ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ސިޔާސަތުތަކާއި އިދާރީ ކަންކަން ބަލަހައްޓާ އެންމެ މަތީ މުއައްސަސާގެ ގޮތުގައި ކުރިން އުވާލާފައިވާ ޖުޑީޝަލް ކައުންސިލް، އަލުން އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދު ކަމަށް ބަޔާންކޮށްފައި ވަނީ ކޯޓުތަކުގެ ހިންގުމާއި އިދާރީ ކަންކަން ސީދާ ޝަރުއީ ދާއިރާގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ.
މި ބިލުގެ 91 ވަނަ މާއްދާގައި ޖުޑީޝަލް ކައުންސިލްގެ މަގުސަތަކާއި މަސްއޫލިއްޔަތުތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި ވެ އެވެ. އެގޮތުން، ޝަރުއީ ދާއިރާގެ އާންމު ސިޔާސަތުތައް ކަނޑައަޅައި ފާސްކުރުމާއި، ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓުތަކުގެ އިދާރީ ހިންގުމާ ބެހޭ ގަވާއިދުތައް އެކުލަވައިލުމަކީ މި ކައުންސިލްގެ މައިގަނޑު އެއް ޒިންމާ އެވެ.
މީގެ އިތުރުން، ޝަރުއީ ނިޒާމު ތަރައްގީކުރުމުގެ ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމާއި، ކޯޓުތަކުގައި މައްސަލަތައް ބަލައި ނިންމާނެ އާންމު އުސޫލުތައް ކަނޑައެޅުންވެސް މި ކައުންސިލަށް މަތިކޮށްފައި ވެ އެވެ.
ޖުޑީޝަލް ކައުންސިލްގެ ބާރުތަކުގެ ތެރޭގައި މަދަނީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، އެ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެ އެވެ. ހަމައެއާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތްތައް ބަލަހައްޓައި، އެ އިދާރާއަށް ބޭނުންވާ އިރުޝާދު ދިނުމާއި، ޝަރުއީ ދާއިރާގެ ބަޖެޓު ފާސްކުރުމުގެ ބާރު ވެސް މި ކައުންސިލަށް ލިބިގެންދާނެ އެވެ.
ބިލުގެ 92 ވަނަ މާއްދާގައިވާ ގޮތުން، އަލުން އުފައްދާ ޖުޑީޝަލް ކައުންސިލް އެކުލެވިގެންވަނީ ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ. އެއީ އުއްތަމަ ފަނޑިޔާރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ދެ ފަނޑިޔާރުން، ހައި ކޯޓުގެ އިސް ފަނޑިޔާރު، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހޮވާ އެއް ފަނޑިޔާރު، ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން އަދި މެޖިސްޓްރޭޓުންގެ ތެރެއިން އިންތިހާބުކުރާ ތިން މެޖިސްޓްރޭޓުންނެވެ. ކައުންސިލްގެ ރައީސަކީ އުއްތަމަ ފަނޑިޔާރެވެ.
މި ކައުންސިލްގެ އިދާރީ މަސައްކަތްތައް ނުވަތަ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. އަދި ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ އަހަރީ ރިޕޯޓެއް ކޮންމެ އަހަރަކުވެސް ތައްޔާރުކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ. މީގެ އިތުރުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައްޔަނުކުރުމުގެ މަސްއޫލިއްޔަތު ވެސް މަތިކޮށްފައިވަނީ މި ކައުންސިލަށެވެ.
މި ބިލު މަޖިލީހުން ފާސްވެ، ގާނޫނަކަށް ވެ ތަސްދީގުކުރާ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ޖުޑީޝަލް ކައުންސިލް އަލުން އުފައްދަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.









