނަފުސާނީ ބައްޔާއެކު ދިރިއުޅޭމުންދާ އެކި ހާލަތްތަކުގައި ތިބޭ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފަ އެވެ.
އޭގެ އިތުރުން، ނަފުސާނީ ފަރުވާ އާއި ހިދުމަތްތައް ހޯދާ މީހުންގެ ހައްގުތަކާއި އެކި އިދާރާތަކާއި މުއައްސަސާތަކުގެ ޒިންމާތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބިލުގައި ވާގޮތުން، ރާއްޖޭގައި ދެވޭ ނަފުސާނީ ސިއްހަތުގެ ހިދުމަތްތަކާއި ނަފުސާނީ ފަރުވާއަކީ ވަށާޖެހޭ ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދޭ ހިދުމަތްތަކެއް އަދި، ފަރުވާއަކަށް ހެދުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންޖެހެ އެވެ.
ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތުގައި ކަނޑައަޅާ އަމާޒުތައް ހާސިލުކުރުމަށްޓަކައި މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވައިލާ މެންޓަލް ހެލްތު އެކްޝަން ޕްލޭނެއް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުން އެކުލަވައިލަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ބަޔާންކޮށްފައި ވަނީ އެ ބިލު ގާނޫނަކަށްވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުގައި ނަފުސާނީ ފަރުވާއަށް ހާއްސަ މަރުކަޒުތަކެއް ދައުލަތުން ގާއިމުކުރަން ޖެހޭނެ ކަމަށެވެ. އަދި، ނަފުސާނީ ދުޅަހެޔޮކަމުގެ އެސެސްމެންޓުތަކާއި ރިފަރަލްގެ ހިދުމަތްތަކުގެ އިތުރުން ނަފުސާނީ ފަރުވާ އާއި އެއާގުޅޭ ސިއްހީ ފަރުވާގެ ހިދުމަތްތައް ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކަކުން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަންޖެހޭނެ ކަމަށެވެ.
ނަފުސާނީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ އަދި، އެފަދަ ކަންކަމުގައި 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭނެ ހެލްޕްލައިނެއް ގާއިމުކުރަން ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އޭގެ އިތުރުން، ނަފުސާނީ ފަރުވާ ހޯދުމަށް އަމިއްލައަށް ހުއްދަދެވޭ ހާލަތުގައި ތިބޭ މީހުންނާއި އަމިއްލައަށް ހުއްދަނުދެވޭ ހާލަތުގައި ތިބޭ މީހުންގެ އިތުރުން، ކުޑަކުދިންނާއި ބަންދުގައި ނުވަތަ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ތިބޭ މީހުންނަށް ނަފުސާނީ ފަރުވާ ދެވޭނެ ގޮތުގެ އުސޫލުތައް ވެސް ތަފުސީލުކޮށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ގާނޫނު ހުއްދަކުރާ ހާލަތުގައި ތަންފީޒީ އިދާރާތަކަށާއި ފަރުވާ ކުރިއަށް ގެންދިޔުމަށްޓަކައި ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހާމަކުރުން ފިޔަވައި، އެ ނޫން ހާލަތްތަކުގައި ނަފުސާނީ ބަލި ތަހައްމަލު ކުރާ މީހެއްގެ ޒާތީ މައުލޫމާތު އެ މީހެއްގެ ހުއްދަ ނެތި ހާމަކުރުމަކީ ކުށެއްކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެފަދަ އަމަލެއް ކުރާ މީހަކު 50،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން ވެސް، އިހުމާލުގެ އަމަލުތަކާއި މަނާ ފަރުވާ ދިނުން ފަދަ ކުށްތައް ބަޔާންކޮށް އެފަދަ އަމަލުތަކަށް ދެވޭނެ އަދަބުތައް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބިލަށް އަމަލުކުރަން ޖެހޭނީ، ބިލު ތަސްދީގުކުރާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ފަހުން ކަމަށް އެ ބިލުގައި ލިޔެފައިވެ އެވެ.








